25 ނޮވެމްބަރ 2021 - 18:37

ލައިބާ އަހުމަދު މަހްލޫފަކީ މިހާރު ދިވެހިންނަށް އާ ނަމަކަށް ނުވާނެ އެވެ. މިއުޒިކީ ދާއިރާ އިން އާންމުކޮށް ނުލިބޭ ކަހަލަ ވަރަށް ގިނަ ފުރުސަތުތައް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ދަރިފުޅު އަންނަނީ ހޯދަމުންނެވެ.
މިހާރު ލައިބާގެ ކެރިއަރަށް އިތުރުވި އާ ބޮޅަކީ މުޅި ދުނިޔޭގައި ވެސް މަޝްހޫރު ލަވައެއް މުބާރާތެއް ކަމަށްވާ "ދަ ވޮއިސް" ގެ ރަޝިއާގެ ކުޑަކުދިންގެ ވާޝަނަށް އޮޑިޝަން ހެދުމެވެ. އޭނާ މި ވާހަކަ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް މިއަދު ހިއްސާކުރި އެވެ.
ނައިބު ރައީސް ފައިސަލް ނަސީމަށް ބޮޑުބޭބެ ކިޔާ ލައިބާ ބުނީ "ދަ ވޮއިސް ކިޑްސް ރަޝިއާ" ގެ އޮޑިޝަނާ ހަމައަށް ދެވުނީ ޖޫން މަހުން ފެށިގެން ވަރަށް ބުރަކޮށް މަސައްކަތް ކުރުމަށް ފަހު އެވެ.
އޮންލައިން އޮޑިޝަނަށް ލައިބާ ލައިވްކޮށް ލަވަ ރެކޯޑްކޮށް، މިދިޔަ އޮގަސްޓް މަހު ފޮނުވާފައިވާއިރު، މިހާރު އޭނާ އަށް ޝޯގެ ކުރިއަށް އޮތް ރައުންޑަށް ވެސް ވަނީ ހޮވިފަ އެވެ.
"ކުރިއަށް އޮތް ރައުންޑުން އަހަރެން ފާސްވެއްޖެ ނަމަ ލައިވް ޝޯ އިން ފުރުސަތު ލިބޭނެ." ލައިބާ ބުންޏެވެ.
"ވަރަށް އުފަލަން މި ހުރީ."
"ދަ ވޮއިސް" އަކީ "ދަ ވޮއިސް އޮފް ހޮލޭންޑް" ގެ ނަމުގައި ގެނެސްދިން އޮރިޖިނަލް ޝޯއެއްގެ ފްރެންޗައިޒެކެވެ. މިހާރު މި ޝޯގެ ވަރަށް ގިނަ ވާޝަންތައް އެކި ގައުމުތަކުން ގެނެސްދެ އެވެ. "ދަ ވޮއިސް ކިޑްސް ރަޝިއާ" އަކީ އެގޮތުން ކުޑަކުދިންނަށް ހާއްސަކޮށްގެން ގެނެސްދޭ ޝޯއެކެވެ. ދެހާސް ސާދައިގައި ގެނެސްދޭން ފެށި މި ޝޯގެ 8 ސީޒަނެއް މިހާތަނަށް ގެނެސްދީފައިވެ އެވެ. މި އަހަރުގެ ފެބްރުއަރީ 12 ގައި ފެށި އަށް ވަނަ ސީޒަން ނިންމައިލީ އޭޕްރީލް 30 ގަ އެވެ. އެ ސީޒަން ކާމިޔާބުކުރީ ލަޑިސްލާވް ތައިކިން އެވެ.
ލައިބާ އޮޑިޝަން ހެދި ނުވަ ސީޒަން ގެނެސްދޭން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
"ދަ ވޮއިސް ކިޑްސް ރަޝިއާ" އަކީ ޗެނެލް ވަން ނެޓްވޯކުން ގެނެސްދޭނެ އެއްޗެކެވެ. އެ ޝޯ އިން ލައިބާ އަށް ފުރުސަތު ލިބިއްޖެ ނަމަ ވާނީ "ދަ ވޮއިސް ކިޑްސް ރަޝިއާ" ގައި ބައިވެރިވާ ދިވެހި ފުރަތަމަ ކުޑަކުއްޖާށެވެ.
މީގެ ކުރިން ރާއްޖޭގެ ފަންނާނެ ކަމަށްވާ ޝަމްރާހް އަހުމަދު ވަނީ ރަޝިއާގައި ކިޔަވަން އުޅުނު ދުވަސްވަރު "ދަ ވޮއިސް" ގެ ރަޝިއާ ވާޝަންގައި ވާދަކޮށްފަ އެވެ. އޭރު އޭނާ މުޅިން ތަފާތު ގޮތަކަށް އޮޕެރާ ސްޓައިލްގައި ހުށަހަޅައިދިން "މޫނު ބުރުގާ ނެގީމާ" އަކީ ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރުވި ލަވައެކެވެ. އެ ލަވައިގެ މަގުބޫލުކަމާ އެކު މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ 2016 ގެ ބިރުވެރި ފިލްމު "4426" ގެ ތީމް ލަވަ ކިޔަން ވެސް ޝަމްރާހަށް ފުރުސަތު ލިބިގެން ދިޔަ އެވެ.
"ދަ ވޮއިސް ކިޑްސް ރަޝިއާ" އާ ދިމާއަށް ލައިބާ ދަތުރުކުރާ އިރު، އޭނާ މިދިޔަ އަހަރު އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖާވިދު އަލީއާ އެކި ކީ ލަވައެއް ވީޑިއޯއާ އެކު ނެރެފައިވެ އެވެ. މި މަހުގެ 12 ގައި ދެވަނަ އިނގިރޭސި ކަވަ "ޗީޕް ތުރިލްސް" ނެރުނު ލައިބާ ވަރަށް ފަހުން "ޑާންސް މަންކީ" ގެ ނަމުގައި ވެސް އިނގިރޭސި ލަވައެއް ވީޑިއޯއާ އެކި ނެރުނެވެ.