25 ނޮވެމްބަރ 2021 - 13:12

ގައުމީ އެއާލައިން މޯލްޑިވިއަނުން، ސްކޫލް ޗުއްޓީއާ ދިމާކޮށް ޑޮމެސްޓިކް ދަތުރުކުރާ މީހުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށަން ނިންމައިފި އެވެ.
އަންނަ އާދީއްތަ ދުވަހު ފަށާ މި ޕްރޮމޯޝަނުގެ ދަށުން އޮންލައިންކޮށް ޓިކެޓު ނަގާ މީހުންގެ ތެރެއިން ކޮންމެ ދުވަހަކު ހޮވާލެވޭ ނަސީބުވެރިއަކަށް ރިޓާން ދެ ޓިކެޓް ލިބޭނެ އެވެ. މި ޓިކެޓުގައި ރާއްޖޭގެ ކޮންމެ މަންޒިލަކަށް ވެސް ދަތުރުކުރެވޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށެވެ.
މޯލްޑިވިއަން އިން ކޮންމެ އަހަރަކު ވެސް ޗުއްޓީތަކާ ދިމާކޮށް ތަފާތު ޕްރޮމޯޝަންތައް ހިންގަ އެވެ. މީގެ ތެރޭގައި އެކި މަންޒިލްތަކަށް ހާއްސަ ފެއާތައް ތައާރަފުކުރުމާއި ސޯޝަލް މީޑިއާ ކޮންޓެސްޓުތަކާއި ޕްރޮމޯޝަންތައް ހިންގުން ހިމެނެ އެވެ.