ދޯނިފަހަރު އުޅޭ ސަރަހައްދުތައް ބަލައިލެވޭ ސެޓަލައިޓް ހިދުމަތެއް އުރީދޫން ތައާރަފްކޮށްފި
ދޯނިފަހަރު އުޅޭ ސަރަހައްދުތައް ބަލައިލެވޭ ސެޓަލައިޓް ހިދުމަތެއް އުރީދޫން ތައާރަފްކޮށްފި

މަސްދޯންޏާއި އެހެނިހެން އުޅަނދުފަހަރު އުޅޭ ސަރަހައްދު ފަސޭހައިން ބަލައިލެވޭ، އުރީދޫ ލޮކޭޓް ސެޓަލައިޓް ހިދުމަތް މިއަދު ތައާރަފްކޮށްފި އެވެ.

އުރީދުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މާލޭގައި ހުންނަ އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރު މެދުވެރިކޮށް ލޮކޭޓް ސެޓެލައިޓް ޕްރީ އޯޑަރު ކުރެވޭނެ އެވެ. އެގޮތުން، ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ފަރުމާކުރެވިފައިވާ ތިން ޕެކޭޖެއް ހިމަނާފައިވާ ކަމަށް އުރީދޫން ބުންޏެވެ. އެއީ އުރީދޫ ލޮކޭޓް ސެޓެލައިޓް 599، އުރީދޫ ލޮކޭޓް ސެޓެލައިޓް 799 އަދި އުރީދޫ ލޮކޭޓް ސެޓެލައިޓް 1199 އެވެ.

މި ހިދުމަތާ ގުޅޭ ގޮތުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ މަސްވެރިންނަށް ހާއްސަ ޓްރެކިން ޑިވައިސްއެއް ކަމަށްވާ އުރީދޫ ލޮކޭޓް ސެޓަލައިޓް ތައާރަފް ކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި ޑިވައިސް ބޭނުންކުރާ މީހުންނަށް، އޮޑިދޯނިފަހަރު ދަތުރުކުރަމުންދާ ސަރަހައްދު ޓްރެކްކޮށް، ފަޅުވެރިންނާއި މުދަލުގެ ރައްކާތެރިކަން އިތުރުކޮށްދިނުން ފަދަ މުހިންމު ފައިދާތައް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާާއާ އޮންނަ ގާތް ގުޅުމަކީ އުރީދޫން ފަހުރުވެރިވާ ކަމެއް. މުސްތަގްބަލުގައި ވެސް އަޅުގަނޑުމެން މަސައްކަތްކުރަމުން ދާނީ، އުރީދޫގެ ޓެކްނޮލޮޖީތަކާއި ހިދުމަތްތަށް މެދުވެރިކޮށް މި ދާއިރާ އަށް ފުރިހަމަ އެއްބާރުލުން ދިނުމަށް،" ސިންހަ ވިދާޅުވި އެވެ.

މަސްވެރިންނަަށް ހާއްސަކޮށް ސެޓަލައިޓް މެދުވެރިކޮށް މުވާސަލާތީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ވެސް އުރީދޫން ވަނީ މިދިޔަ އޮކްޓޯބަރު މަހު ފަށައިފަ އެވެ.

މަސްވެރިންނަށް ހާއްސަކޮށް ތައާރަފް ކުރީ ތުރާޔާގެ ސެޓްސްލީވް+ އަދި ސެޓްސްލީވް ހޮޓްސްޕޮޓް ޑިވައިސްތަކެވެ. އުރީދޫން ވިއްކާ މި ޑިވައިސްތަކަކީ ސްމާޓްފޯނުތައް ސެޓަލައިޓް ފޯނަކަށް ބަދަލުކޮށްލާ އެޑެޕްޓަރުތަކެކެވެ. އާއްމުކޮށް ދޫކުރާ ނެޓްވޯކު ލިބުން ދަތި ސަރަހައްދުތަކުގައި ބޭނުންތެރި މި ވަސީލަތްތައް މެދުވެރިކޮށް ފޯނާއި މެސެޖު ކުރެވުމުގެ އިތުރަށް، އީމެއިލް އަދި މޮބައިލް އެޕްލިކޭޝަންތައް ބޭނުންކުރެވޭނެ އެވެ. އަދި މި ދެ އެޑެޕްޓަރުގައި ވެސް ސްމާޓްފޯނެއްގެ އެހީއާ ނުލާ ބޭނުންކުރެވޭ ސަލާމަތީ (އެސްއޯއެސް) ފީޗައެއް ހިމެނެ އެވެ.

މަސްވެރިންނަށް ހާއްސަކޮށް ސެޓަލައިޓް މުވާސަލާތީ ހިދުމަތް އުރީދޫން ފެށިއިރު، އަންނަ އަހަރުން ފެށިގެން ކޮންމެ މަސްދޯންޏެއްގައި ސެޓަލައިޓްގެ ހިދުމަތް ލިބޭ މުވާސަލާތީ ވަސީލަތެއް ހުރުން ވަނީ ލާޒިމްކޮށްފަ އެވެ. މިއީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ވެސް މަސްވެރިކަން ބަލަހައްޓާ މައި އިދާރާތަކުން ގެންގުޅޭ ސިޔާސަތެކެވެ.