11 ޑިސެމްބަރ 2016 - 06:59

ނާޒުކު ގުނަވަން ގަވާއިދުން ވެކްސް ކުރުމާއި އިސްތަށި ކޮށުން ނުވަތަ ބޭލުމަކީ ޖިންސީ ގުޅުމުން ޖެހޭ އިންފެކްޝަންތަކުގެ ނުރައްކާ އެތައް ގުނައަކަށް ބޮޑުވާ ކަމެއް ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ޖިންސީ ގުނަވަންތަކުން އިސްތަށި ބޭލުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ގިނަ އަންހެނުންނާއި ފިރިހެނުން އާދަކޮށް މިހާރު ކުރަމުން ދާ ކަމެކެވެ.
ނަމަވެސް އެމެރިކާގައި އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ 7،500 މީހުންގެ މެދުގައި ކުރި ދިރާސާއަކުން އެނގުނީ ނާޒުކު ގުނަވަންތަކުން އިސްތަށި ނައްތާލުމާއި ޖިންސީ ގުޅުމުން އަރާ ބަލިތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެވެ.
އާދައެއްގެ ގޮތުގައި އެކަން ކުރާ ކަމަށް ބަލަނީ މަހަކު ގަވާއިދުން އިސްތަށި ކޮށުން ނުވަތަ ބޭލުމަށެވެ. މިފަދަ މީހުންނަށް ސެކްޝުއަލީ ޓްރާންސްމިޓަޑް އިންފެކްޝަން (އެސްޓީއައި) ޖެހުމުގެ ފުރުސަތު އެނޫން މީހުންނަށް ވުރެ ހަތަރު ގުނަ މައްޗެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ޖިންސީ ގުނަވަނުން އިސްތަށި މާ ބޮޑަށް ކޮށައި އަދި ބާލަނީ އާންމުކޮށް ޖިންސީ ގުޅުން ގިނައިން ހިންގާ މީހުންނެވެ.
ސެންފްރެންސިސްކޯ ޖެނެރަލް ހޮސްޕިޓަލުގެ ޑޜ. ބެންޖަމިން ބްރެޔާ ވިދާޅުވީ އެގޮތަށް އިސްތަށި ނައްތާލާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެސްޓީއައި ޖެހިގެން ފަރުވާ ހޯދާ ކަމަށެވެ.