ކޮވިޑްގެ އާ ވެރިއަންޓް ފެތުރޭ ގައުމުތަކުން ލަންކާއަށް މީހުން އެތެރެވުން މަނާކޮށްފި
ކޮވިޑްގެ އާ ވެރިއަންޓް ފެތުރޭ ގައުމުތަކުން ލަންކާއަށް މީހުން އެތެރެވުން މަނާކޮށްފި

ދެކުނު އެފްރިކާ އިން ފެނިގެން އުޅޭ ކޮވިޑްގެ އާ ވޭރިއަންޓް ފެތުރިދާނެ ކަމުގެ ބިރަށް، އެ ވެރިއެންޓް ފެނިފައިވާ ގައުމުތަކުން ސްރީ ލަންކާއަށް މީހުން އެތެރެވުން މަނާކޮށްފި އެވެ.

ލަންކާގެ ހެލްތު މިނިސްޓްރީން ނެރުނު އެންގުމެއްގައި ބުނީ މާދަމާ އިން ފެށިގެން ދެކުނު އެފްރިކާ، ބޮޓްސްވާނާ، ޒިންބާބުވޭ، ނަމީބިއާ، ލެސޯޓޯ އަދި އެސްވާޓިނީ އިން ލަންކާ އަށް މީހުން އައުން މަނާވާނެ ކަމަށެވެ.

މިއިން ގައުމަކުން މީހަކު މިއަދު ލަންކާއަށް އަންނަ ނަމަ، އެ މީހުން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ހަމަކުރަން ޖެހޭނެ އެވެ. އަދި ފާއިތުވި 14 ދުވަހުގެ ތެރޭގައި އެއްވެސް މީހަކު މިއިން ގައުމަކަށް ދަތުރުކޮށްފައިވާ ނަމަ އެ ބަޔަކަށް ލަންކާ އަށް އެތެރެވުން މަނާވާނެ އެވެ.

ދެކުނު އެފްރިކާ އިން އަލަށް ފެނިގެން އުޅޭ، "އެމިކްރޯން" ވޭރިއަންޓާ ގުޅިގެން ވަރަށް ގިނަ ގައުމުތަކުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ދެކުނު އެފްރިކާގެ ގައުމުތަކުން އެހެން ގައުމުތަކަށް މީހުން އެތެރެވުން މަނާ ކުރަމުންނެވެ.

މިހާތަނަށް އަދި ރާއްޖެއިން ދެކުނު އެފްރިކާ އިން މީހުން އައުން މަނައެއް ނުކުރެ އެވެ. އެކަމަކު، ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ބައްޔަކާ ގުޅިގެން އާ ކަންތައްތަކެއް ފާހަގަކުރެވޭ ނަމަ ބަލަން ޖެހޭ ކަންކަން އަބަދުވެސް ބަލާނެ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް އާ ވޭރިއަންޓަށް ޝައްކުކުރެވޭ މީހަކު ފެނުނުކަމެއް ނޭނގެ އެވެ.

ކޮވިޑާ ގުޅިގެން ކުރިން އެޅި ފިޔަވަޅުތަކަށް ގައުމުތަކުން ލުއިތައް ދެމުންދަނިކޮށް އަނެއްކާ ވެސް ކޮވިޑްގެ އާ ވޭރިއެންޓެއް ފެނުމުން ބައެއް ގައުމުތަކުން އަންނަނީ ފިޔަވަޅުތައް ހަރުކަށި ކުރަމުންނެވެ.