27 ނޮވެމްބަރ 2021 - 14:21

ބޯޑަރުތައް އަނެއްކާވެސް ބަންދުކުރުމަކީ ވަރަށް ގެއްލުން ބޮޑު ވިސްނުމެއް ކަމަށާއި ކޮވިޑް-19 އާ އެކު އުޅުން ނޫން ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.
ކޮވިޑްގެ އާ ވޭރިއަންޓެއް ފެތުރޭތީ، ރާއްޖޭން އަޅާނެ ފިޔަަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން، ޓެކްނިކަލް އެޑްވައިޒަރި ގްރޫޕް (ޓެގް) އިން މިއަދު ބައްދަލުވުމެއް ބާއްވަން ސަރުކާރުން ނިންމުމުން ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ.
"އަނެއްކާ ރާއްޖެ ބަންދުކުރުމުގެ ވިސްނުން ވާނީ ވަރަށް ގެއްލުން ބޮޑު ވިސްނުމަަކަށް. ކޮވިޑާ އެކު އުޅުން ނޫން ގޮތެއް ނެތް،" އެމަނިކުފާނު ވިދާޅުވި އެވެ.
ކޮވިޑް ކޮންޓްރޯލްކުރުމަށް ބޯޑަރުތައް ބަންދުކުރުމާއި ރަށްތައް ލޮކްޑައުންކުރުން ފަދަ ފިޔަވަޅުތައް އެޅުމާ، ނަޝީދު މީގެ ކުރިން ވެސް ގެންދެވީ ދެކޮޅު ހައްދަވަމުންނެވެ. މިދިޔަ އަހަރުގެ މެއި މަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެ މަނިކުފާނު ވިދާޅުވީ ފިޔަވަަޅުތައް އެޅި ނަމަވެސް، ރަށްތަކަށް ކޮވިޑް ފެތުރޭނެ ކަމަށެވެ. އެއީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެއް ރަށުން އަނެއް ރަށަށް މުދާ އުފުލަން ޖެހޭތީ އެވެ.
"މުދާ ވެސް ރަށް ރަށަށް އުފުލާނެ. ތަކެތި ވެސްް ރަށްރަަށް އުފުލާނެ. ރާއްޖޭގެ އެއް ރަށާއި އަނެއް ރަށާ އެއީ ދުރުދުގައި ތިބޭ ތަނެއް ކަމަށް، ވަކިވަކިން އޮތް ތަންތަން ކަމަށް ބައެއް ބޭފުޅުންނަށް ހީފުޅުވިޔަސް ވެސް މި ދިވެހިރާއްޖެ އެއް ގައުމެއްގެ ގޮތުގައި ތުރާކުނުން ފެށިގެން އައްޑޫ މުއްޔާ ހަމައަށް މިއޮތީ ވަރަށް ދަތުރުކުރާތީ، އެއް ތަނުން އަނެއް ތަނަށް މީހުން ގޮސް އުޅޭތީވެ. އެހެންވީމަ އެއް ތަނެއްގައި ހުރި އެއްޗެއް އަބަދުވެސް އަނެއް ތަނަކަށް ފެތުރިގެން ދޭ،" އެމަނިކުފާނު އޭރު ވިދާޅުވި އެވެ
ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމުގެ ކުރިން ރާއްޖޭގެ ބޯޑަރު ބަންދުކުރާ ވާހަަކަ ފުރަތަމަ ދެއްކި ދުވަސްވަރު ވެސް ނަޝީދު ވިދާޅުވަމުން ގެންދެވީ އެބަލި ރާއްޖެއަށް އަންނާނެ ކަމަށާއި ބޯޑަރުތައް ބަންދުކޮށް މަސައްކަތްތައް ހުއްޓާލައިގެން ނުތިބެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި ޖެހޭނީ އެ ބައްޔާ އެކު ދިރިއުޅެން ދަސްކުރަން ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވި އެވެ.
ކޮވިޑްގެ އާ ވޭރިއަންޓެއް ފެތުރޭތީ ބައެއް ގައުމުތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އޭގެ އެއް ފިޔަވަޅަކީ އާ ވޭރިއަންޓް ބޮޑަށް ފެތުރޭ ގައުމުތަކަށް ދަތުރުކުރާ މީހުން ކަރަންޓީނުކުރާ ގޮތަށް ހަމަޖެއްސުމެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާ ވޭރިއަންޓް "އޮމިކްރޮން" އަކީ ރާއްޖެއަށް ބޮޑު ކަންބޮޑުވުމެއް ކަަމަށެވެ. އެހެންވެ އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ބޯޑުތައް މީގެ ކުރިން ބަންދުކުރި އިރު، އިގުތިސާދީ ގޮތުން ރާއްޖެއަށް ބޮޑު ގެއްލުމެއްވި އެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ހުއްޓުމަކަށް ގެނެސް، އޭރު އެޅި ފިޔަވަޅުތަކަށް ފަހު އަލުން ހުޅުވުވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.