27 ނޮވެމްބަރ 2021 - 11:35

ކޮވިޑްގެ އާވޭރިއަންޓް، "އޮމްކްރޯން" އެކި ގައުމުތަކުން ފެންނަމުން ދާތީ ރާއްޖޭގައި އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
ކޮވިޑްގެ އާ ވޭރިއަންޓާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އާވޭރިއަންޓްގެ މައްސަލާގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން މަޝްވަރާކޮށް އެކަމުގައި އަޅާނެ ފިޔަވަޅުތައް ނިންމަވާނެ ކަމަށެވެ.
ދެކުނު އެފްރިކާ އިން ފެނިގެން އުޅޭ އާ ވޭރިއަންޓާ ގުޅިގެން ބައެއް ގައުމުތަކުން މިހާރު ވަނީ އެ ގައުމުން މީހުން އެތެރެވުން މަނާކޮށްފަ އެވެ. އެކަމަކު ރާއްޖެއިން މިހާތަނަށް އެފަދަ ފިޔަވަޅެއް ނާޅަ އެވެ.
ރައީސްގެ ޓްވީޓުގައި ވިދާޅުވީ ރާއްޖޭގައި 50 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ދެމުން އަންނަ ކަމަށެވެ. އަދި މި ހަފްތާ ތެރޭގައި ސިއްހީ ދާއިރާ އާއި ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރުން އެއާޕޯޓްގެ ޕްރޮންޓްލައިން ސްޓާފުނަށް ވެސް ބޫސްޓާ ޑޯޒް ދޭން ފެށޭނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީއަށް ބޫސްޓާ ޑޯޒް ދިނުމުގެ މަސައްކަތް ފެށޭނީ އަންނަ މަހުގެ މެދު ތެރޭގަ އެވެ.
އެހެންވެ، ބޫސްޓާ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ މީހުން ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށް ރައީސް ގޮވާލެއްވި އެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވަމުން އަންނައިރު އެވަރަށް ވެކްސިން ހުރިތޯ ސުވާލުކުރުމުން އެޗްއީއޯސީގެ އޮފިޝަލަކު ވިދާޅުވީ "ބޭނުންވާ ވަރަށް ވެކްސިން ނެތް ނަމަ، ރައީސް އެކަން އިއުލާން ނުކުރައްވާނެ،" ކަމަށެވެ. އެކަމަކު ކުރިން ވެސް ވަނީ ވެކްސިން ހޯދުމުގައި ދިމާވި ދަތިތަކާ އެކު ބައެއް މީހުންނަށް ދެވަނަ ޑޯޒް ޖެހުން ފަސްކޮށްފަ އެވެ.