ލަންކާގައި ކޮންޓެއިނާ ބަނދަރެއް ހަދަން ޗައިނާ އަށް
ލަންކާގައި ކޮންޓެއިނާ ބަނދަރެއް ހަދަން ޗައިނާ އަށް

ކޮލަމްބޯ (ނޮވެމްބަރު 26) - ސްރީ ލަންކާގައި ޑީޕް-ސީ ބަނދަރެއް ހެދުމަށް ޗައިނާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަ އިންޖިނޭރިން ކޮމްޕެނީއާ ހަވާލުކޮށްފި އެވެ.

ދުނިޔޭގެ ބޮޑެތި ވިޔަފާރި ހަބުތަކުގެ ގޮތުގައި ބެލެވޭ ދުބާއީ އާއި ސިންގަޕޫރާ ދެމެދު އިންޑިއާ ކަނޑުގައި އޮންނަ ކޮލަމްބޯގައި ބަނދަރެއް ހެދުމަށް ޗައިނާއާ ހަވާލު ކުރުމުން އޭޝިއާގައި ބެއިޖިންގެ ނުފޫޒް ފޯރުވާ ދެކޮޅު ފަރާތްތަކުން ވަނީ އިތުރަށް ކަންބޮޑުވެފަ އެވެ.

ކޮލަމްބޯގައި އީސްޓާ ކޮންޓެއިނާ ޓާމިނަލް (އީސީޓީ) ހަދަން ލަންކާ އިން 2019 ވަނަ އަހަރު ވަނީ އިންޑިއާ އަދި ޖަޕާނާ އެކު ޕްރިލިމިނަރީ އެއްބަސްވުމެއް ހަދައިފަ އެވެ. ނަމަވެސް ގޯޓާބޭ ރާޖަޕަކްސާގެ ސަރުކާރުން މިދިޔަ ފެބްރުއަރީ މަހު ވަނީ އެ އެއްބަސްވުން އުވާލައިފަ އެވެ. އަދި ލަންކާގެ ކެބިނެޓުން މި ހަފުތާގައި ވަނީ އެ މަޝްރޫއު ޗައިނާ ހާބަ އިންޖިނޭރިންއާ ހަވާލު ކުރަން ނިންމައިފަ އެވެ.

އެއްބަސްވުމުގެ އަގު ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ރަސްމީ ފަރާތްތަކުން ލަފާކުރަނީ މަޝްރޫއުގެ އަގު 500 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.

ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރުތެރޭ ޗައިނާ އިން ވަނީ ލަންކާގައި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ބޮޑެތި އަދަދުތަކުން ހޭދަކޮށްފަ އެވެ. ޗައިނާ އަކީ ލަންކާ އިން އެންމެ ބޮޑަށް ދަރާފައިވާ ގައުމު ވެސް މެ އެވެ. ޗައިނާ އިން ނަގާފައިވާ ލޯނެއް ނުދެއްކިގެން ލަންކާ އިން 2017 ވަނަ އަހަރު ވަނީ ހަމްބަންޓޯޓާ ބަނދަރު ޗައިނާ އަށް 99 އަހަރަށް ހަވާލުކޮށްފަ އެވެ.

އީސީޓީ އަކީ ކޮލަމްބޯ ސަރަހައްދުގައި ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރުތެރޭ ހަދާ ތިން ވަނަ ބަނދަރު ޕްރޮޖެކްޓެވެ. މީގެ ދެ މަސްކުރިން ލަންކާ އިން ވަނީ ޑީޕް-ސީ ޖެޓީއެއް (ވެސްޓަން ކޮންޓެއިނާ ޓާމިނަލް) ހަދަން އިންޑިއާގެ ކުންފުންޏަކަށް 700 މިލިއަން ޑޮލަރަށް ހަވާލުކޮށްފަ އެވެ. އެ ޕްރޮޖެކްޓް ކުރިއަށް ދާނީ ޗައިނާ އިން 2013 ވަނަ އަހަރުން ފެށިގެން ހިންގާ ކޮލަމްބޯ އިންޓަނޭޝަނަލް ކޮންޓެއިނާ ޓާމިނަލް (ސީއައިސީޓީ) އާ ޖެހިގެންނެވެ. ޗައިނާގެ ދެ ސަބްމެރިންނެއް 2014 ވަނަ އަހަރު ސީއައިސީޓީގައި ބަނދަރު ކުރުމާ ގުޅިގެން އިންޑިއާގެ ރުޅިވެރިކަން ވަނީ އިތުރުވެފަ އެވެ. އޭގެ ފަހުން ލަންކާ އިން ވަނީ ޗައިނާގެ ސަބްރިން އެ ބަނދަރާ ކައިރި ކުރަން ހުއްދަ ދޭން ދެކޮޅު ހަދައިފަ އެވެ.