29 ނޮވެމްބަރ 2021 - 09:34

އެކި ދާއިރާތަކުން މީހުން ބިނާ ކުރުމުގައި ދރާގުން ކުރަމުން އަންނަ މަސައްކަތްތަކަށް ނައިބު ރައީސް ފައިސަލް ނަސީމް ތައުރީފު ކުރައްވައިފި އެވެ.

ދިރާގުގެ މިދިޔަ އަހަރުގެ އެޕްރެޓިސްޝިޕް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ މީހުން ބިނާ ކުރުމަކީ ސަރުކާރުން އެންމެ އިސްކަން ދޭ އެއް ކަންތަކަށް ވާއިރު މިކަމުގައި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެގޮތުން، މިކަމުގައި ދިރާގުން ކުރާ މަސައްކަތަކީ ފާހާގަ ކޮށްލެވޭ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ދިރާގަކީ ކުރިން ފެށިގެން ވެސް ހިދުމަތްތައް އެންމެ ރަނގަޅު އެއް ކުންފުނި ކަމަށެވެ. އެ ކުންފުނިން މީހުން ބިނާ ކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާއަކީ ރަނގަޅު ޓީމެއް ބިނާވެ، ހިދުމަތްތައް އިތުރަށް ފުރިހަމަވުން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
"ގައުމުގެ ތަރައްގީ އަށް އޮތް އެންމެ މުހިންމު ކަމަކީ މީހުން ބިނާ ކުރުން. އަޅުގަނޑުމެންނަށް ދިރާގުގެ ތާރީހުން ފެނުނު ޓްރެއިނިން އާއި މަސައްކަތްތައް ދަސްކޮށްދިނުމާއި އުނގެނުމުގެ ފުރުސަތުތައް ހޯދައިދީގެން ވަރަށް ރަނގަޅު ޓީމެއް ބިލްޑުވެގެން އައިތަން،" ފައިސަލް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ޓީމް ވޯކް ވަރަށް ރަނގަޅުކަން. ކަސްޓަމާ ރިލޭޝަން، ކަސްޓަމާ ސާވިސް ވަރަށް ރަނގަޅުކަން. އަޅުގަނޑު މި ދައްކަނީ އިއްޔެގެ ވާހަކައެއް ނޫން. ވަރަށް ކުރީއްސުރެ ވާހަކަ. އެއީ ކަންތައްތަކެއް ބެންޗްމާކް ކުރި ކުންފުންޏެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަ ކުރެވެނީ."
ދިރާގުން އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް ފައިސަލް ތައުރީފު ކުރެއްވި އެވެ. އެގޮތުން، ގައުމަށް ބެނުން ޖެހިފައިވާ ގިނަ ދާއިރާތަކުން ދިރާގުގެ އެހީތެރިކަން ގައުމަށް ލިބޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ދިރާގުން މީހުން ބިނާ ކުރުމަށް މެދު ނުކެނޑި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަމުން އަންނަތާ މިއީ 12 ވަނަ އަހަރެވެ. މިދިޔަ އަހަރުގެ ޕްރޮގްރާމު ނިންމައި 17 ދަރިވަރަކު ވަނީ ގްރެޖުއޭޓް ވެފަ އެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 228 މީހުން ވަނީ ތަމްރީން ކޮށްފަ އެވެ.