ބާންސާލީގެ "ޕަދްމާވަތީ"ގައި އައިޝްވަރިޔާއަށް ޚާއްސަ ރޯލެއް
ބާންސާލީގެ "ޕަދްމާވަތީ"ގައި އައިޝްވަރިޔާއަށް ޚާއްސަ ރޯލެއް

ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" އިއުލާން ކުރީއްސުރެ އެ ފިލްމުގައި ބައިވެރިވާ ތަރިންނާ ބެހޭ ގޮތުން ތަފާތު އަޑުތައް އިވެ އެވެ. މިހާރު ފިލްމުގެ ޝޫޓިން ފަށާފައިވާއިރު ފިލްމުގައި ލީޑް ރޯލު ކުޅެނީ ހަގީގީ ދެ ލޯބިވެރިން ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން ކަން ވަނީ ޔަގީން ވެފަ އެވެ. އަދި ޝާހިދު ކަޕޫރު ވެސް މުހިއްމު ބައެއް އަދާކުރެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މި ފިލްމަށް ބެލުންތެރިންގެ ޝައުގުވެރިކަން ބޮޑުކުރުމުގެ ގޮތުން އައިޝްވަރިޔާ ރާއީ ވެސް ބައިވެރިކުރަން ބާންސާލީ މިހާރު ވަނީ ނިންމާފަ އެވެ.

ދާދި ފަހުން ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް"ގައި ވެސް ވަރަށް މުހިއްމު ރޯލެއް އަދާކޮށްގެން ފިލްމުގެ ލީޑް އެކްޓަރުންނަށް ވުރެ ގިނަ ބަޔަކު ތައުރީފުކުރީ އައިޝްވަރިޔާ އަށެވެ. ބާންސާލީ ބޭނުންވަނީ ހަމަ އެފަދަ ރޯލެއް "ޕަދްމާވަތީ" ގައި ވެސް އައިޝްވަރިޔާ އަށް ދޭށެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ފިލްމުގެ އެއް ލަވަ އާއި ބައެއް ޑައިލޯގް އައިޝްވަރިޔާއަށް މިހާރު ވަނީ ދީފަ އެވެ. ފިލްމުގެ ޝޫޓިން އަށް ބޭނުންވަނީ އެންމެ 15-20 ވަރަކަށް ދުވަސް ކަމަށް ވާތީ އެހާ ދުވަސް އައިޝްވަރިޔާ އަށް ދެވިދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އައިޝްވަރިޔާ ކުޅޭ ލަވައިގެ ރިހާސަލްތައް ފަށާނެ އެވެ. މިއީ ބާންސާލީގެ ކުރީގެ ބައެއް ފިލްމުތަކުގައި އޮންނަ ދެ ބަތަލާއިންގެ ވާދަވެރިކަން ދައްކުވައިދޭ ލަވަތައް ފަދަ ލަވައެއް ނޫން ކަމަށާއި މިއީ ކުރިން ފެނިފައިނުވާ ވަރަށް ތަފާތު ލަވައެއް ކަމަށް ބާންސާލީއާ އެކު މަސައްކަތްކުރާ މިހުން ބުނެ އެވެ.

ބާންސާލީ އާއި އައިޝްވަރިޔާ އެންމެ ފަހުން އެކުގައި މަސައްކަތްކުރީ 2010 ގައި ނުކުތް ފިލްމު "ގުޒާރިޝް" ގަ އެވެ.

އަންނަ އަހަރުގެ ނޮވެމްބަރު 17 ގައި ރިލީޒްކުރާނެކަން އިއުލާން ކޮށްފައިވާ "ޕަދްމާވަތީ" އަކީ ކުރީ ޒަމާނުގައި ރަސްކަމުގެ ކޮއިލެއްގެ ތެރޭގައި ހިނގި އާދަޔާ ޚިލާފު ލޯބީގެ ހާދިސާއަކަށް އުފައްދާ ފިލްމެކެވެ.