އެކްޓަރެއްގެ ގޮތުގައި ބެލުންތެރިން މިހާރު އަހަރެން ބަލައިގަނޭ: ކާތިކް
އެކްޓަރެއްގެ ގޮތުގައި ބެލުންތެރިން މިހާރު އަހަރެން ބަލައިގަނޭ: ކާތިކް

މި މަހު ނެޓްފްލިކްސް އިން ޕްރީމިއާކުރި ފިލްމު "ދަމާކާ" އަކީ އެކްޓަރެއްގެ ގޮތުގައި ބޮޑެތި ކުރިއެރުންތަކެއް ލިބުނު ފިލްމެއް ކަމަށާއި އެ ފިލްމު ބެލި ވަރަށް ގިނަ ބަޔަކު އޭނާގެ އެކްޓިން ރަނގަޅުވެގެން އެ ވާހަކަ ދެއްކުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ޒުވާން އެކްޓަރު ކާތިކް އާރިޔަން ބުނެފި އެވެ.

ޕިންކްވިލާ އަށް ދިން އިންޓަވިއެއްގައި 29 އަހަރުގެ އެކްޓަރު ބުނީ ކެރިއަރު މިހާރު ބައްޓަންވަމުން އަންނަ ގޮތާއި ފިލްމުތަކުގައި ދައްކަމުން އަންނަ ހުނަރާ ހެދި ފޭނުން މިހާރު އޭނާ ސިފަކުރަނީ "ކާތިކް 2.0" ގެ ގޮތުގަ އެވެ.

"މިހާރު މުޅިން އާ ކާތިކެއްގެ ގޮތުގައި އަހަރެން ސިފަކުރުމަކީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ހިތްވަރެއް. އިހަކަށް ދުވަހު މަތިންދާބޯޓެއްގެ ތެރޭގައި ކްރޫއަކު ވެސް އަހަންނާ ދިމާވެގެން ބުނި ދަމާކާގައި ކުޅުނު އަރުޖުން ޕަތަކްގެ ރޯލު ވަރަށް ފުރިހަމައޭ. އެކަން ބަލައިގަންނާތީ ހަގީގަތުގައި ވެސް އެއީ ހިތްވަރެއް،" ކާތިކް ބުންޏެވެ. "އަދި އެއީ ކުރިއަށް ދާން ވަރަށް ބޮޑަށް މޯޓިވޭޓްވާ ކަމެއް."

އޭނާ ބުނީ އެންމެ 10 ދުވަހުން ޝޫޓިން ނިންމި "ދަމާކާ" އަކީ މިހާތަނަށް އެންމެ މޮޅަށް އެކްޓްކުރެވުނު އެއް ފިލްމު ކަމަށް އަމިއްލަ އަށް ވެސް ގަބޫލުކުރާ ކަމަށެވެ. ކާތިކް ބުނި ގޮތުގައި އެ ފިލްމާ މެދު އެންމެ ހިތްހަމަޖެހޭ ކަމަކީ ކުރިން ނުކުޅޭ ކަހަލަ ތަފާތު ރޯލެއް ތަޖުރިބާކުރަން ލިބުމެވެ.

"ހަމަ ޔަގީނުން ވެސް އަހަރެން މެކްސިމަމް ދިން ފިލްމެއް އެއީ. މިހާރު ގަބޫލުކުރެވޭ އެކްޓަރެއްގެ ގޮތުގައި ބެލުންތެރިން އަހަރެން ސީރިއަސްކޮށް ބަލައިގަންނަކަން. އެހެންވީމަ ކޮނޑުގައި އެޅިފައިވާ ޒިންމާ އާއި ޕްރެޝަރު ވެސް ދެން ކުޑައެއް ނުވާނެ." 2011 ގެ "ޕިޔާރު ކާ ޕަންޗްނާމާ" އިން ބޮލީވުޑަށް ނުކުތް އެކްޓަރު ބުންޏެވެ.

ކާތިކްގެ ވިދުން ގަދަކޮށްލި ފިލްމަކީ 2018 ގެ ރޮމޭންޓިކް ކޮމެޑީ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އެވެ. އެ ފިލްމުގެ ބޮޑު ކާމިޔާބީ އަށް ފަހު އޭނާވެފައި ވަނީ ބޮލީވުޑްގެ ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އެކަކަށެވެ.

ކާތިކް ބުނީ ބެލުންތެރިން މިހާރު އޭނާއާ މެދު ކުރާ އުންމީދުތައް ބޮޑުވެފައިވާތީ ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރާނީ ވަރަށް ފަރުވާ ބަހައްޓައިގެން ވިސްނުންތެރިކަމާ އެކީގައި ކަމަށެވެ.

"ފިލްމު ކުޅުމަކީ އަހަރެން ވަރަށް ގަޔާވާ ކަމެއް. އެހެންވީމަ ބޭނުންވޭ މި މަސައްކަތްކޮށްގެން މުޅިން އަމިއްލަ އައިޑެންޓިޓީއެއް ވެސް ހޯދަން. އަހަރެން ކުޅެން ބޭނުން ވަނީ ބެލުންތެރިން އަބަދު ވެސް އެފިލްމުތަކެއްގެ ވާހަކަ ދައްކާނެ ކަހަލަ ފިލްމުތަކެއް." އޭނާ ބުންޏެވެ.

ކާތިކް ބުނި ގޮތުގައި ފިލްމެއްގެ ކާމިޔާބީ އޭނާ މިނެކިރާނީ ބޮކްސް އޮފީހުގައި ވިޔަފާރީގެ ގޮތުން ހޯދާ ކުރިއެރުމަކާ ނޫނެވެ. އޭގެ ބަދަލުގައި ފިލްމެއްގެ ކާމިޔާބީ އަކީ އެ ފިލްމެއްގައި ދައްކާފައިވާ އެކްޓިން ރަނގަޅުވުމާއި ކުޅެފައިވާ ރޯލު ބެލުންތެރިންނަށް ކަމުދާ މިންވަރެއްގެ މައްޗަށް ކަމަށް ބުންޏެވެ.

އުންމީދީ ތަރީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބޫލް ބުލައްޔާ 2"، "ފްރެޑީ"، ޝެހެޒާދާ"، "ކެޕްޓަން އިންޑިއާ" އަދި "ސަތިއަނާރަޔަން ކީ ކާތާ" ހިމެނެ އެވެ.