26 ނޮވެމްބަރ 2021 - 21:17

މިހާރު ކުރިއަށްދާ ރާޅާ އެޅުމުގެ ގައުމީ މުބާރާތުގެ ޝޯޓްބޯޑް އިވެންޓްގެ ރައުންޑް 6 އިން، އުމުރުން 11 އަހަރުގެ ކަޔާން އަބްދުﷲ އަރީފް ޖާގަ ހޯދައިފި އެވެ.
އިއްޔެ ރައުންޑް 4 ގައި ވާދަކޮށް ހީޓުގެ ގަދަ ދެވަނައިގެ ތެރެއަށް ނުވަދެވުމުން ކަޔާން އަށް ވެސް ޖެހުނީ ރައުންޑް 5 ގައި ވާދަކުރާށެވެ. ރައުންޑް 4 ގެ ހުރިހާ ހީޓަކުން އެއްވަނަ އާއި ދެވަނަ ހޯދި އެތުލީޓުން ވާނީ ރައުންޑް 6 އަށް ކޮލިފައިވެފަ އެވެ.
ރައުންޑް 4 ގެ ހީޓްތަކުގެ ތިންވަނަ އަދި ހަތަރުވަނަ ހޯދި އެތުލީޓުންގެ މެދުގައި މިއަދު ބޭއްވި ރައުންޑް 5 ގެ ހީޓް 7 ގައި ވާދަކޮށް ކަޔާން ވަނީ 7.50 ޕޮއިންޓް ސްކޯކޮށްފަ އެވެ. އެ ހީޓްގައި ދެން ވާދަކުރި އަހްޒަމް އިބްރާހިމް އަށް ސްކޯ ކުރެވުނީ 5.50 ޕޮއިންޓެވެ.
ޝޯޓްބޯޑް އިވެންޓްގައި އުމުރުން 11 އަހަރުގެ ޔޫސްފް ކަޔާން ހަމްދާން ޒަކީ ވެސް ރައުންޑް 5 ގައި ވާދކުރި އެވެ. ހީޓް 6 ގައި އޭނާ ވަނީ އެ ހީޓުން އެއްވަނަ ހޯދި އަހްމަދު އަރުޒަންއާ ވާދަކޮށް ރަނގަޅު ފައިޓެއް ދީފަ އެވެ. އަރުޒަން ހީޓް ކާމިޔާބު ކުރީ 8.23 ޕޮއިންޓް ސްކޯކޮށްގެންނެވެ. ކަޔާން ހަމްދާން ޒަކީ ވަނީ 6.54 ޕޮއިންޓް ސްކޯކޮށްފަ އެެވެ.
މާދަމާ ބާއްވާ ރައުންޑް 6 ގެ ހީޓް 8 ގައި ކަޔާން ވާދަކުރާނެ އެވެ. އެ ހީޓްގައި ދެން ވާދަކުރަނީ ޖިނާން އަހްމަދެވެ. ކަޔާންގެ ބައްޕަ އަބްދުﷲ އަރީފް ވަނީ އިއްޔެ ރައުންޑް 4 އިން ރައުންޑް 6 އަށް ކޮލިފައިވެފަ އެެވެ. އަރީފް ވާދަކުރާނީ ހީޓް 7 ގަ އެވެ. އެ ހީޓްގައި ދެން ވާދަކުރާނީ ހާމިދު އަބްދުލް ހާދީ އެވެ.
މާދަމާ ހެނދުނު 8 ޖަހާއިރު ފަށާ ޝޯޓްބޯޑް ރައުންޑް 6 ގެ އެންމެ ފުރަތަމަ ހީޓްގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އިސްމާއީލް ރަޝީދު (ސްމައިލީ) އާއި ޖައިލަމް ނިޒާރު އެވެ.