ޗެމްޕިއަންސް ލީގަށް މުހިއްމު ބަދަލުތަކެއް!
ޗެމްޕިއަންސް ލީގަށް މުހިއްމު ބަދަލުތަކެއް!

ނިޔޯން، ސްވިޒަލެންޑް (ޑިސެމްބަރު 10) – ދުނިޔޭގެ އެންމެ މަގުބޫލު އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގަށް މުހިއްމު ބަދަލުތަކެއް ގެންނަން ޔުއެފާގެ އެގްޒެކެޓިވް ކޮމިޓީން ފާސްކޮށްފި އެވެ.

އެންމެ ބޮޑު ބަދަލަކީ 2018-2021 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްދާ ހަތަރު މުބާރާތުގެ ގްރޫޕް ސްޓޭޖުން، ޔޫރަޕުގެ ބޮޑު ހަތަރު ލީގު ކަމަށްވާ އިނގިރޭސި ލީގާއި ސްޕެނިޝް ލީގާއި އިޓާލިއަން ލީގު އަދި ޖަރުމަން ލީގުގެ ގަދަ ހަތަރު ޓީމަށް ފުރުސަތު ދޭން ނިންމުމެވެ.

މިހާރު އިންގްލެންޑް، ސްޕެއިން އަދި ޖަރުމަނުގެ ގަދަ ތިން ޓީމަށް ގްރޫޕް ސްޓޭޖުން ފުރުސަތު ދޭއިރު ހަތަރު ވަނަ ޓީމަށް ޖެހެނީ ކޮލިފައިން ކުޅޭށެވެ. އަދި އިޓަލީގެ ގަދަ ދެ ޓީމަށް ސީދާ ޖާގައެއް ދޭއިރު ތިން ވަނަ ޓީމަށް ފުރުސަތު ދެނީ ކޮލިފައިން ކުޅެގެންނެވެ.

މި ބަދަލު ގެންނަން ޔުއެފާ އިން އޮގަސްޓް މަހު އިއުލާންކުރުމާ އެކު ޔޫރަޕިއަން ކްލަބްސް އެސޯސިއޭޝަން ތާއީދުކުރި ނަމަވެސް ޔޫރަޕިއަން ޕްރޮފެޝަނަލް ލީގް އެސޯސިއޭޝަނުން ވަނީ ދެކޮޅު ހަދައިފަ އެވެ. ސަބަބަކީ މީގެ ސަބަބުން ކުދި ގައުމުތަކުގެ ޓީމުތަކަށް ފުރުސަތުތައް ގެއްލޭނެތީ އެވެެ.

އެކަމަކު ޔުއެފާގެ އާ ރައީސް އެލެކްސެންޑާ ކެފެރިން ވަނީ، ބޮޑު ހަތަރު ލީގަށް އިތުރު ފުރުސަތު ދިން ނަމަވެސް ކުދި ލީގުތަކަށް ދޭ ޖާގަތައް މަދުނުކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޔުއެފާ އިން ވަނީ، ގައުމުތަކުގެ ލީގު ޗެމްޕިއަނުންގެ ތެރެއިން ޗެމްޕިއަންސް ލީގުގެ ކޮލިފައިން ބުރުން ކަޓާ ޓީމުތަކަށް ޔުރޮޕާ ލީގުގެ ކޮލިފައިން ބުރުން ފުރުސަތު ދޭން ނިންމައިފަ އެވެ. އަދި ކްލަބްތައް ރޭންކްކުރާއިރު އެ ކްލަބުން މުބާރާތުގައި ނެރެފައިވާ ނަތީޖާތަކަށް ބަލަން ވެސް ޔުއެފާ އިން ނިންމި އެވެ. މާނައަކީ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލެސްޓާ ސިޓީ ހޯދި ނަމަވެސް، އެ ޓީމަށް މާބޮޑު އެޑްވާންޓޭޖެއް ނުލިބުމެވެ. ސަބަބަކީ ޔޫރަޕުގައި އެ ޓީމުގެ ރަނގަޅު ޓްރެކް ރެކޯޑެއް ނެތުމެވެ.

ޔުއެފާ އިން ގެނައި އެންމެ މުހިއްމު އެއް ބަދަލަކީ މުބާރާތުގެ މެޗުތައް ކުޅޭ ގަޑިއަށް ގެނައި ބަދަލެވެ. އެގޮތުން ކުރިން ޔޫރަޕް ގަޑިން ރޭގަނޑު 8:45 (ރާއްޖެ ގަޑިން 11:45) ގައި ހުރިހާ މެޗެއް ކުޅުނު ނަމަވެސް 2018 އިން ފެށިގެން ގްރޫޕް ސްޓޭޖުގައި ކޮންމެ ރެޔަކު ދެ މެޗު ކުޅޭނީ ޔޫރަޕް ގަޑިން 7:00 (ރާއްޖެ ގަޑިން 10:00) ޖަހާއިރެވެ. އަދި އަނެއް ހަ މެޗު ކުޅޭނީ މިހާރު ވެސް ކުޅޭ ގަޑީގަ އެވެ. ގަޑިއަށް ބަދަލު ގެނައީ އެއް ވަގުތެއްގައި ހުރިހާ މެޗުތައް ކުޅުމުން އޯޑިއަންސް ގެއްލޭތީ އާއި އޭޝިއާ އަށް އަވަސް ގަޑިއެއްގައި ބައެއް މެޗުތައް ބޭއްވުމަށެވެ.

ޔުއެފާ އިން އިއްޔެ ވަނީ 2019 ވަނަ އަހަރުގެ ޔޫރަޕުގެ 21 އަހަރުން ދަށުގެ މުބާރާތް އިޓަލީގައި ބާއްވަން އަދި 2018 ވަނަ އަހަރުގެ ޔުރޮޕާ ލީގު ފައިނަލް ފްރާންސުގެ ލިޔޯންގައި ބާއްވަން ވެސް ނިންމައިފަ އެވެ.