26 ނޮވެމްބަރ 2021 - 16:59

ލަންޑަން (ނޮވެމްބަރު 26) - ކޮރޯނާވައިރަހުގެ އާ ވެރިއަންޓެއް ސައުތު އެފްރިކާ އިން މި ހަފުތާގައި ފެނުމާ ގުޅިގެން ގައުމުތަކުން އަނެއްކާވެސް ބޯޑަރު ބަންދުކޮށް، ދަތުރުފަތުރު ކުރުމުގައި ހަރުކަށި އުސޫލުތައް ތައާރަފް ކުރަން ފަށައިފި އެވެ.
އިނގިރޭސި ވިލާތާއި ސިންގަޕޫރު އަދި ޖަޕާނުން މިހާރު ވަނީ ސައުތު އެފްރިކާ އާއި އެ ގައުމުގެ އަވަށްޓެރި ގައުމުތަކުގެ ފްލައިޓްތައް މަނާކޮށް، ކަރަންޓީނުގެ ހަރުކަށި ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. އީޔޫ އިން ވެސް ދަނީ އެފްރިކާ އިން އަންނަ ފްލައިޓްތައް މަނާކުރުމަށް ވިސްނަމުންނެވެ.
އާ ވެރިއަންޓާ ގުޅޭ ގޮތުން ސައެންސްވެރިން މިހާރު ވެސް ދަނީ އިތުރަށް ދިރާސާ ކުރަމުންނެވެ. އެކަމަކު މިއީ ކޮވިޑުގެ އެންމެ ނުރައްކާތެރި ވޭރިއަންޓަށް ވެދާނެ ކަމުގެ ކަންބޮޑުވުން އެބައޮތެވެ.
މިއީ ސައެންސްވެރިންނަށް ވެސް އާ ވޭރިއަންޓެކެވެ. ޑެލްޓާ، ބީޓާ ކަހަލަ ނަމަވެސް އާ ވޭރިއަންޓަކަށް އަދި ނުދެ އެވެ. މި ވަގުތު އާ ވޭރިއަންޓަށް ބޭނުންކުރާ ނަމަކީ B.1.1.529 އެވެ. ނަަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިއަދުގެ ވަގުތެއްގައި އާ ވޭރިއަންޓަށް ނަމެއް ދޭނެ ކަމަށް ބެލެވެ އެވެ.
ކުރީގެ ވޭރިއަންޓްތަކާ ޚިލާފަށް އާ ވޭރިއަންޓުގެ މިއުޓޭޓެޑް ވާޝަންތައް ގިނަ އެވެ. އެހެންވެ ޗައިނާގެ ވޫހާން އިން އެންމެ ފުރަތަމަ ފެނުނު ކޮވިޑުގެ އޮރިޖިނަލް ސްޓްރެއިންނަށް ހެދި ވެކްސިނުން، އާ ވޭރިންޓަށް އަސަރެއް ނުކުރާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.
ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ އާ ވޭރިއަންޓުގެ 100 ކޭސް މިހާތަނަށް ފެނިފައިވާ ކަމަށެވެ. އެންމެ ގިނައިން ފެނިފައި ވަނީ ސައުތު އެފްރިކާ އިންނެވެ. ނަމަވެސް ހޮން ކޮންގް، އިޒްރޭލް އަދި ބޮޓްސްވާނާ އިން ވެސް ވަނީ ފެނިފަ އެވެ.
ސައުތު އެފްރިކާގެ އާބާދީގެ ތެރޭން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ 24 ޕަސެންޓް މީހުންނެވެ. ސައެންސްވެރިން ލަފާކުރާ ގޮތުގައި އެ ގައުމުން އާ ވެރިންޓްތައް ފެނުމުގެ އެއް ސަބަބަކީ ވެކްސިން ޖަހާފައިވާ މީހުންގެ އާބާދީ މަދުވުމެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓް މިއަދު ވިދާޅުވީ އާ ވެރިއަންޓާ ގުޅިގެން މިހާރު އޮތީ ސިއްހީ ކުއްލި ނުރައްކާ އިއުލާންކުރާ ހިސާބުގަ އެވެ. އަދި ބައްޔާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އަވަސްވާނެ ކަމަށާއި ހަރުކަށި ވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އިޒްރޭލުން އާ ވޭރިއަންޓް ޖެހުނު ކަމަށް ބެލެވޭ ތިން މީހުން ވެސް ވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފަ އެވެ.
އިނގިރޭސި ވިލާތާއި އިޓަލީ އަދި ނެދަލޭންޑްސް އިން ވަނީ އެފްރިކާގެ ދެކުނު ބިތަށް ނިސްބަތްވާ ގައުމުތަކުގެ ފްލައިޓްތައް މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ސައުތު އެފްރިކާ، ބޮޓްސްވާނާ، ނެމީބިއާ، ޒިމްބާވުވޭ، އީސްވާތީ (ކުރީގެ ސްވަޒިލޭންޑް) އަދި ލެސޯތޯ ހިމެނެ އެވެ.
ސިންގަޕޫރާއި އިޓަލީ އަދި އިޒްރޭލުން ވަނީ މި ގައުމުތަކުގެ އިތުރުން މޮޒަންބީކު ވެސް ރެޑް ލިސްޓަށް ލައިފަ އެވެ. ޗެކް ރިޕަބްލިކުން ވަނީ މިއިން ގައުމެއްގައި 12 ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަކޮށްފައިވާ މީހެއް ނަމަ އެ ގައުމަށް އެތެރެވުން މާދަމާއިން ފެށިގެން މަނާކޮށްފަ އެވެ.
ކޮވިޑުގެ ހަތަރު ވަނަ ރާޅެއް މިހާރު ވެސް ތަޖްރިބާކުރަމުންދާ ޖަރުމަނުން ވަނީ ސައުތު އެފްރިކާ އިން ދަތުރުކުރާ ޖަރުމަނު މީހުން ނޫން މީހުންނަށް ހުއްދަ ނުދޭން ނިންމައިފަ އެވެ. ދެ ޑޯޒް ޖަހާފައިވީ ނަމަވެސް 14 ދުވަހަށް ކަރަންޓް ވާންޖެހޭ ގޮތަށް ވެސް ޖަރުމަނުން ވަނީ ހަމަޖައްސައިފަ އެވެ.