އާ ވޭރިއަންޓާ ގުޅިގެން އެއްވެސް ގައުމަކުން އިޒްރޭލަށް މީހުން ދިއުން މަނާ
އާ ވޭރިއަންޓާ ގުޅިގެން އެއްވެސް ގައުމަކުން އިޒްރޭލަށް މީހުން ދިއުން މަނާ

ތެލް އަވީވް (ނޮވެމްބަރު 28) - ސައުތު އެފްރިކާ އިން ފެނުނު ކޮވިޑުގެ އާ ވޭރިއަންޓާ ގުޅިގެން އިޒްރޭލަށް ބިދޭސީން ދަތުރު ކުރުން 14 ދުވަހަށް މަނާކޮށްފި އެވެ.

އާ ވޭރިއަންޓް އޮމިކްރޮންގެ އެއް ކޭސް އިޒްރޭލުން މިހާރު ވަނީ ފެނިފަ އެވެ.

އާ ވޭރިއަންޓް ފެނުމާ ގުޅިގެން ސައުތު އެފްރިކާ އިން ދަތުރުކުރާ ފްލައިޓްތަކަށް ވަރަށް ގިނަ ގައުމުތަކުގެ ބޯޑަރުތައް މިހާރު ވަނީ ބަންދުކޮށްފަ އެވެ. ކޮވިޑުގެ އާ ވެރިއަންޓް ސައުތު އެފްރިކާ އިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. މިހާތަނަށް ބެލެވިފައިވާ ގޮތުގައި އެއީ ވަރަށް ހަލުވިކަމާ އެކު ފެތުރޭ ވޭރިއަންޓެކެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ އާ ވޭރިއަންޓަކީ "ކަންބޮޑުވުމެއް" ކަމަށާއި އެކަމަކު އެ ވޭރިއަންޓުގެ ނުރައްކާ މިންވަރު ސައެންސްވެރިންނަށް ދެނެނުގަނެވެނީސް ގައުމުތަކުން މާބޮޑަށް އަވަސް އަރުވާލައިގެން ހަރުކަށި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

އެއްވެސް ގައުމެއްގެ މީހަކު އިޒްރޭލަށް ދަތުރުކުރުން މަނާކުރި އިރު އިޒްރޭލް މީހުން ވެސް އެ ގައުމަށް ދާ ނަމަ ތިން ދުވަސްވަންދެން ކަރަންޓީންވުން ވަނީ މަޖްބޫރުކޮށްފަ އެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ވެސް މި އުސޫލު ހިނގާނެ އެވެ. ވެކްސިން ނުޖަހާ އިޒްރޭލް މީހެއް ނަމަ ހަތް ދުވަސްވަންދެން ކަރަންޓީން ވާން ޖެހޭނެ އެވެ.

އިޒްރޭލުން މިހާރު ވަނީ އެފްރިކާގެ ގައުމުތައް "ރަތް ލިސްޓަ"ށް ލައިފަ އެވެ. އެ ލިސްޓުގައިވާ ގައުމަކުން ދަތުރު ކުރާ އިޒްރޭލް މީހުން ސަރުކާރުން ހުއްދަދީފައިވާ ހޮޓަލެއްގައި ކަރަންޓްވާން ޖެހޭނެ އެވެ.

އިޒްރޭލުން ވަނީ 1.3 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވެ 8،100 މީހުން މަރުވެފަ އެވެ. އެ ގައުމުގެ އާބާދީގެ ބޮޑު ބައެއް ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.