28 ނޮވެމްބަރ 2021 - 10:16

އެމްސްޓެޑަމް (ނޮވެމްބަރު 28) - ސައުތު އެފްރިކާ އިން ނެދަލޭންޑްސްގެ އެމްސްޓެޑަމަށް ދަތުރުކުރި ދެ ބޯޓަކުން 61 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އެ އެންމެން ވެސް މިހާރު ތިބީ އެމްސްޓެޑަމް އެއާޕޯޓާ ކައިރީގައިވާ ހޮޓަލެއްގައި ކަރަންޓީނުކޮށްފަ އެވެ. ސައުތު އެފްރިކާ އިން ނެދަލޭންޑްސް އަށް ދެ ބޯޓުގައި ވަނީ ގާތްގަނޑަކަށް 600 މީހުން ދަތުރުކޮށްފަ އެވެ. އެ މީހުން ވަނީ އެއާޕޯޓުގައި ކޮވިޑަށް ޓެސްޓްކޮށްފަ އެވެ. ޕޮޒިޓިވް މީހުން ފާހަގަވީ މި 600 މީހުންގެ ތެރޭންނެވެ. ޓެސްޓް ކުރުމަށް އެއާޕޯޓުގައި ގިނަ އިރު އެ މީހުން ތިބެން ޖެހުމުން ބައެއް މީހުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
ހޮލެންޑުގެ އޮފިޝަލުން ބުނެފައި ވަނީ ކޮވިޑަށް ޕޮޒިޓިވްވި 61 މީހުންގެ ތެރޭގައި ސައުތު އެފްރިކާ އިން ފެނުނު އާ ވޭރިއަންޓް، އޮމިކްރޮން އަށް ޕޮޒިޓިވް ބައެއް މީހުން ވެސް ތިބޭނެ އެވެ. ޔޫރަޕުގެ އެހެން ގައުމުތައް ކަމަށްވާ އިނގިރޭސި ވިލާތް އަދި ޖަރުމަނުން ވެސް މިހާރު ވަނީ އޮމިކްރޮން ފެނިފަ އެވެ.
ކޮވިޑުގެ އާ ވެރިއަންޓް ސައުތު އެފްރިކާ އިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. މިހާތަނަށް ބެލެވިފައިވާ ގޮތުގައި އެއީ ވަރަށް ހަލުވިކަމާ އެކު ފެތުރޭ ވޭރިއަންޓެކެވެ.
ސައުތު އެފްރިކާ އިން ނެދަލޭންޑްސް އަށް ދަތުރުކުރި މީހުންގެ ތެރޭން ނެގެޓިވްވި މީހުން ވެސް ގޭގައި ފަސް ދުވަސް ވަންދެން އައިސޮލޭޝަންގައި ތިބެން ޖެހޭނެ އެވެ. އޭގެ ފަހުން އެ މީހުން ވެސް ޓެސްޓްކުރާނެ އެވެ.
ސައުތު އެފްރިކާ އިން ފެނުނު އާ ވޭރިއަންޓާ ގުޅިގެން ވަރަށް ގިނަ ގައުމުތަކުން މިހާރު ދަނީ އެފްރިކާ ސަރަހައްދުން ދަތުރުކުރާ މަތިންދާ ބޯޓުތަކަށް ބޯޑަރު ބަންދުކުރަމުންނެވެ.