ކްލަބު މޯލްޑިވްސް: ގުރޫޕްގެ އެއްވަނަ މަގާމުގައި އެޗްޑީސީ ހަމަޖެހިލައިފި
ކްލަބު މޯލްޑިވްސް: ގުރޫޕްގެ އެއްވަނަ މަގާމުގައި އެޗްޑީސީ ހަމަޖެހިލައިފި

ރޯޑް ޑިވްލޮޕްމެންޓް ކޯޕަރޭޝަންގެ މައްޗަށް މައްޗަށް 1-0 އިން ކާމިޔާބު ހޯދައި އެޗްޑީސީ ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި އެވެ.

ކްލަބު މޯލްޑިވްސް: ގުރޫޕްގެ އެއްވަނަ މަގާމުގައި އެޗްޑީސީ ހަމަޖެހިލައިފި
ކްލަބު މޯލްޑިވްސް: ގުރޫޕްގެ އެއްވަނަ މަގާމުގައި އެޗްޑީސީ ހަމަޖެހިލައިފި

ޖުމުލަ ހަ ޕޮއިންޓާއެކު އެޗްޑީސީ މިހާރު ވަނީ ގުރޫޕް ޑީގެ އެއްވަނަ މަގާމުގައި ހަމަޖެހިލައިފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އެޗްޑީސީން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ބީއެމްއެލް 5-0 އިން ބަލިކޮށްފަ އެވެ.

އެކަމަކު ރޭ އާރްޑީސީއާ ދެކޮޅަށް ކުޅުނު މެޗުގައި އެޗްޑީސީ ފުއްދާލަން ޖެހުނީ އެންމެ ލަނޑަކުންނެވެ. އެޗްޑީސީގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ އިބްރާހިމް ރިމާހް އެވެ.

އެ ގުރޫޕްގެ ދެވަނައިގައި އާރްޑީސީ އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ފެން ކުންފުނި، (އެމްޑަބްލިއުއެސްސީ)ގެ މައްޗަށް ކާމިޔާބު ހޯދީ 2-0 އިންނެވެ. ފެން ކުންފުންޏާއި ބީއެމްއެލްއަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ގުރޫޕް އީގައި ދިރާގުން ވަނީ ރޭ، ހައުސިން މިނިސްޓްރީގެ މައްޗަށް 7-2 އިން މޮޅުވެފަ އެވެ. ދިރާގުގެ ހަތް ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބު ކުރީ އަލީ ހައިޝަމް (ޗުމްޕް) އެވެ. އަނެއް ހަތަރު ލަނޑު ކާމިޔާބު ކުރީ ހަސަން ޖުމައިލް، ފައުޒާން ހަބީބު، ހުޒައިފަތުﷲ އިބްރާހިމް އަދި އިބްރާހިމް އަތީގް ހަސަން އެވެ. ހައުސިންގް މިނިސްޓްރީގެ ލަނޑުތައް ކާމިޔާބު ކުރީ މުހައްމަދު މައުރޫފް ހުސައިން އަދި އަހްމަދު މައުސޫމް މުހައްމަދެވެ.

އެ ގުރޫޕްގެ އެއްވަނައިގައި ދިރާގު އޮތީ 4 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި އިމްގްރޭޝްއާ ދެކޮޅަށް ކުޅެ އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. އެކަމަކު ދިރާގުގެ ފަހަތުގައި ފިއުލް ސަޕްލައި މޯލްޑިވްސް އޮތީ ވިއްދާފަ އެވެ. އެފްއެސްއެމް އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

ގުރޫޕް ޖީގައި ދިވެހި ސިފައިންގެ ކްލަބުން ވަނީ، ޕީޖީ އޮފީސްގެ މައްޗަށް 5-2 އިން ކާމިޔާބު ހޯދާފަ އެވެ. މެޗުން މޮޅުވެ ދިރާގު ވަނީ އެއްވަނައިގައި އޮތް އެމްޕީއެލްގެ ފަހަތުން ދެވަނައިގައި ވިއްދައިފަ އެވެ. ޕީޖީ އޮފީސް ވަނީ ތިން ޕޮއިންޓް ހޯދާފަ އެވެ. ޕޮއިންޓެއް ނުލިބި އޮތީ ސިވިލް ކޯޓެވެ.

ރޭ ސިފައިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އިބްރާހިމް ޝައިހާން ޖަލީލް އެވެ. އަނެއް ތިން ލަނޑު ޖެހީ އަބްދުﷲ ޝުޖާއު، މުހައްމަދު އަލާއު، އިބްރާހިމް ތޯއިފް އެވެ. ޕީޖީގެ ދެ ލަނޑު ކާމިޔާބު ކުރީ އަހްމަދު ސާމިހް އާއި އަލީ އިކްރާމް އެވެ.

ގުރޫޕް އެފްގައި ރާއްޖެ އޮންލައިން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ކޮޅަށް ނުވަ ލަނޑު ވަނެވެ. އެކަމަކު އެކަމަކު ރޭ އޭވިއޭޝަން ސެކިއުރިޓީގެ މައްޗަށް ރާއްޖެ އޮންލައިން ވަނީ 4-3 އިން މޮޅުވެފަ އެވެ. އެ ޓީމުގެ އައިރޫން އަހްމަދު ރަޝީދު ވަނީ ތިން ލަނޑު ޖަހައިފަ އެވެ. އަނެއް ލަނޑު ޖެހީ ޔޫސުފް ރަމީޒެވެ. އޭވިިއޭޝަންގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ޒަމްއަތު މުހައްމަދު ވަހީދު އެވެ. އަނެއް ލަނޑު ޖެހީ ހާޝިމް ހާލިދެވެ.

އެ ގުރޫޕްގައި އޭޝިއޭޝަން ފިޔަވައި ދެން އަނެއް ތިން ޓީމަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ގުރޫޕްގެ އެއްވަނއިގައި އޮތީ ފެނަކަ އެވެ. ދެވަނައިގައި ޕްރިޒަން އެވެ. ތިން ވަނައިގައި އާރްއޯއެލްއެވެ.

މުބާރާތުގައި މިއަދު ހަވީރު 5:10 ގައި ކުޅޭނީ ވިމެން ފުޓްބޯލް ފިއެސްޓާގެ ގުރޫޕް 1 ގައި ސިފައިން އާއި ޕޮލިސް ކްލަބު ކުޅޭ މެޗު އަދި ގުރޫޕް 2 ގައި އެމްޕީއެލް އާއި ފެނަކަ ކުޅޭ މެޗެވެ. މިރޭ ފިރިހެން ޑިވިޝަންގައި ކުޅޭނީ ގުރޫޕް އޭގައި އުރީދޫ އާއި މީޑީއާނެޓް، ގުރޫޕް އެޗްގައި އެމްޓީސީ އާއި މޯލްޑިވް ގޭސް، ގްރޫޕް ބީ ގައި ޕޮލިސް ކްލަބާއި ޓްރޭޑް މިނިސްޓްރީ ގުރޫޕް ސީ ގައި ސްޓެލްކޯ އާއި މާލޭ ސިޓީ ކައުންސިލެވެ.