29 ނޮވެމްބަރ 2021 - 12:23

ބެޓެރި ބޭނުންކޮށްގެން ދުއްވާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް މަނާކޮށްފައި އޮންނަ ވިލިމާލޭގައި ޓެކްސީގެ ގޮތުގައި ބެޓެރީ 10 ކާރު ދުއްވަން މާލޭ ސިޓީ ކައުންސިލުން ހުއްދަ ދޭން ނިންމައިފި އެވެ.
ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ވިލިމާލޭގައި ބަގީގެ ހިދުމަތް އެންމެ އެދެވޭ ގޮތުގައި ދެމުން ނުދާތީ، އެ އަވަށުގައި އެ ކަން ކުރާ ފަރާތާ މަޝްވަރާކޮށް، ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް އިތުރު ފަސޭހަތައް ހޯދައިދިނުމުގެ މަގްސަދުގައި ޓެކްސީގެ ގޮތުގައި ބެޓެރީ ކާރު ދުއްވަން ހުއްދަ ދޭން ކައުންސިލުން ފާސްކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ހަފުތާގައި ފުރުސަތު ހުޅުވައިލާނެ ކަމަށެވެ.
"އެއީ ބަގީގައި ނުގެންދެވޭ އެއްޗިއްސާއި އަދި ބަގީ އަށް ނޭރޭ ކަހަލަ ހާލަތްތަކުގައި ކާރު ބޭނުންކުރުމަކީ ބޭނުން ޖެހިފައި އޮތް ކަމެއް ކަމަށް އަޅުގަނޑުމެންނަށް ފެންނާތީ،" މުއިއްޒު ވިދާޅުވި އެވެ.
ބެޓެރީ ކާރުގެ އިތުރުން ޓެކްސީގެ ގޮތުގައި ވޭނަށް ވެސް ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ ވިލިމާލޭގައި ދުއްވާ ބެޓެރީ އުޅަނދުތައް އެ ކައުންސިލުގައި ރަޖިސްޓަރީކުރަން ޖެހޭ ގޮތަށް ވެސް ހަދައިފަ އެވެ. އެގޮތަށް ނިންމީ ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ އަދަދު އިތުރުވެ، ބެޓެރި ވެހިކަލްތަކުގެ ދަފްތަރެއް އެކުލަވައިލަން ކައުންސިލުން ބޭނުންވެގެންނެވެ.