25 ނޮވެމްބަރ 2021 - 12:02

ކުއާލަ ލަމްޕޫރު (ނޮވެމްބަރު 25) - މެލޭޝިއާގައި އަންނަ މަހު ބާއްވާ ސްކްއޭޝް މުބާރާތުގައި ބައިވެރިވާ އިޒްރޭލުގެ އެތުލީޓުންނަށް ވިސާ ދިނުމަށް ކުއާލަ ލަމްޕޫރުން ދެކޮޅު ހަދައިފި އެވެ.
ވޯލްޑް ޓީމް ޗެމްޕިއަންޝިޕް މުބާރާތް ކުރިއަށްދާނީ ޑިސެމްބަރު 7-12 އަށް ކުއާލަ ލަމްޕޫރުގަ އެވެ.
ވޯލްޑް ސްކްއޭޝް ފެޑެރޭޝަން (ޑަބްލިއުއެސްއެފް) އިން ބުނީ އިޒްރޭލުގެ އެތުލީޓުންނަށް ވިސާ ދޭން މެލޭޝިއާ އިން ދެކޮޅު ހެދިކަން އެނގޭ ކަމަށާއި އެކަމަށް މެލޭޝިއާ އިން އަދި އެއްބަސްވެފައި ނުވާ ކަމަށެވެ.
"މެމްބަރު ހުރިހާ ގައުމަކަށް ވެސް ބައިވެރިވެވޭ ގޮތަށް މުބާރާތް ބޭއްވުމަށް ޑަބްލިއުއެސްއެފް އިން މަސައްކަތް ކުރާނެ،" ޑަބްލިއުއެސްއެފް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޑަބްލިއުއެސްއެފް އިން ބުނީ މެލޭޝިއާގެ ފެޑެރޭޝަނާ އެކު މަޝްވަރާ ފަށާފައިވާ ކަމަށާއި އިންސާފުވެރި ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ޑަބްލިއުއެސްއެފް އިން ހައްލެއް ހޯދައިނުދެވިއްޖެ ނަމަ ސްވިޒަލެންޑުގައި ހުންނަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އިޒްރޭލުގެ ސްކްއޭޝް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
"ކުޅިވަރާއި ސިޔާސީ ކަންކަން ގުޅުވުމަކީ ވަރަށް ލަދުވެތި ކަމެއް،" އިޒްރޭލުގެ އެސޯސިއޭޝަންގެ ޗެއާމަން އަވީވް ބުޝިންސްކީ ވިދާޅުވި އެވެ.
މެލޭޝިއާގައި 2019 ވަނަ އަހަރު ބާއްވަން ހަމަޖެއްސި ޕެރަ ސްވިމިން ޗެމްޕިއަންޝިޕުގައި ބައިވެރިވާ އިޒްރޭލުގެ އެތުލީޓުންނަށް ވިސާ ދިނުމަށް ވެސް އެ ގައުމުން ވަނީ ދެކޮޅު ހަދައިފަ އެވެ. ނަތީޖާއެއްގެ ގޮތުން އެ މުބާރާތް މެލޭޝިއާގައި ބޭއްވުމުގެ ފުރުސަތު ނުދޭން ފަހުން ވަނީ ނިންމައިފަ އެވެ. މެލޭޝިއާގެ ލަންގްކާވީގައި 2015 ވަނަ އަހަރު ބޭއްވި ވިންޑް ސާފިން މުބާރާތަކަށް ވެސް ވަނީ އިޒްރޭލުގެ ސާފަރުންނަށް ވިސާ ދޭން ދެކޮޅު ހަދައިފަ އެވެ.
މެލޭޝިއާ އާއި އިޒްރޭލާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައެއް ނުވެ އެވެ.
އާބާދީގައި 60 ޕަސެންޓް މުސްލިމުން ހިމެނޭ މެލޭޝިއާ އަކީ މެދުއިރުމަތީގެ މައްސަލައިގައި ފަލަސްތީނަށް ވަރަށް ބޮޑަށް ތާއީދުކުރާ ގައުމެކެވެ.