ފަހު ވަގުތުގެ ލަނޑުތަކުން ވިޔަރެއާލް ބަލިކޮށް ބާސެލޯނާ އަށް މުހިއްމު މޮޅެއް
ފަހު ވަގުތުގެ ލަނޑުތަކުން ވިޔަރެއާލް ބަލިކޮށް ބާސެލޯނާ އަށް މުހިއްމު މޮޅެއް

ވިޔަރެއާލް (ނޮވެމްބަރު 28) - ސްޕެނިޝް ލަ ލީގާގައި ރޭ ބާސެލޯނާ އާއި ވިޔަރެއާލް ބައްދަލުކުރި މެޗު އެއްވަރުވާން ދަނިކޮށް ފަހު ވަގުތު ޖެހި ލަނޑުތަކުން ބާސެލޯނާ މުހިއްމު މޮޅެއް ހޯދައިފި އެވެ.

ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ބާސެލޯނާ ކާމިޔާބުކުރީ 3-1 އިންނެވެ. މިއީ މި ސީޒަނުގައި އެ ޓީމު ޖެހިޖެހިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. ބާސެލޯނާގެ އާ ކޯޗު ޒަވީއާ އެކު އެ ޓީމުން ވަނީ މިދިޔަ ހަފްތާގައި އެސްޕަނިޔޯލް ބަލިކޮށް ޓީމުގެ ފެށުން ރަނގަޅު ކޮށްފަ އެވެ. އޭގެ ކުރިން ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް ބާސެލޯނާ މޮޅެއް ނުވެ އެވެ.

ރޭގެ މެޗުގައި ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑެއް ނުޖެހުނުއިރު ބާސެލޯނާ އިން ވަނީ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ފްރެންކީ ޑިޔޮންގެ ލަނޑުން ލީޑު ނަގައިފަ އެވެ. ވިޔަރެއާލަށް އެއްވަރު ކޮށްދިނީ 76 ވަނަ މިނިޓުގައި ނައިޖީރިއާގެ ފޯވަޑް ސެމިއުލް ޗުކްއުވޭޒޭ އެވެ.

ބާސެލޯނާ މޮޅުކޮށްދިން ލަނޑު މެމްފިސް ޑިޕާއި ޖެހީ މެޗުގެ 88 ވަނަ މިނިޓުގަ އެވެ. މިއީ އޭނާ ބާސެލޯނާ އަށް ލީގުގައި ޖަހައިދިން އަށްވަނަ ގޯލެވެ. އޭނާ ވަނީ ޒަވީގެ ފުރަތަމަ މެޗުގައި އެސްޕަނިޔޯލް ކޮޅަށް ވެސް ލަނޑު ޖަހައިދީފަ އެވެ.

ބާސެލޯނާގެ ތިންވަނަ ލަނޑަކީ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ފިލިޕޭ ކުޓީނިއޯ ޖެހި ލަނޑެކެވެ.

މިއީ ކުޅުނު 14 މެޗުން ބާސެލޯނާ މޮޅުވި ހަވަނަ މެޗެވެ. އެ ޓީމު މި ވަގުތު ތާވަލުގެ ހަތްވަނައިގައި އޮތީ 23 ޕޮއިންޓް ހޯދައިގެންނެވެ. އެއް ޕޮއިންޓް އިތުރަށް ހޯދައިގެން ހަވަނައިގައި އޮތް ރެއާލް ބެޓިސް މިރޭ ވާދަކުރާނީ އަދި މެޗަކުން މޮޅުނުވެ ފުލުގައި އޮތް ލެވަންޓޭއާ ދެކޮޅަށެވެ.

ޓޭބަލްގެ ހަތަރު ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް މިރޭ ކާޑީޒްއާ ދެކޮޅަށް ކުޅޭއިރު، ދެވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް ވެސް މިރޭ ރަށުން ބޭރުގައި އެސްޕަނިޔޯލާ ދެކޮޅަށް ކުޅޭނެ އެވެ.

އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް ރާއްޖެ ގަޑިން މިރޭ ދަންވަރު 1 ޖަހާއިރު އަމިއްލަ ދަނޑުގައި ނުކުންނާނީ ތިންވަނައިގައި އޮތް ސެވިއްޔާއާ ދެކޮޅަށެވެ.