28 ނޮވެމްބަރ 2021 - 12:23

ކޭޕް ޓައުން (ނޮވެމްބަރު 28) - ކޮވިޑުގެ އާ ވޭރިއަންޓެއް އުޅޭކަން ދެނެގަނެ އެކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް އެންގުމުން އެ ގައުމަށް ތައުރީފް ކުރުމުގެ ބަދަލުގައި ލިބުނީ "އަދަބު" ކަމަށް ސައުތު އެފްރިކާ އިން ބުނެފި އެވެ.
ސައުތު އެފްރިކާގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އާ ވޭރިއަންޓް، އޮމިކްރޮންގެ މައުލޫމާތު އާއްމު ކުރުމާ އެކު އެ ގައުމުގެ މީހުން އެހެން ގައުމުތަކަށް ދަތުރުކުރުން މަނާވި ކަމަށެވެ. އޮމިކްރޮންގެ އާ ވޭރިއަންޓް ޑަބްލިއުއެޗްއޯ އަށް ރިޕޯޓްކޮށްފައި ވަނީ ނޮވެމްބަރު 24 ވަނަ ދުވަހު އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ ޓެކްނޮލޮޖީގެ އެންމެ މަތީ ދަރަޖައިގައި ކުރި މަސައްކަތަށް ހައްގު ތައުރީފްގެ ބަދަލުގައި ލިބުނީ އަދަބު ކަމަށެވެ. ސައުތު އެފްރިކާ އިން އެހެން ގައުމުތަކަށް ދަތުރު ކުރުން މަނާކުރުމަކީ އެ ގައުމަށް ދިން އަދަބެއްގެ ގޮތުގައި ފޮރިން މިނިސްޓްރީން ވަނީ ސިފަކޮށްފަ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ދުނިޔޭގެ އެހެން ހިސާބުތަކުން ކޮވިޑުގެ އާ ވޭރިއަންޓްތައް ފެނުމުން އެޅި ފިޔަވަޅުތަކާ އަޅާބަލާއިރު ސައުތު އެފްރިކާއާ ދެމެދު އެޅި ފިޔަވަޅު ތަފާތު ކަމަށެވެ.
އާ ވޭރިއަންޓް ފެނުމާ ގުޅިގެން އެފްރިކަން ޔޫނިއަންގެ ފާޑުކިޔުން ވަނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް އަމާޒުކޮށްފަ އެވެ.
"މިއީ ދުނިޔޭގެ ހުރިހާ ގައުމަކަށް ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށް ނުދެވުމުގެ ނަތީޖާ. މިއީ މުއްސަނދި ގައުމުތަކުން ވެކްސިން ހޯދައި ފަގީރު ގައުމުތައް ބާކީކޮށްލުމުގެ ނަތީޖާ،" އެފްރިކަން ޔޫނިއަން އިން ބުނެފައިވެ އެވެ. "މި ވޭރިއަންޓް އެހެން ގައުމުތަކުން ވެސް ފެނިފައިވާ އިރު ހަމައެކަނި އެފްރިކާ އެކެހެރިކޮށްލީ ކީއްވެ؟"
ސައުތު އެފްރިކާގެ އިތުރުން ނެމީބިއާ، ޒިމްބާބުވޭ، ބޮޓްސްވާނާ، އެންގޯލާ، މޮޒަންބީގް، މަލާވީ، ޒެމްބިއާ، ލެސޯތޯ އަދި އީސްވާޓިނީން ދަތުރު ކުރާ މީހުން ޔޫރަޕުގެ ބައެއް ގައުމުތަކަށް އެތެރެވުން މިހާރު ވަނީ މަނާކޮށްފަ އެވެ.