ޕޯސްޓުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި
ޕޯސްޓުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި

ޕޯސްޓް މެދުވެރިކޮށް، ރާއްޖެއަށް މަސްތުވާތަކެތި ގެނައިކަމުގެ ތުހުމަތަށް ފުލުހުން މިއަދު މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ބަންދުގެ އަމުރު ހޯދައިފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ފުލުހުންނަށް ދިން ބަންދުގެ އަމުރުގައިވާ ގޮތުން ލ. ގަން، މުކުރިމަގު، އަލިވާގެ، އަލީ ޝިފާއު، 33، ހައްޔަރުކުރީ އޭނާގެ ނަމުގައި ޕޯސްޓުން އައި ޕާރުސަލެެއްގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ބެލެވޭ އެއްޗެއްގެ 260 ގްރާމް ހުރި ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ. ޕާރުސަލްގައި ހުރި އެއްޗެހި މެޓަން ފެޓަމިން ނަމަކަށް ކިޔާ މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވް ވި ކަމަށް ވެސް ފުލުހުން ކޯޓުގައި ބުންޏެވެ. އޭނާ މިއަދުން ފެށިގެން 10 ދުވަހަށްް ބަންދުކުރަން ކޯޓުން އަމުރު ދިނެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި، މަސްްތުވާތަކެތި ހުރި ޕާރުސަލަކީ ރަހުމަތްތެރިއަކު ބުނެގެން ބަލާ ދިޔަ އެއްޗެއް ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް ރަހުމަތްތެރިއެއްގެ ގޮތުގައި ދެއްކި މީހާ ބުނީ އޭނާ ޝިފާއު ނުވެސް ދަންނަ ކަމަށެވެ.

ޕާރުސަލް ބަލައި ފާސްކުރި ވަގުތު ފިލަން އޭނާ މަސައްކަތް ކުރި ކަމަށާއި އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރި އިރު ޓީއެޗްސީއޯ އާއި އޯޕީއައި އަށް ޕޮޒިޓިވް ކަަމަށް ވެސް ފުލުހުން ކޯޓުގައި ބުންޏެވެ.