ޝާހްރުކު އަނެއްކާވެސް ކަކުލުގެ އޮޕަރޭޝަނަކަށް
ޝާހްރުކު އަނެއްކާވެސް ކަކުލުގެ އޮޕަރޭޝަނަކަށް

ޝާހްރުކް ޚާންގެ އަލަށް ރިލީޒްކުރަން ތައްޔާރުވާ ފިލްމު "ރައީސް"ގެ ޓްރެއިލާ ނެރުމުގެ އިވެންޓުގައި އޭނާ ފެނުނީ ކަކުލުގައި ގާޑެއް އަޅާފައި ހުއްޓަ އެވެ. އެއީ ފިލްމެއްގެ ޝޫޓިންގައި ކަކުލަށް ލިބުނު ގެއްލުމަކަށް 2015 ގައި ކުރި އޮޕަރޭޝަނަކަށް ފަހު ވެސް އިތުރު އަނިޔާތައް ލިބޭތީ އަޅައިގެން އުޅޭ އެއްޗެކެވެ.

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޝާހްރުކް، 51، އަނެއްކާވެސް އެ ކަކުލުގެ އިތުރު އޮޕަރޭޝަނެއް ކުރަން ވަނީ ނިންމައިފަ އެވެ.

ޝާހްރުކްގެ ޑޮކްޓަރު ސަންޖޭ ދެސާއީ ބުނެފައިވަނީ ފާއިތުވީ ފަސް މަހުން ފެށިގެން ތަދު ކަނޑުވާ ބޭހާއި އިންޖެކްޝަނުން ޝާހްރުކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް އެތަނަށް އެކި އަނިޔާތައް ލިބެމުން ދާތީ ކަކުލުގެ ތަދު މިހާރު ވަރަށް ބޮޑުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ދެސާއީ ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަކުލުގެ އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށެވެ. އެހާ ތަނާ ޖެހެންދެން ވެސް އަރާމުކުރަން އިރުޝާދު ދީފައިވާނެ ކަމަށް ޑޮކްޓަރު ބުންޏެވެ.

އޮޕަރޭޝަން ކުރެވެންދެން ޝާހުރުކް އުޅެން ޖެހޭނީ މެޓަލިކް ނީ ކެޕެއް އަޅައިގެންނެވެ. އަދި އެއްވެސް ފިލްމެއްގައި އަމިއްލައަށް ސްޓަންޓް ނަހަދަން ވެސް އިރުޝާދު ދިނެވެ. ނަމަވެސް ޝާހްރުކަކީ އޭނާގެ ފިލްމުތަކުގައި ބުރަކޮށް މަސައްކަތްކުރާ އެކްޓަރަކަށް ވާތީ ޑޮކްޓަރުގެ އިރުޝާދު ގަބޫލުކުރުން ދުރު ކަމަށް ބެލެވެ އެވެ.