ރާއްޖޭން އަންނަ މަހު ކަރަންޓީން ނުވެ ސިންގަޕޫރަށް ދެވޭނެ
ރާއްޖޭން އަންނަ މަހު ކަރަންޓީން ނުވެ ސިންގަޕޫރަށް ދެވޭނެ

އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ރާއްޖޭން ސިންގަޕޫރަށް ދާ މީހުން ކަރަންޓީންވާން ނުޖެހޭގޮތް އެ ގައުމުން ހަދައިފި އެވެ.

ސިންގަޕޫރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ އެ ގައުމުގެ "ގްރީން" ލިސްޓަށް ރާއްޖެއާ އެކު ހަ ގައުމެއް އިތުރު ކޮށްފަ އެވެ. އޭގެ ތެރޭގައި ތައިލެންޑާއި ކެމްބޯޑިއާ އާއި ފިޖީ އާއި ސްރީ ލަންކާ އަދި ތުރުކީ ހިމެނެ އެވެ. ސިންގަޕޫރަށް ކަރަންޓީން ނުވެ ދަތުރު ކުރެވޭ ގައުމުތަކުގެ އަދަދު މިހާރު ވަނީ 27 އަށް އަރައިފަ އެވެ.

މި ބަދަލާ އެކު ކަރަންޓީން ނުވެ ސިންގަޕޫރަށް ދަތުރު ކުރެވޭނީ ކޮވިޑް-19ގެ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ. ދެ ޑޯޒް ޖަހާފައިވާ މީހުންނަށް ވެސް އެ ގައުމަށް ދަތުރު ކުރެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކުގަ އެވެ.

ސިންގަޕޫރުގެ ގްރީން ލިސްޓަށް ރާއްޖެ އިތުރު ކުރީ، ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ރަނގަޅުވެފައިވާތީ އެވެ. އަދި ރާއްޖޭން ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ވެސް އެ ގައުމުން ވަނީ ބަލައިފަ އެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ވަނީ މިހާތަނަށް ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފަ އެވެ. ވެކްސިން ޖެހޭ އާބާދީގެ 395،470 މީހަކު ފުރަތަމަ ޑޯޒު ޖަހާފައިވާއިރު 362،742 މީހަކު ވަނީ ދެ ޑޯޒު ފުރިހަމަ ކޮށްފަ އެވެ. އަދި 7،947 މީހުން ވަނީ ބޫސްޓަ ޑޯޒު ޖަހައިފަ އެވެ.