14 އަހަރުގެ ޝައްފާންގެ މަރުގެ މައްސަލާގައި ހަތަރު މީހަކު އުމުރަށް ޖަލަށް
14 އަހަރުގެ ޝައްފާންގެ މަރުގެ މައްސަލާގައި ހަތަރު މީހަކު އުމުރަށް ޖަލަށް

މާލޭ އޮޓޯ ގަރާޖު ކައިރީގައި، އުމުރުން 14 އަހަރުގެ އިސްމާއިލް ޝައްފާން މަރާލި މައްސަލައިގައި ދައުވާ ލިބުނު ހަތަރު މީހުން އުމުރަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އޮކްޓޯބަރު 11، 2018ގެ ރޭ ދަންވަރު ދެ ގޭންގެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ޝައްފާން މަރާލީ ކަރަށް ވަޅި ހަރަ އެވެ. އޭނާ މަރުވީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ.

ޝައްފާންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރީ ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބު އާއި ސ. މަރަދޫ، މޫންލައިޓް ގްލޯރީ، ހަސަން ނަބާހު، ސ. ހިތަދޫ ޗަމަން، ހުސައިން ނިހާދު އަހްމަދު އަދި މއ. ޓޮމާޓޯ ފްލާވާ، ހުސައިން ޖައިލަމް އެވެ.

މި މީހުންގެ ތެރެއިން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާކުރީ ނިހާދު އާއި ޖައިލަމްގެ މައްޗަށެވެ. ހަމަލާ ދިނީ އެ މީހުން ކަމަށާއި އެ މީހުން ފިލީ ނަބާހު އާއި އައިމަން ދުއްވި ސައިކަލުތަކުގައި ކަމަށް ދައުލަތުން ބުނެ އެވެ. އެހެންވެ، ނަބާހު އާއި އައިމަން އަށް ކުރީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

މިއަދު މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ ހަތަރު މީހުން ވެސް އުމުރަށް ޖަލަށްލާށެވެ. ލިބިފައި ހުރި ހެކިތަކަށް ބަލައި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތު ނުވި ނަމަވެސް، އެ މީހުންގެ މައްޗަށް މީހަކު މެރުމުގެ ބައިވެރުވުމުގެ ކުށުގެ ދައުވާ ސާބިތުވާ ވަރަށް ހެކި ހުރި ކަމަށް ގާޒީ ހަސަން ސައީދު ހުކުމް ކުރެއްވި އެވެ.

އެހެންވެ އެ ހަތަރު މީހުން އުމުރަށް ޖަލަށްލާން ހުކުމް ކުރީ އެވެ. އެ މީހުން ބަންދުގައި ތިބި މުއްދަތު އުނި ކުރުމުން އެ މީހުން ބަންދުގައި ތިބެން ޖެހޭނީ 21 އަހަރާއި 10 މަހާއި 25 ދުވަހަށެވެ.

މި މީހުންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތު ނުވި އިރު، ދައުލަތުން މުހިންމު ސިއްރު ހެއްކެއް ދެއްކި ވާހަކަ އަނބުރާ ގެންގޮސް ކޯޓަށް ސިޓީއެއް ފޮނުވާފައިވެ އެވެ. ގާޒީ ވަނީ އެކަމަށް ރިއާއަތް ކުރައްވައިފައ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ޝައްފާން މަރާލީ އެ ދުވަސްވަރު މާލޭގައި ހިނގަމުން ދިޔަ ސިލްސިލާ މާރާމާރީތަކެއްގެ ތެރެއިން ބަދަލު ހިފުމެއްގެ ތެރެއިންނެވެ. އެމްއެމްއޭ ކައިރިން ލޯންޗަކުން ފޭބި ތަނުން ތޫނު އެއްޗަކުން ހަމަލާދީ އުމުރުން 18 އަހަރުގެ މުހައްމަދު އާގިލް މަރާލީ ވެސް އެ ދުވަސްވަރު އެވެ.