ކޮޅުފުށި ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި
ކޮޅުފުށި ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

މ. ކޮޅުފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާ އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ ޒީނިޔާ އަހުމަދެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 365 ދުވަހުގެ ތެރޭ ނިންމާ ގޮތަށް 22.96 މިލިއަން ރުފިޔާއަށެވެ.

މި އެއްބަސްވުމުގެ ދަށުން ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރަން އެ ރަށުގެ ގިރާ ސަރަހައްދަށް ވެލި އެޅުމާއި 202 މީތަރުގ ބޭރު ތޮއްޓެއް ލުމާއި 519 މީޓަރުގެ ރިވެޓްމަންޓު ޖެހުމުގެ މަސައްކަތްކުރާނެ އެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި 64 މަޝްރޫއެއްގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރެއިން އަށް މަޝްރޫއަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކެވެ. އެ ކުންފުނިން ވަނީ ފާއިތުވި ތިން އަހަރު ތެރޭ ގޮޑުދޮށް ހިމާޔަތް ކުރުމުގެ ހަ މަޝްރޫއެއްގެ މަސައްކަތް ނިންމާފަ އެވެ.