28 ނޮވެމްބަރ 2021 - 20:29

ރާއްޖޭގެ ފުރަތަމަ ގައުމީ ސްޓޭންޑަޕް ޕެޑްލްބޯޑިން (އެސްޔޫޕީ) ސާފިން މުބާރާތުގެ ޗެމްޕިއަންކަން މުހައްމަދު މުއާޒް ހޯދައިފި އެވެ.

ރާޅުގަނޑު ސަރަހައްދުގައި ކުރިޔަށްދާ 13 ވަނަ ގައުމީ ރާޅާއެޅުމުގެ މުބާރާތް، ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް 2021 ގައި މިއަދު ކުރިޔަށް ގެންދިޔަ އެސްޔޫޕީ ޑިވިޝަނުގެ ފައިނަލް ހީޓުގައި މުއާޒް ވާދަކުރީ އައްޑޫ ސިޓީއަށް ނިސްބަތްވާ މުހައްމަދު ތޮއްލަމާ އެވެ.
މުއާޒު ފައިނަލަށް ދިޔައީ އެސްޔޫޕީގެ ފުރަތަމަ ހީޓުގައި މޫސާ ރަޝީދާއި އަހުމަދު އިރުފާނާ ވާދަކޮށެވެ. އަދި ތޮއްލަމް ފައިނަލް ހީޓުން ޖާގަ ހޯދީ، މި ޑިވިޝަނުގެ ދެވަނަ ހީޓުގައި އަބްދުﷲ އަރީފް (ފުކޫ) އާ ވާދަކޮށް ކާމިޔާބު ހޯދައިގެންނެވެ.
މުއާޒް ފައިނަލް ހީޓު ކާމިޔާބުކުރީ 6.56 ޕޮއިންޓު ހޯދައިގެންނެވެ. ހީޓުގެ 10 ވަރަކަށް މިނިޓު ބާކީ އޮއްވައި މުއާޒުގެ ރޯޕު ކެނޑިގެން އޭނާއަށް ވަނީ ދެތިން މިނިޓެއްހާއިރު ގެއްލުނުއިރު، ހީޓު ނިމެން ދަނިކޮށް 6.73 ޕޮއިންޓުން ކުރީގައި އޮތީ ތޮއްލަމް އެވެ.
ހީޓުގެ އޮއިވަރު ބަދަލުވީ، ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް މުއާޒް ޕްރަޔޮރިޓީގައި އޮއްވައި ތޮއްލަމް މުއާޒުގެ ރާޅަކަށް އެރުމުން ޖަޖުން އެއީ އިންޓަފިއަރެންސެއް ކަމަށް ނިންމުމުންނެވެ. މިއާއެކު ތޮއްލަމް ދެވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދި ރާޅަށް ލިބުނު 2.90 ޕޮއިންޓު އުނިކުރުމުން އޭނާއަށް ހީޓު ނިންމާލަން ޖެހުނީ ސިންގަލް ބެސްޓް ސްކޯއަކާ އެކު 3.83 ޕޮއިންޓުންނެވެ.
މުއާޒް ބުނީ މޮޅުވުމުން އުފާވާކަމަށާއި، މިއީ ކުރިއެރުމެއް ކަމަށް ގަބޫލު ކުރާކަމަށެވެ.
"އަހަރެމެންގެ ސަބް މާސްޓާއާ މި ޖެހުނީ (ފައިނަލުގައި)، މާސްޓާ ބަލިކުރެވުނީމައި މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބަލަނީ،" މުއާޒު ބުންޏެވެ.
މި ޑިވިޝަނުގެ ތިންވަނަ ހޮވަން ހުކުރު ދުވަހު ބޭއްވި ބްރޯންޒް ހީޓު ކާމިޔާބު ކުރީ ފުކޫ އެވެ. މިއީ ރާއްޖޭގައި ބޭއްވި ފުރަތަމަ އެސްޔޫޕީ މުބާރާތެވެ.