01 ޑިސެމްބަރ 2021 - 07:59

ހުޅުމާލެ ފިޔަވަތިން، ފުވައްމުލަކުގައި ހުންނަ އަމާން ވެއްޓަށް ބަދަލުކުރުމުން 14 އަހަރުގެ ހަނާ (އަސްލު ނަމެއް ނޫން) އަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ތަނެއްގެ ތެރޭގައި ބަންދުވެފައި އިންނަން ޖެހޭ ކަމުގެ އިހުސާސް އިތުރަށް ކުރަން ނުޖެހުމެވެ. ކުރިން ނުލިބުނު ހިތްހަމަޖެހުމާއި މިނިވަންކަން، އަމާން ވެށިން އޭނާ ކަހަލަ ކިތަންމެ ކުއްޖަކަށް ލިބިއްޖެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބައިތިއްބަން ފުވައްމުލަކުގައި "އަމާން ވެށި" ހުޅުވީ މި އަހަރު ޖެނުއަރީގަ އެވެ. މިދިޔަ ހަފުތާގައި ފުވައްމުލަކަށް ކުރި ދަތުރެއްގައި އެތަނުގައި ދިރިއުޅޭ ކުދިންނާއި މުވައްޒަފުންގެ ވާހަކަތައް އަޑުއަހާލައި، އެ ކުދިން އުޅޭ ގޮތް ބަލައިލަން "މިހާރު" އަށް ފުރުސަތު ލިބުނެވެ.

"ފިޔަވަތީގައި އުޅުނުއިރު މުޅިން ވެސް އެތަނުގެ ތެރޭ ބަންދުވެފައި ތިބެނީ. ބޭރަށް ގޮސް އެހެން މީހުންނާއި ބައްދަލުކޮށް، ރައްޓެހިންނާ ބައްދަލުކޮށް ނެހެދޭ. އެކަމަކު މި ތަނަށް އައީމަ އެ ހުރިހާ ކަމެއް އެއްކޮށްހެން ބަދަލުވީ،" ހަނާ ކިޔައިދިނެވެ.

ހަނާއާ އެކު އަމާން ވެށީގައި މިހާރު 17 ކުއްޖަކު ދިރިއުޅެ އެވެ. އެއީ ފަސް އާއިލާއަކަށް ނިސްބަތްވާ ކުދިންނެވެ. އަދި މި ކުދިން ބެލެހެއްޓުމަށް އަށް ކެއަވޯކަރުންނާއި އަދި ސަޕޯޓް ސްޓާފުން، ތިން ޝިފްޓަށް ޑިއުޓީ ކުރެ އެވެ.

އަމާން ވެއްޓަށް ކުދިން ބަދަލުކުރި އިރު، ޖެންޑާ މިނިސްޓްރީން ބެލީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން އެއް އާއިލާއަކަށް ނިސްބަތްވާ ކުދިން އެއް ހިޔާވައްސެއްގެ ދަށުގައި އުޅެވޭނެ ގޮތް ހެދުމަށެވެ. އަމާން ވެށީގެ އެންމެ މުހިންމު ބޭނުމަކީ އާއިލީ ލޯތްބާއި އާއިލީ ވެއްޓެއްގައި ކުދިންނަށް ދިރިއުޅެވޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށް މިނިސްޓްރީން ބުނެ އެވެ.
ފުވައްމުލަކުގައި "އަމާން ވެށި" ހަދައިފައި ހުރީ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ އެކޮމަޑޭޝަން ބްލޮކް މަރާމާތު ކުރުމަށް ފަހުގަ އެވެ. އެތަން ޑިޒައިން ކޮށްފައި ހުރީ ކުދިންނަށް ގެއެއްގައި ދިރިއުޅެވޭ ފަދަ އިހުސާސެއް ކުރެވޭ ފަދަ ކޮންސެޕްޓަކަށެވެ. ޓީވީ ބަލަން ތިބޭނެ ސިޓިންރޫމަކާއި ބަދިގެއެއްގެ އިތުރުން ކާގެއެއް ހުރެ އެވެ. ދެ ފުލޯގެ އިމާރާތުގެ މަތީގައި ކުދިން ޝެއާކުރާ ގޮތަށް އަށް ކޮޓަރި އަދި ކުދިން ފޮތްކިޔުމާއި އެކުގައި ވަގުތު ހޭދަކޮށްލުމަށް ވަކި ތަނެއް ހާއްސަކޮށްފައި ހުރެ އެވެ. އަދި އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ވަކިން ފާހާނާ ވެސް ހުރެ އެވެ.
އަމާން ވެށި ބެލެހެއްޓުމަށް އިސްވެރިއެއްގެ ގޮތުގައި ހަވާލުވެ ހުންނެވި މުހައްމަދު ސުއާދު ވިދާޅުވި ގޮތުގައި އެތަނަށް ކުދިން ބަދަލުކުރީ ވަރަށް ބޮޑު މަރާމާތަކަށް ފަހު އެވެ.
"މުޅި އިމާރާތުގައި އަލުން ކުލަދަވާދު ލައިފައި. ފާހާނާތައް މަރާމާތުކޮށްފައި، އެތެރޭގައި ހުރި ހުރިހާ ސާމާނެއް، އެނދާއި މޭޒާއި ހިފާގެންގުޅޭ ހުރިހާ އެއްޗެއް ބަދަލުކުރީ އާ އެއްޗެއްސަށް،" އޭނާ ވިދާޅުވި އެވެ.
"މުވައްޒަފުން ނެގިއިރު ވެސް ވަރަށް ބޮޑަށް ބެލިން ކިޔަވައިގެން ތިބި ރަނގަޅު މީހުން ނަގަން. އެގޮތަށް ނަގައިފައި ތިބޭނީ ވެސް. އޭގެ ސަބަބުން ރަނގަޅު ބަދަލެއް ވެސް ފެނިއްޖެ."
އަމާން ވެށި ހަދައިފައި ހުރީ ކުދިން ބައިތިއްބަން ހާއްސަކޮށްގެން ހެދި އިމާރާތެއްގައި ނޫން ކަމަށް ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުން ހެދި އޮޑިޓުގައި ބުނެފައިވިޔަސް، އޭނާ ދެކޭ ގޮތުގައި އެ އިމާރާތުގެ މަރާމާތާ އެކު އެތަނަށް ގެނެވުނު ބަދަލުތަކަކީ، ކުރިން އެ ކުދިން ދިރިއުޅުނު ތަންތަނަށް ވުރެ މާ ރައްކާތެރި ތަނެކެވެ.
އެ އިމާރާތަށް އަދިވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަން ގަބޫލުކުރައްވާ ކަމަށާއި އެކަމަކު ކުދިންނާ ސީދާ ގުޅުންހުރި އެއްވެސް ކަމެއްގައި ނުވަތަ ބޭނުންވާ އެއްޗެއް ހޯދުމުގައި ވެސް އެއްވެސް ކަހަލަ ދަތިކަމެއް ނެތް ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
"އިމާރާތުގެ ދަތިތަކެއް ހުއްޓެއް ކަމަކު، އެ ދަތިތަކާ އެކު ވެސް އަޅުގަނޑުމެން ވަރަށް ރަނގަޅަށް އެބަ މެނޭޖުކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ސޯޝަލް ސާވިސް ވޯކަރެއްގެ ގޮތުގައި އަމާން ވެށީގައި މަސައްކަތް ކުރައްވާ އަބްދުﷲ މަސްއޫދު ވިދާޅުވީ ކޮންމެ ކުއްޖަކީ ތަފާތު މާހައުލަކުން، އެކި ގޮތްގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުއްޖަކަށް ވެފައި އަދި މިޒާޖުގެ ގޮތުން ހުރިހާ ކުދިންނަކީ ވެސް ތަފާތު ބަޔަކަށް ވާތީ، ގިނަ ކުދިން އެއްކޮށް ގެންގުޅުމަކީ ވަރަށް ބުރަ ކަމެކެވެ. އެކަމަކު ދައުލަތުން ކުދިން ބައިތިއްބާ އެހެން ތަންތަނާ ހިލާފަށް އަމާން ވެއްޓަށް ކުދިން ގެންދިޔައިރު، އެއް އާއިލާއަކަށް ނިސްބަތްވާ ހުރިހާ ކުދިން އެ ތަނަކަށް ގެންދިއުމުން، އެ ކުދިން އުޅުމަށް ރަނގަޅު ބަދަލެއް އަންނަތަން ފެންނަ ކަމަށް ވިދާޅުވި އެވެ.
އަމާން ވެށީގައި ކެއާވޯކަރުންނާ އެކު އެ ކުދިންނަށް ބޭރަށް ދިއުމުގެ ހުއްދަ ލިބެ އެވެ. ރަށުގެ އެހެން ކުދިންނާ އެކު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ދެ އެވެ. ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދެ އެވެ. އަދި ކޮންމެ ހުކުރު ދުވަހަކު ރަށުގެ ގޭގެ އަށް ގޮސް މީހުންނާ ބައްދަލުކުރުމުގެ ހުއްދަ ވެސް ދެ އެވެ.
"ކުދިންގެ ޝަކުވާއެއް ނެތެކޭ އަޅުގަނޑުމެންނަށް ނުބުނެވޭ. ކުޑަކުދިން ވީމަ އެ ކުދިން ކުރަން ބޭނުންވާ ބައިވަރު ކަންކަން ހުންނާނެތާ ދެއްތޯ، އެހެންވީމަ ޝަކުވާ ކުރުމަކީ ތަބީއީގޮތުން ވެސް އެ ކުދިން ކުރާނެ ކަމެއް،" މަސްއޫދު ވިދާޅުވި އެވެ.
"މިތަނުގައި ތިބޭ ކުދިންގެ ކަންބޮޑުވުމަކަށް ވަނީ އެ ކުދިން ހިތްހަމަޖައްސާލަން ޕިކްނިކެއް ގޮސްލައި ނުވަތަ އެހެން ރަށަކަށް ދަތުރު ގޮސްލާ އެ ކަހަލަ ކަންކަން ކުރަން ފުރުސަތު ނުލިބުން. ނުވަތަ މިތަނުގެ ޖާގަ ކުޑަވީމަ އެ ކުދިން ކުޅެލާ ހަދަން ތަން ނޯންނާތީ."
އަމާން ވެށީގައި ޖާގައިގެ ދަތިކަން އެބަ އޮތެވެ. އެ މައްސަލަ ހައްލުކުރަން ޖެންޑާ މިނިސްޓްރީން، އެ ރަށުގެ ކައުންސިލްއާ މަޝްވަރާކޮށްފައިވާއިރު، ބިން ހޯދުމުގައި އެހީތެރިކަން ދޭނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
އިމާރާތުގައި ހުރި ދަތިތަކަށް ވުރެ މަސްއޫދު ފާހަގަކުރެއްވި ގޮތުގައި އެ ކުދިންނަށް ބޭނުންވާ ނަފުސާނީ ފަރުވާ އާއި އެ ނޫން ވެސް ސިއްހީ ފަރުވާ ދިނުމުގައި ހުރި ގޮންޖެހުންތައް ގިނަ އެވެ. ނަފުސާނީ ފަރުވާ ބޭނުންވާ ކުދިންނަށް މިހާރު ވެސް އެ އިންތިޒާމު ހަމަޖައްސައިދީފައިވެ އެވެ. އެކަމަކު ކޮންމެ ފަހަރަކު ފަރުވާ ހޯދަން ކުދިން ޖެހެނީ މާލެ ގެންނާށެވެ. ނަފުސާނީ ފަރުވާ ނުލިބޭ ކަމަށް އިދާރާތަކުގެ ރިޕޯޓުތަކުގައި ބުނި ނަމަވެސް، އެކަން ހައްލުވާނެ މަގެއް ދައްކައިނުދޭތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"މި ކުދިން މިތަނަށް ގެންނައިރު މި ތިބެނީ ވަރަށް ގިނަ ކަންކަން ތަހައްމަލުކޮށްފައި. ނަފުސާނީ ފަރުވާ އެއީ މި ކުދިންނަށް އެންމެ މުހިންމު ބޭނުން،" އޭނާ ވިދާޅުވި އެވެ.
އަމާން ވެށީގައި އުޅޭ ކުދިން ކިޔަވަންދާ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިސްމާއިލް ސައުދުﷲ ވިދާޅުވީ އޭގެ ތެރެއިން ބައެއް ކުދިން އެންމެ ފުރަތަމަ ސްކޫލަށް ގެނައިރު ލިޔަންކިޔަން ދަންނަ މިންވަރު ވެސް ވަރަށް ބޮޑަށް ދަށް ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ ކުދިންގެ ކިޔެވުން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ.
ސައުދުﷲ ވިދާޅުވި ގޮތުގައި، ކިޔަވައިދިނުމުގައި އާއި ސްކޫލްގެ އިތުރު ހަރަކާތްތަކުގައި ވެސް އެ ކުދިން ވަރަށް ބޮޑަށް ޝާމިލުކޮށްގެން، އެހެން ކުދިންނާ އެއްވެސް ތަފާތު ކުރުމެއް ނެތި އުޅުނުމުގެ ފުރުސަތު ސްކޫލު މާހައުލުގައި އެ ކުދިންނަށް ލިބޭނެ ކަމަށެވެ.
"ޓީޗަރުންގެ އަޅާލުން ވެސް ލިބޭ ކަމަށް އަޅުގަނޑަށް އެބަހުރި އެ ކުދިންގެ ފަރާތުން ފީޑްބެކް ލިބިފައި. ސްކޫލާއި ޖެންޑާ ޑެސްކާ ވެސް ވަރަށް ގުޅުން ރަނގަޅު،" ސައުދުﷲ ވިދާޅުވި އެވެ.
ކުދިން ބެލެނިވެރިކަމުގައި ވެސް އެއްވެސް ކަހަލަ ދަތިކަމެއް ދިމާނުވާ ކަމަށާއި ސްކޫލުން އަންގާ އެންގުތަކަށް ބައްދަލުވުންތަކަށް ބަރާބަރަށް އެ ކުދިންނާ ހަވާލުވެ ހުންނަ ފަރާތެއް ފޮނުވާ ކަމަށް ވިދާޅުވި އެވެ. އަދި ކުރިން އެ ކުދިން ކިޔެވި ސްކޫލުތަކުން މާ ބޮޑު އަޅާލުމެއް ލިބިފައި ނެތް ކަން ކުދިން ވާހަކަތަކުން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކޮޅުގައި ޖެންޑާއިން އެ ކުދިން ބަލަން ހަވާލުކޮށްފައި ތިބޭ މީހުންގެ ރަނގަޅު ކަމާއި އަޅާލުން ލިބޭ ކަމަށް ބައެއް ކުދިން ޓީޗަރުން ގާތުގައި ވެސް އެބަހުރި ބުނެފައި،" އޭނާ ވިދާޅުވި އެވެ.
"އެއްވެސް ކުއްޖެއްގެ އަހުލާގީ މައްސަލައެއް ވެސް އަދި ދިމައެއް ނުވޭ."
ކުދިންގެ މެދުގައި އޮންނަ ގުޅުން ރަނގަޅު ކަމާއި އެ ކުދިން އެތަނުގައި ތިބީ ހިތްހަމަޖެހިގެން ކަން، ބައެއް ކުދިން ކިޔައިދިން ވާހަކަތަކުން އެނގެ އެވެ.
އަމާން ވެށީގައި ތިބި ފުރާވަރުގެ ބައެއް ކުދިންނާ އެކު ހޭދަކުރެވުނު ގަޑިއިރެއްހާއިރު ތެރޭގައި އެ ކުދިން ބުނީ މިހާރު އެންމެ ބޭނުންވަނީ އެހެން ރަށަކަށް ދަތުރު ގޮސްލައި، މަޖާކޮށްލަން ކަމަށެވެ. ޗުއްޓީތަކުގައި އެހެން ކުދިން އާއިލާއާ އެކު ތަންތަނަށް ދާއިރު އެ ކުދިންނަށް ވެސް އެ ކަހަލަ ފުރުސަތެއް ނުލިބޭތީ އެ މާޔޫސްކަން އެ ކުދިންނަށް އެބަ އޮތެވެ.
އެ ކުދިންނާ އެންމެ ގާތް އެއް ކެއާވޯކަރު ކަމަށްވާ މަސްއޫދު ވިދާޅުވި ގޮތުގައި މި ކަހަލަ ކުދިކުދި ކަން ކަމަށް އިސްކަންދިނުމަކީ "ނޯމަލް ލައިފް" އެއް މި ކުދިންނަށް ހޯދައިދެން ކުރެވޭ މަސައްކަތުގައި ކުރުން ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"އެ ކުދިންނަށް ވެސް އެ ބޭނުންވަނީ އެ އުމުރުގެ އެހެން ކުދިން އުޅޭ ގޮތަށް އުޅެން. އެ ފުރުސަތު އެ ކުދިންނަށް ފަހިކޮށްދީ، ހިތްހަމަޖެހުމާއި މިނިވަންކަމާ އެކު އަމާން ވެއްޓެއްގައި އެ ކުދިންނަށް އުޅެވޭނެ ގޮތް ހަދައިދިނުން،" އޭނާ ވިދާޅުވި އެވެ.