ވާހަކަ: ކަޅު ބުޅާ
ވާހަކަ: ކަޅު ބުޅާ

އަޒްމާ ހަޅޭއްލަވާ އަޑު އަހަންނަށް އިވެއެވެ. އެ އަޑު މަޑުކުރަން ކުރެވޭނެ ކަމެއް ނެތެވެ. ހުރިހައި ވެސް މައްސަލައަކީ، ކޮޓަރީގައި ހުރި ފެންލައިޓެވެ. އެ ކުޑަދޮރުގެ ދޮރުފަތް ތާށިވެފައި ނުހުންނަ ހަނދާނެއް އަހަރެން ނުވެއެވެ. ގެއަކީ ވަރަށް އާދައިގެ ގެއެކެވެ. އަހަރެން ކިޔަވަން އިންޑިޔާއަށް އައިސް، ކިޔަވައި ނިމިގެން ވަޒީފާއަކަށް ވަން އިރު ވެސް އެ ދޮރު ހުންނަނީ އެހެންނެވެ. މިހާރު އަހަރެންގެ އުމުރަކީ ބާވީސް އަހަރެވެ. އެހެން ދިވެހި ފިރިހެނުންނާއި އަހަރެންގެ ސިފައިގައި ތަފާތެއް ނެތެވެ. ގަރުދިޔަބަތާއި ރިހާކުރަކީ ވެސް އަހަންނަށް މީރު އެއްޗިއްސެވެ. އެހެނަސް އަހަންނަށް ހީވަނީ އަހަރެންގެ ވިސްނުން އެހެން ދިވެހިންނާ ވަރަށް ތަފާތުހެންނެވެ.

ތިން ދުވަހެއް ކުރިން މަންމަގެ ރައްޓެއްސެއް ގެއަށް ގެނައެވެ. އޭނަގެ ނަމަކީ އަޒްމާއެވެ. ވަރަށް ރީތި، ޒުވާން އަންހެންކުއްޖެކެވެ. އަޒްމާ ކުރިން އުޅުނީ އިންޑިޔާގެ އެހެން ގެއެއްގައެވެ. އެއް ރެޔަކު އަޒްމާ ކުއްލިއަކަށް މޮޔަގޮވަން ފެށީއެވެ. އެ ހިސާބުން އެ ގޭގެ މީހުން އަޒްމާ ގެއިން ނެރެން އެންގިއެވެ. އަހަރެންގެ ގެއަށް އަޒްމާ ގެނައީ ވަގުތީގޮތުންނެވެ. އަހަރެން އަޑުއެހި ގޮތުގައި އަޒްމާޔާ ޖިންނިއެއް އަވަލެވީއެވެ. ހިތަށްއެރިއެވެ. ޖިންނި ދިރިއުޅެނީ ކޮންތާކު ހެއްޔެވެ؟ އިންސާނުންނާ އަވަލަވަނީ ކިހިނެއް، ކީއްކުރަން ހެއްޔެވެ؟ އަހަންނަކަށް އެ ވާހަކަ ހަމައެއްނުޖެހެއެވެ. ގަބޫލެއް ވެސް ނުކުރެވެއެވެ.

އަހަރެން އެނދުން ފައިބައިގެން ގޮސް ކޮޓަރީގެ ދޮރުން ބޭރަށް ބޯދިއްކޮށްލީމެވެ. ކޮޓަރިން ނުނިކުންނަން ބައްޕަ ބުނެފައި އޮތަސް، އަޒްމާއަށް ވާ ގޮތް އަހަރެން ބަލާލާ ހިތްވިއެވެ. ފިޔަވަޅުމަތިން ގުޑައިލަން ނުކެރިފައި އަހަރެން ހުއްޓައި، އަޒްމާގެ އަޑު ފިރިހެން އަޑަކަށް ބަދަލުވިއެވެ. ނުދަންނަ ބަހަކުން ވާހަކަދައްކަން ފެށިއެވެ. ޔަގީނުން ވެސް އެއީ ހިންދީ ނުވަތަ ތަމަޅަބަހެއް ނޫނެވެ. އަހަރެން ބިރެއްނުގަނެއެވެ. އެކަމަކު ހައިރާންވިއެވެ. ޒުވާން އަންހެންކުއްޖަކު އެހާ ބަރު އަޑަކުން ވާހަކަދައްކާނީ ކިހިނެއް ހެއްޔެވެ؟

ދެ ދުވަހެއް ވަންދެން އެ ސަކަރާތެއްޖެހުމަށް ފަހު، އަޒްމާ ކޮންމެވެސް އެހެން ގެއަކަށް ގެންދިޔައެވެ. ފަހުން އޭނައަށް ވީ ގޮތެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު އެ ހިސާބުން އެ ކަން ނިމުނީއެއް ނޫނެވެ. އާ ފެށުމަކުން ފެށުނީއެވެ. އަޒްމާ ގެންދިޔަ ފަހުން ގޭތެރެއަށް ޒާތެއްގެ ފަޅުކަމެއް ފެތުރެން ފެށިއެވެ. ގޭގައި އަހަރެންގެ މައިންބަފައިންގެ އިތުރަށް ފިރިހެން ކޮއްކޮއަކާއި، ދައްތައެއް އުޅެއެވެ. އެހެންޏާ އަހަރުމެން އެންމެން ކައި، ނާސްތާކުރަނީ އެކުގައެވެ. އޭގެ ފަހުން އަހަރުމެން ޓީވީބަލަން ވެސް ތިބެމެވެ. އެ ކަން ހުއްޓުނެވެ. އެކި މީހުން ކާން އަންނަނީ އެކި ގަޑީގައެވެ. ޓީވީބަލަން ވެސް، ގިނަވެގެން ތިބެނީ ދެ މީހެކެވެ. އެކަކަށް ވެސް އެ ކަން ފާހަގައެއް ނުވެއެވެ. އެހެންޏާ އިރުއޮއްސުމުން ގޭގެ ހުރިހާ ބޮތްކަކާއި ހޮޅިބުރިއެއް ދިއްލައެވެ. އެ ކަން ވެސް ބަދަލުވިއެވެ. އެ ކަމަށް ސަމާލުކަން ނުވެސް ދެވުނީއެވެ. އަހަރުމެން ތިބި ގޭގެ ގޯތިތެރެ ވަރަށް ބޮޑެވެ. ގަސް ގިނައެވެ. ކުރިން ރޭގަނޑު ގޯތިތެރެއަކަށް ނުނިކުންނާނެއެވެ. އެ ހިސާބުގަނޑުގައި ދިރޭއެއްޗެހި ގިނަކަމުންނެވެ. މަދިރިއާއި ޕަރުވާނާއެވެ. ރުކުމަޑިއާއި ކުރަތްޕެވެ. އެ ކަން ވެސް ބަދަލުވީ ހަމަ ކުއްލިއަކަށެވެ. ރޭގަނޑު ވެއްޖެއްޔާ އަހަރެން ވެސް ވަނީ ގޯތިތެރެއަށް ނުކުންނަ ހިތެވެ.

ޒާހިދުބެއަކީ އަހަރެންގެ ބައްޕަގެ ބޭބެއެވެ. ޒާހިދުބޭގެ އަންހެނުން އުޅެނީ ބަލިވެއެވެ. ޓެސްޓުހަދަން ދޭތެރެދޭތެރެއިން އިންޑިޔާއަށް އަންނަން ޖެހެއެވެ. އަހަރުމެންނަށް ވެފައި ތިބި ގޮތް ފާހަގަވީ ޒާހިދުބެއަށެވެ. އަހަރެން ވަރަށް ހައިރާންވިއެވެ. އެހާ ބޮޑު ބަދަލެއް އައި އިރު އަހަރުމެންނަށް ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ ސަބަބު އޮޅުންފިލުވުމުގެ މަސައްކަތް ޒާހިދުބޭ ފެށިއެވެ. އަހަރުމެންނަށް އައި، ހައިރާންކުރަނިވި ބަދަލާއި އަޒްމާއަކާ އެކަކު ވެސް ނުގުޅުވައެވެ. އާދަޔާ ހިލާފު ކަމެއް ގޭގައި ހިނގިތޯބަލަން ޒާހިދުބޭ ސުވާލުތައް ކުރަމުން ދަނިކޮށް، އަޒްމާގެ ވާހަކަ ބުނެވުނީ އަހަންނަށެވެ. އަޒްމާއަށް ގޭގައި ފަންޑިތަހެދި ވާހަކައާއި، އޭނަ ހަޅޭއްލެވި ވާހަކައާއި، އަޑު ބަދަލުވި ވާހަކަ ވެސް ބުނަން ހަނދާންވީ އަހަންނަށެވެ.

ޒާހިދުބޭއަކީ ފަންޑިތަވެރިއެއް ނޫނެވެ. ފަސްވަގުތު ނަމާދުކުރާ އަޅުވެރިއެއް ވެސް ނޫނެވެ. އޭނައަކީ، ކުރީ ޒަމާނުގެ ސަގާފަތާއި އާދަކާދަތައް ގަބޫލުކުރާ މީހެކެވެ.

"ތިޔަ ކުއްޖަކު މި ގެއަށް ވައްދައިގެން އޭނަޔަށް ފަންޑިތަހަދަން އުޅެނިކޮށް ޖިންނި މި ގެޔާ އަވަލެވީ،" ވަރަށް ޔަގީންކަމާ އެކުގައި ޒާހިދުބޭ ބުންޏެވެ. "ދެނެއް މި ތާކު ނޫޅެވޭނެ."

"އެކަމަކު އޭނަޔާ އަވަލަަވައިގެން އުޅުނު އެއްޗެއް މިގެޔާ އަވަލެވީ ކީއްވެ؟" ބައްޕަ ބުނި އަޑު އެހީމެވެ. "އަހަންނަކަށް ގަބޫލެއް ނުކުރެވޭ! އެހެން ނޫނަސް މި ގޭގެ ރައްކަލަށް އެހެރީ އޭތިމީތި ހަރުކޮށްފަ."

ޒާހިދުބޭގެ ވާހަކަ މަންމަ ގަބޫލުކުރިއެވެ. ކޮއްކޮޔާ ދައްތަގެ ވިސްނުން ހުރި ގޮތެއް އަހަންނަކަށް ނޭނގެއެވެ. ބައްޕަގެ ވިސްނުމަށް ވުރެ ވެސް އަހަރެންގެ ވިސްނުން ތަފާތެވެ. އަހަރެންގެ ނަޒަރުގައި، ގެއަށް ފަންޑިތަހަދައިގެން ވާނެ ފައިދާއެއް ނުވަތަ ގެއްލުމެއް ވެސް ނެތެވެ. އަޒްމާގެ އަޑު ފިރިހެން އަޑަކަށް ބަދަލުވި ގޮތަކާއި، އެހެން ބަހަކުން އޭނަ ވާހަކަދެއްކުމުގެ ހަގީގަތެއް އަހަންނަކަށް ނޭނގެއެވެ. އެކަަމަކު، އޭރު ވެސް އަހަރެންގެ ހިތަކަށް ވަސްވާހެއް ނުވަދެއެވެ. އަހަންނަކަށް ޝައްކުބައްޔެއް ނުޖެހެއެވެ. އެންމެ ރަނގަޅުވީހީ، އެ ހިސާބުން އަހަރެން އެހުމުން ވައްކަންކުރުން ހުއްޓައިލި ނަމައެވެ. އަހަންނަށް އަޑުއަހަން ހުރެވުނީއެވެ.

"ހުރިހާ ވެސް މައްސަލައަކީ ކަލޭމެންގެ ވިސްނުން މާ ޒަމާނީވުން. ކާބަފައިންގެ ނަސޭހަތް ކަޓުވުން،" ޒާހިދުބޭ ހިތްހަމަނުޖެހިފައި ބުންޏެވެ. "މި ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާތި."

ޒާހިދުބޭ ފެށިއެވެ. ދޮންދޫނި ގެއަށް ވަދެ، އަވަސްއަވަހަށް ވަދެނުކުމެ ހަދަންޏާ މެހުމާނަކު ގެއަށް އަންނާނެއެވެ. އެކި ރާގުރާގަށް ކާޅު ގޮވަންޏާ ކޮންމެވެސް ޚަބަރެއް ގެނެސްދޭނެއެވެ. ގޭތެރެއަށް މާބުރު އެކި ފަހަރުމަތިން ވަދެ ސާޅިސް ހަމަވެއްޖެއްޔާ ގެއަށް އަލަށް މީހަކު އަންނާނެއެވެ. ގޭތެރެއިން ނަންނުގަތި ފެންނަންޏާ ތަނަވަސްކަން ލިބޭނެއެވެ. ނިދާފައި އޮއްވާ މީދާ އައިސް ފައިގެ ނުވަތަ އަތުގެ އިނގިއްޔެއްގައި ދަތްއަޅައިފި ނަމަ އެ މީހަކަށް ކޮންމެވެސް މީހަކު ސިހުރެއް ހަދަނީއެވެ. ކޮތަރު ތަން ދޫކޮށްފައި ހިނގައްޖެ ނަމަ އެ ތަނެއް ފަޅުވާނެއެވެ. މަގުމަތިން ދަނިކޮށް ކަޅު ބުޅަލެއް ހުރަސްކަނޑައިފި ނަމަ އެއީ ނުރައްކާތެރި އިންޒާރެކެވެ. ދެން ކުރިޔަށް ގޮސްގެން ނުވާނެއެވެ. ޖެހޭނީ އަނބުރާލައިފައި އައި ކޮޅަށް ދާށެވެ. ޒާހިދުބޭ ކިޔައިދިން ހުރިހާ ވާހަކައެއް އަހަންނަކަށް ހަނދާނަކު ނުވެސް ބެހެއްޓުނެވެ. އެހާ ވެސް ގިނަ ވާހަކަ ކިޔައިދިނެވެ.

އަހަރެން އިންޑިޔާގައި ހުރި ގެއަށް ވެރިވި ފަޅުކަން ނުކެނޑުވިގެން އެންމެ ފަހުން އެ ގެ ދޫކޮށްލައިފައި އެހެން ގެއަކަށް ބަދަލުވީއެވެ. އެ ހިސާބުން އަނެއްކާ ވެސް އަހަރުމެންގެ ތެރެއަށް ވެރިވެފައި އޮތް ފަޅުކަން ފިލައި، ކުރިން އޮތް ގޮތަށް ކަންކަން އިއާދަވިއެވެ. އެއީ އިއްތިފާގެއް ހެއްޔެވެ؟ ނުވަތަ ޒާހިދުބޭ ބުނީ ތެދެއް ހެއްޔެވެ؟ ޝައްކުބަލި ޖެހޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެނަސް، އަޒްމާ ފިރިހެން އަޑަކުން ހަޅޭއްލެވުމާއި، އެހެން ބަހަކުން ވާހަކަދެއްކީ ކިހިނެއް ހެއްޔެވެ؟ އޭގެ ޖަވާބެއް އަހަންނަކަށް ނުލިބުނެވެ. ދެން އިރުއިރުކޮޅާ ޒާހިދުބޭ ބުނި ކޮންމެވެސް އެއްޗެއް އަހަރެންގެ ހަނދާނަށް އާދެއެވެ. އެ ވާހަކަތައް އަހަރެން ގަބޫލެއް ނުވެސް ކުރަމެވެ. ބިރެއް ވެސް ނުގަނެއެވެ. އެކަމަކު، ދޭތެރެއަކުން ކޮންމެވެސް އެއްޗެއް އަހަރެން ހަނދާންވެއެވެ. ޗޮކެއްކަނޑައިލެވެއެވެ. ހިތާހިތުން ބުނެވެއެވެ. ބޭކާރު ވާހަކައެވެ.

ތަންކޮޅެއް ލަހުން ހޭލެވުނު ދުވަހެކެވެ. އަހަންނަކީ، ދުވަހަކު ވެސް ވަޒީފާއަށް ގަޑިޖެހުނު މީހެއް ނޫނެވެ. އަވަސްއަވަސް ކޮށްލައިގެން ނުކުތީމެވެ. އަހަރެން ވަޒީފާ އަދާކުރަނީ، ކަރަންޓު ސާމާނު މަރާމާތުކުރާ ކުޑަ ކުންފުންޏެއްގައެވެ. އަހަރެން ދަތުރުކުރަނީ، ކުންފުނިން ދީފައި އޮންނަ އިސްކޫޓަރެއްގައެވެ. ދަތުރަކީ ތިރީހަކަށް މިނެޓުގެ ދަތުރެކެވެ. ގެއިން ނުކުތް ގޮތަށް ދުވެލި ބާރުކޮށްލީމެވެ. އަހަންނަށް ދުއްވޭ އެންމެ ބާރަކަށެވެ. ގެއިން ނުކުމެގެން ވަރަށް ދިގު، ހަނި ގޯޅިއަކުން ދަތުރުކުރަމުން ގޮސް ނުކުމެވޭނީ ވަރަށް ކާރުބާރު ބޮޑު، ފުޅާ މަގަކަށެވެ. އެ މަގުގައި ދުއްވާ އެއްޗެހި އިންތިހާއަށް ގިނަވާނެއެވެ. އަމުދުން އަހަރެން އޮފީހަށް ދާ ގަޑިއަކީ ބާރުބޮޑު ގަޑިއެކެވެ. ހަނިމަގުން ދުއްވާފައި ގޮސް ބޮޑުމަގަށް ނުކުމެ، ދުވެލި ބާރުކޮށްލި ވަގުތު، ކަޅު ބުޅަލެއް ހުރަސްކޮށްލިއެވެ. އަހަރެންގެ އިސްކޫޓަރަށް ވުރެ ތަންކޮޅެއް ދުރުންނެވެ. އެ ބުޅާ ދެ ސިކުންތަކަށް މަޑު ވެސް ކޮށްލިއެވެ. އަހަރެން ސައިކަލުގެ ދުވެލި މަޑުކޮށްލީމެވެ. ނުއެއް ހުއްޓަމެވެ. އައި ކޮޅަކަށް ނުވެސް ދަމެވެ. އެއްކޮޅަށް ދުއްވާ މަގެކެވެ. އެކަމަކު އަހަރެންގެ ފަހަތުން އައި ސައިކަލު މަޑެއް ނުކުރެއެވެ. ހީވީ ވަޒަނެއް ދިޔަހެންނެވެ. އެ ވަގުތަކީ، ކުރިމަތީގައި އޮތް ލޯރި ބުރަކި ޖެއްސި ވަގުތެވެ. އޭގެ ފަހަތަށް އަރުވައިފައި ހުރީ ހިމަ ދަގަނޑުތަކެވެ. އެކި ދަގަނޑު އެކި ވަރަށް ނުކުމެފައި ހުއްޓެވެ. އަހަރެންގެ ކުރިއަރައިގެން ދިޔަ މީހާ ދިޔަ ގޮތަށް އޭގެ ދަގަނޑަކަށް އެމުނުނީއެވެ. ހުރިހާ މަންޒަރެއް އަހަރެންނަށް ވަރަށް ގާތުން ފެނުނެވެ. އަހަރެންގެ ގަޔަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ. ސައިކަލު ހުއްޓަން އަހަރެން ބޭނުންވިއެވެ. އެކަމަކު ލޯގަނޑުން ފަހަތް ބަލައިލި އިރު މަގު އޮތީ ފުރިފައެވެ. އަހަރެން މަޑުމަޑުން ދިޔަ ގޮތަށް ދިޔައީއެވެ. އެ ދުވަހު އަހަންނަކަށް އެއްވެސް މަސައްކަތެއް ނުކުރެވުނެވެ. އިރުއިރުކޮޅާ ހިތަށްއަރައެވެ. އަހަރެން ދުވެލި މަޑުނުކުރި ނަމަ ވާނީ ކިހިނެއްބާއެވެ؟

މިހާރު މީ އޭގެ އެތައް އަހަރެއް ފަހެވެ. އަހަރެން މާލެއައިސް، ޒަވާޖީހަޔާތެއް ފަށައި، ދެ ކުދިން ލިބި، މުއްސަނދި ވިޔަފާރިވެރިއަކަށް ވެސް ވެއްޖެއެވެ. އެކަމަކު އިންޑިޔާއިން އެ ދިމާވި ހާދިސާ އަހަރެން ހަނދާނެއް ނުނެތެއެވެ. އަހަރެން ގަބޫލުކުރަން ބޭނުންވަނީ، އެ ދުވަހު އެ ދިމާވީ އިއްތިފާގެއްކަމުގައެވެ. އެކުސިޑެންޓާއި ކަޅުބުޅަލާ އެއްވެސް ގުޅުމެއް ނެތެވެ. އެހެނަސް، ހިތަށްއަރަނީ ކުރިން ވެސް ހިތަށްއެރި ސުވާލެވެ. އެ ދުވަހު އަހަރެން ދުވެލި މަޑުނުކުރި ނަމަ ދެން ވާނީ ކިހިނެއްބާއެވެ؟ މިއީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

ނިމުނީ