"ބޭފިކްރޭ" އަށް ރަނގަޅު ތަރުހީބެއް
"ބޭފިކްރޭ" އަށް ރަނގަޅު ތަރުހީބެއް

"ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭނގޭ" ފަދަ ރީތި ފިލްމުތައް އުފެއްދި ޑައިރެކްޓަރު އަދިތުޔާ ޗޯޕްރާ ދުވަސްގަނޑަކަށް ފަހު އުފެއްދި "ބޭފިކްރޭ" އަށް ބޮކްސް އޮފީހުގައި ރަނގަޅު ތަރުހީބެއް ލިބެމުން އެބަދެ އެވެ.

"ބޭފިކްރޭ" އަށް ރަނގަޅު ތަރުހީބެއް
"ބޭފިކްރޭ" އަށް ރަނގަޅު ތަރުހީބެއް

ހުކުރު ދުވަހު ރިލީޒްކުރި ރަންވީރު ސިންގް އާއި ވާނީ ކަޕޫރު ލީޑް ރޯލު ކުޅެފައިވާ މި ފިލްމުގެ ހެނދުނުގެ ޝޯތަކުގެ ވެސް 45 ޕަސެންޓްވަރު ފުލްވި އެވެ. އަދި ބޮޑެތި މަލްޓިޕްލެކްސްތަކުގައި ފިލްމު ވަރަށް ރަނގަޅަށް ހިނގަ އެވެ. ފުރަތަމަ ދުވަހު މި ފިލްމަށް 11 ކްރޯޑު (110 މިލިއަން ރުޕީސް) ލިބޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. މިއީ މި އަހަރު ނުކުތް ވަރަށް މަދު ފިލްމަކަށް ނޫނީ ލިބިފައި ނުވާ މިންވަރެކެވެ.

"ބޭފިކްރޭ" އުފެއްދީ 55 ކްރޯޑު (550 މިލިއަން ރުޕީސް)ގެ ބަޖެޓަކުންނެވެ. ފިލްމުގެ ޕްރޮމޯޝަނަށް އިތުރު 150 މިލިއަން ޚަރަދުކުރި އެވެ. އެހެންކަމުން ފިލްމަށް މުޅިއެކު 700 މިލިއަން ވަނީ ޚަރަދުވެފަ އެވެ.

އިންޑިއާގެ 2100 އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ 800 އަށް ވުރެ ގިނަ ސްކްރީންއާ އެކު ޖުމްލަ 2900 ސްކްރީންގައި މި ފިލްމު އަންނަނީ ދައްކަމުންނެވެ.

ފިލްމުގައި އެންމެ ފާހަގަކޮށްލެވެނީ ރަންވީރު ސިންގްގެ މޮޅުކަމާއި އަދިތުޔާ ޗޯޕްރާގެ ޑައިރެކްޝަނެވެ. މިއީ ރަންވީރުގެ ޝަޚްސިއްޔަތު ވަރަށް ތަފަތު ގޮތަކަށް ގެނެސްދިން ފިލްމެކެވެ.

ފިލްމުގެ ގިނަ ރިވިއުތަކުގައި ބުނެފައިވަނީ ފިލްމު ރަނގަޅު ކަމަށެވެ. ނަމަވެސް އަދިތުޔާގެ ކުރީގެ ފިލްމުތަކުގައި ހުރި ކަހަލަ މޮޅު ގޮތް މި ފިލްމުގައި ނެތް ކަމަށް ފާޑުކިޔާ ބައެއް މީހުން ބުނެ އެވެ. އެއީ ކުރީގެ ތިން ފިލްމުގައި ވެސް ބަތަލުގެ ބައި ކުޅުނީ ޝާހްރުކް ޚާން ކަމަށް ވާތީ ކަމަށް ވެދާނެ ކަމަށް ބައެއް މީހުން ބުނެ އެވެ.

އަދިތުޔާ ބުނެފައިވަނީ "ބޭފިކްރޭ" އަކީ "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭނގޭ"ގެ ފޯމިއުލާއާ ތަފާތު ކޮށްލަން އުފެއްދި ފިލްމެއް ކަމަށެވެ.

ކުރީ ހަފުތާގައި ރިލީޒްކުރި ވިދްޔާ ބާލަން އާއި އަރްޖުން ރާމްޕާލްގެ "ކަހާނީ 2" އަށް ހަފުތާއަކުން ލިބިފައިވަނީ 24 ކްރޯޑު (240 މިލިއަން ރުޕީސް) އެވެ. މިއީ ކުޑަ ބަޖެޓު ފިލްމަކަށް ވާތީ މިވަރުން ވެސް ޚަރަދު ފޫބެދިދާނެ ކަމަށް ބެލެވެ އެވެ.

މީގެ ދެ ހަފުތާ ކުރިން ރިލީޒްކުރި ޝާހްރުކް ޚާނާއި އާލިއާ ބަޓްގެ "ޑިއާ ޒިންދަގީ" އަށް ދެ ހަފުތާއިން ލިބިފައިވަނީ 61 ކްރޯޑު (610 މިލިއަން ރުޕީސް) އެވެ. އިންޑިއާގައި 500 ރުޕީސް އާއި 1000 ރުޕީސް ބޭނުންކުރުން ކުއްލިއަކަށް ހުއްޓާލި ފަހުން ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ކިރިޔާ ވެސް ފައިދާއެއް މިހާތަނަށް ލިބުނީ "ޑިއާ ޒިންދަގީ" އަށެވެ. އެހެން ހުރިހާ ފިލްމުތަކަށް ކުރިމަތިވީ ބޮޑު ގެއްލުމެކެވެ.

"ބޭފިކްރޭ" އަށް ލިބޭނެ ކާމިޔާބީއެއް ބިނާވާނީ ކުރިޔަށް އޮތް ދުވަސްތަކުގައި ސިނަމާތަކަށް ފިލްމު ބަލަން ދާ މީހުންގެ އަދަދުންނެވެ.