25 ނޮވެމްބަރ 2021 - 14:49

ސްޓާސް ބާސްކެޓްބޯޅަ އެކެޑެމީ މެދުވެރިކޮށް ރާއްޖޭގެ 14 ކުޅުންތެރިންނަށް އެމެރިކާގައި ޓްރޭނިން ހެދުމުގެ ފުރުސަތު ފަހިވެއްޖެ އެވެ.

ދުނިޔޭގެ ބާސްކެޓްބޯޅައިގެ ހަބް އެމެރިކާގެ ކެލިފޯނިއާ އަށް ނިސްބަތްވާ ކުންފުނި "ކޯޗާސް ޓީމް އިންޓަނޭޝަނަލް" އިން ތަނަވަސްކޮށްދިން ފުރުސަތު، ފަހި ވާނީ މި މަހު ސްޓާސް އެކެޑެމީން ހިންގި ޓްރޭނިން ކޭމްޕުން ފާހަގަކުރެވުނު ޒުވާން ކުޅުންތެރިންނަށެވެ.

ކޯޗާސް ޓީމް އާއި ސްޓާސް އެކަޑަމީ ގުޅިގެން މި މަހު 15-20 އަށް ކުރިއަށް ގެންދިޔަ ޓްރޭނިން ޕްރޮގްރާމްގައި އުމުރުން 6-16 އަހަރާ ދެމެދުގެ ކުޅުންތެރިން ބައިވެރިވި އެވެ.
މާލޭ ސަރަހައްދުން ޖުމުލަ 156 ކުޅުންތެރިން ބައިވެރިވި ޓްރޭނިން ކޭމްޕް ކުރިއަށް ގެންދިޔައީ ކޯޗާސް ޓީމް އިންޓަނޭޝަނަލްގެ ތަޖުރިބާކާރު ކޯޗުން ރާއްޖެ އައިސްގެންނެވެ. ސްޓާސް އެކަޑަމީގެ ހެޑް ކޯޗް ހުސައިން ޒަމީލް (ޒަމްބެ) ބުނީ ޓްރޭނިން ކޭމްޕަށް އެމެރިކާ އިން އައި ކޯޗުން ކުޅުންތެރިންގެ ޓްރޭނިން ޑޭޓާތައް އެކުލަވާލި ކަމަށެވެ.
"އެއަށް ބެލުމަށް ފަހު ޓްރޭނިން ކޭމްޕަށް ފޮނުވާނެ 14 ކުޅުންތެރިން ނަގާނީ ސީޓީއައި (ކޯޗާސް ޓީމް އިންޓަނޭޝަނަލް) ގެ ކޯޗުން،" ޒަމީލް ބުންޏެވެ.
އޭނާ ބުނީ ކޯޗާސް ޓީމު އިންޓަނޭޝަނަލްއާ ގުޅިގެން ކުރިއަށް އޮތް އަހަރުތަކުގައި ވެސް އިތުރު ޓްރޭނިން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
ސްޓާސް އެކަޑަމީން ވަނީ އެމެރިކާގެ އެހެން ކުންފުންޏަކާ ގުޅިގެން ބާސްކެޓްބޯލް ޓްރޭނިންތަކުގައި ޓެކްނޮލޮޖީ ބޭނުން ހިފުމުގެ ފުރުސަތު ފަހިވާ ކޭމްޕަކަށް ދިއުމަށް ސެޕްޓެމްބަރު މަހު އެއްބަސްވެފަ އެވެ.
"އެ ޓެކްނޮލޮޖީގެ އެހީގައި ކުރިއަށް ގެންދާ ޓްރޭނިންތަކުން ދެނެގަނެވޭނެ، މިސާލަކަށް ހޫކާސް އަށް ބޯޅަ އެއްލާއިރު ބޯޅަ އުފުލާލާ ޕަސެންޓޭޖް ކަހަލަ އެއްޗިހި. ސްކްރީނެއްގެ ކުރިމަތީގައި ތިބެގެން ޓްރޭނިން ހަދާނީ. ޝޫޓިންގެ އިތުރުން ބޯޅަ ހޭންޑްލިން އަދި ޑްރިބްލިން އަށް ވެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓްރޭނިންތައް ކުރިއަށްގެންދާނީ. ދެން އޭގެ އެހީގައި ޓްރޭން ކުރީމަ ކުޅުންތެރިޔާގެ ވަކިވަކި ހުނަރުތައް ތަރައްގީ ކުރަން ފަސޭހަ ވެގެންދާނެ،" ޒަމްބެ ބުންޏެވެ.
އެ ކޭޕްމްގައި އެންބީއޭގެ މެޗުތަކެއް ބަލާލުމުގެ ފުރުސަތާއި ކޮލެޖް ބާސްކެޓްބޯޅަ މުބާރާތުގެ މެޗުތަކެއް ބަލާލުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ޒަމްބެ ބުންޏެވެ.