27 ނޮވެމްބަރ 2021 - 14:11

މާލޭގައި މިސްކިތަކަށް ވަދެ އެތަނުގެ ހުރުމަތް ކެނޑޭ ގޮތަށް އަމަލުތައް ބެހެއްޓި މީހަކު ހައްޔަރުކޮށް ބަންދަށް ހަތް ދުވަސް ކޯޓުން ދީފި އެވެ.
ފުވައްމުލަކު މީހެއް ކަމަށްވާ، އުމުރުން 39 އަހަރުގެ އިބްރާހީމް އަހުމަދު ހައްޔަރުކޮށް އިއްޔެ ކްރިމިނަލް ކޯޓުން ބަންދު އިތުރުކުރީ އޭނާގެ އަމަލަކީ މުޖުތަމައުގައި ކަންބޮޑުވުން އޮތް ކަމަކަށް ވާތީ އާއި މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް ކޮށްފައިވާ ކަމަށް އޭނާ ކޯޓުގައި ވެސް ބުނެފައި ވާތީ އެކަމާ ރިއާޔަތްކޮށެވެ.
އޭނާ ކޯޓުގައި އެއްބަސްވެފައިވާ ގޮތުގައި އޭނާ ވަނީ މިސްކިތުގެ ފަންކާގައި އެއްޗެހި ހިއްކަން އަޅަން މަސައްކަތްކޮށްފަ އެވެ.
މަސްތުވާތަކެތި ބޭނުންކުރާ އެތައް ބަޔަކު މަގުމަތީގަ އާއި އާންމު ތަންތަނުގައި ނިދައި އެ މީހުން ގެންގުޅޭ ތަކެތި ވެސް އެ ތަންތަނުގައި ބެހެއްޓުން ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. އެކަމަކު އިއްޔެ ބަންދުކުރި މީހާ އަކީ މިގޮތަށް އުޅޭ މީހެއްކަން ކޯޓުގެ ލިޔުންތަކުން އެނގޭކަށް ނެތެވެ.
މިސްކިތަށް ވަދެ އެތަނަށް ކުޑަކަމުން ގޮސް އަދި މިސްކިތުގައި ހަތިމަކަށް ކުޅުޖެހި މީހަކު ހައްޔަރުކޮށް މިހާރު ވަނީ ދައުވާ ވެސް ކޮށްފަ އެވެ.