ޖަޕާން މީހުން ރޮމެންޓިކެއް ނޫން، އެކަން މައްސަލައަކަށް
ޖަޕާން މީހުން ރޮމެންޓިކެއް ނޫން، އެކަން މައްސަލައަކަށް

ޖަޕާން މީހުން އުޅޭލެއް ބިޒީކަމުން ލޯބީގެ މާ ފޮޅުވާކަށް ވަގުތެއް ނުލިބެ އެވެ. ލޯބިގެން ގިނަ ދުވަހު އުޅުމަކީ އެމީހުންގެ ނަޒަރުގައި ބޭކާރު ކަމެކެވެ. އެހެންވެ ކޮންމެހެން ކައިވެނި ކުރަން ވެއްޖެ ނަމަ ގިނަ ފަހަރަށް ޚިޔާރުކުރަނީ ކޮންމެވެސް ރައްޓެއްސެކެވެ.

ޖަޕާން މީހުންގެ ލޯބީގެ ހަޔާތް ފަނޑުކަން ރަމްޒުކޮށްދޭ އެއް ކަމަކީ ދަރިން ހޯދާ މިންވަރު އިންތިހާއަށް މަދުވުމެވެ. މުޅި ދުނިޔެ އިން ވެސް އެންމެ މަދުން ވިހަނީ ޖަޕާންގަ އެވެ. މިދިއަ ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖަޕާނުގައި އަލަށް އުފަންވާ ރޭޓަކީ ކޮންމެ 1،000 މީހަކަށް 8.4 ކުދިންނެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އެ ގައުމުގެ މިހާރުގެ އާބާދީ ކަމަށްވާ 127 މިލިއަން މީހުން 2060 ވަނަ އަހަރު އަންނައިރު 87 މިލިއަނަށް މަދުވުން އެކަށީގެންވެ އެވެ.

އެ ގައުމުގައި ކުދިން އުފަންވާ މިންވަރު އިންތިހާއަށް މަދު އިރު އާދަޔާ ޚިލާފަށް މުސްކުޅިން ގިނަ އެވެ. އެހެންވެ ޖަޕާން ސަރުކާރުން މިހާރު ވަނީ ގިނައިން ދަރިން ހޯދަން ހިތްވަރު ލިބޭ ކަހަލަ ކެމްޕެއިންތައް ވެސް ފަށާފަ އެވެ. އެގޮތުން ގިނައިން ދަރިން ހޯދާ މީހުންނަށް ޚާއްސަ އިނާޔަތްތައް ސަރުކާރުން ދެ އެވެ.

އާބާދީއާ ބެހޭ އިދާރާ އިން ބުނީ ޖަޕާނުގައި ހުސްހަށި ބައި މީހުންގެ ތެރެއިން 80 ޕަސެންޓް މީހުން ކައިވެނި ކުރަން އަސްލު ބޭނުން ކަމަށެވެ. އެކަން ޖަޕާންގައި މިހާރު މާ ވައިގައި އުޅޭ ޖުމްލަޔަކުން ވެސް އެނގެ އެވެ. "ރައްޓެހިވެގެން ނޫޅެ ކައިވެނިކުރަމާ" މިއީ ޖަޕާން މީހުންގެ މެދުގައި މި ދުވަސްވަރު ވަރަށް މަޝްހޫރު ބަހެކެވެ.