މާލޭ ސިޓީ ކައުންސިލްގެ އާ ލޯގޯ އަށް ފާޑުކިޔުން!
މާލޭ ސިޓީ ކައުންސިލްގެ އާ ލޯގޯ އަށް ފާޑުކިޔުން!

މާލޭ ހުކުރު މިސްކިތުގެ މުންނާރު ރަމްޒުކޮށްދޭ ގޮތަށް ޑިޒައިން ކޮށްފައިވާ މާލޭ ސިޓީ ކައުންސިލްގެ ލޯގޯ ބަދަލުކުރުމުން އެ ކައުންސިލަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ އާ ލޯގޯ އަށް ފާޑުކިޔުން!
މާލޭ ސިޓީ ކައުންސިލްގެ އާ ލޯގޯ އަށް ފާޑުކިޔުން!

މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުން ފާހަގަކުރުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އާ ލޯގޯ ތައާރަފްކޮށް، ދެއްކި ޕްރެޒެންޓޭޝަންގައި ބުނީ އާ ލޯގޯ ހަދާފައިވަނީ ދިވެހި ވެރިކަމުގެ ނިޝާން އަސްލެއް ކަމަށް ބަލައިގެން ކަމަށެވެ.

ކައުންސިލުން ބުނީ މި ލޯގޯ އިން ރަމްޒުކޮށްދެނީ މާލޭގެ ހަ އަވަށް ކަމަށެވެ. އެއީ އަވަށްތަކަށް ނިސްބަތްކުރާ ކުލަތަކުންނެވެ.

އެއީ ހެންވޭރަށް ގަދަ ނޫކުލަ، ގަލޮޅަށް ފެހިކުލަ، މައްޗަންގޯޅި އަށް އަޅިކުލަ، މާފަންނަށް ފިޔާތޮށިކުލަ، ވިލިމާލެ އަށް ދަނބުކުލަ އަދި ހުޅުމާލެ އަށް ވިލުނޫކުލަ އެވެ.

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ ކައުންސިލްގެ މި އާ ލޯގޯގައި މާލެ ރަމްޒުކޮށްދޭ އެއްވެސް ނިޝާނެއް ނެތް ކަމަށް ބުނެ އެވެ. ކުރީގެ ލޯގޯގައި ބޭނުންކޮށްފައިވާ މުންނާރުން، މާލެ އާއި ދިވެހިންގެ ސަގާފަތާއި ދީން ރަމްޒުކޮށްދޭއިރު، އެ ލޯގޯ ބަދަލުކުރަން ޖެހުނު ސަބަބެއް ނުވިސްނޭ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. އަދި ކައުންސިލްގެ ކޮންމެ ދައުރެއްގައި ލޯގޯ ބަދަލުކުރާތީ ވެސް ފާޑުކިޔާފައިވެ އެވެ.

"މާތްވި އިސްލާމްދީން އަދި ދިވެހިންގެ އަމިއްލަ ވެރިކަމާއި މިނިވަންކަން، ބައިވަރު އެތައް މަނާއެއް ދޭހަވާ ލޯގޯއެއް، ސިޔާސީ ކުލަޖައްސައިގެން ބަދަލުކުރީ ކަނޑައެޅިގެން ޖެއްސުމަށް މީހުން ރުޅިއަރުވަން،" މީހަކު ކުރި ޓުވީޓެއްގައިވެ އެވެ.

ބައެއް މީހުން ތުހުމަތުކުރި ގޮތުގައި ކައުންސިލުން މި ލޯގޯ ބަދަލުކުރީ މާލެ ސިޓީ ކައުންސިލްގެ މިހާރުގެ މެޖޯރިޓީ އޮންނަ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކުލަ އޭގައި ހިމެނުމުގެ ނިޔަތުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ މި ލޯގޯ ބަދަލުކުރުމުން ފާޑުކިޔައިފަ އެވެ.

"ލޯގޯ، ނިޝާން އަދި ނަންނަމަކީ ވެސް ބަދަލުކުރެވޭ ތަކެތި. އެކަމަކު ގެނެވޭ ބަދަލު އިހަށްވުރެ ފުރިހަމަވުމަކީ މުހިންމު ކަމެއް. މާލެ އާއި މުޅި ރާއްޖޭގެ ތަރިކަ އާއި ސަގާފަތާއި ދީން ރަމްޒުކޮށްދޭ ހުކުރު މިސްކިތު މުންނާރު ފުހެލައިފައި ހަމައެކަނި ޕީޕީއެމް/ޕީއެންސީ ކުލަވަރު ނެރެން އުޅުމަކީ ޖޯކެއް،" އުނގޫފާރު ދާއިރާގެ މެމްބަރުން ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ޓުވީޓް ކުރެއްވި އެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ އުފެއްދުންތެރި މަސައްކަތްތަކެއް ނުކޮށް، ކައުންސިލަށް ހޮވޭ ކޮންމެ ބަޔަކު އައިސް ލޯގޯ ބަދަލުކުރުމުގެ ސަގާފަތެއް ގެންގުޅޭ ކަމަށާއި މިއީ ކަމެއް ކުރަން ނޭނގުމުން ކުރެވޭ ކަންކަން ކަމަށެވެ.

ކައުންސިލްގެ ލޯގޯ ބަދަލުކުރަން ނިންމި ސަބަބާ ގުޅޭ ގޮތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް ވިދާޅުވީ މި ލޯގޯ ފަރުމާކޮށްފައި ވަނީ މާލޭގެ ހަ އަވަށް ރަމްޒުވާނެ ގޮތަށް ކަމަށެވެ. އަދި މި ލޯގޯގައި ހިމެނޭ ކުލަތަކަކީ އެއްވެސް ކަހަލަ ސިޔާސީ ނިޔަތެއްގައި ބޭނުންކޮށްފައިވާ ކުލަތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އެއްވެސް ގޮތަކަށް، ސިޔާސީ ކުރުމުގެ ނިޔަތުގައެއް ނޫން އަޅުގަނޑުމެން ލޯގޯ ބަދަލުކުރީ. ކައުންސިލުން ހިދުމަތް ދިނުމުގައި ވެސް އަޅުގަނޑުމެން ވަކި ފިކުރަކަށް، ކުލައަކަށް ނުބަލަން،" މުއިއްޒު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން ބޭނުންކުރަމުން އަންނަ ލޯގޯ ބަދަލުކުރި މިއީ ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2012 ވަނަ އަހަރު ބޭނުންކުރީ މާލޭގެ މަލަމަތި ސިފަވާ ގޮތަށް، މާލޭ ހުކުރު މިސްކިތާއި އެ މިސްކިތުގެ މުންނާރާއި ދިވެހި ދިދަ ހިމަނައިގެން ފަރުމާކޮށްފައިވާ ލޯގޯއެކެވެ.

ހުކުރު މިސްކިތުގެ މުންނާރު ފެންނަ ލޯގޯ ބޭނުންކުރަން ފެށީ، އެމްޑީޕީގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ މިދިޔަ ދައުރުގަ އެވެ.