24 ނޮވެމްބަރ 2021 - 22:37

ދިވެހިންގެ ތެރެއިން ދެ ވަނަ އަށް އެމްބީބީއެސް ހާސިލްކުރެއްވި އަދި ރާއްޖޭގައި އެމްބީބީއެސް ޑޮކްޓަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ހިދުމަތް ކުރެއްވި ދިވެހި ޑޮކްޓަރު ކަމަށްވާ ޑރ. އަހުމަދު ލަތީފް މިއަދު އިނގިރޭސި ވިލާތުގައި އަވަހާރަވެއްޖެ އެވެ.
އުމުރުން 80 އަހަރަށް ވުރެ މައްޗަށް ގޮސްވައި ވަނިކޮށް އަހްމަދު ލަތީފް އަވަހާރަވި އިރު ދެ އަންހެން ބޭފުޅަކާއި ކާފަ ވިދާޅުވާ ތިން ބޭފުޅަކު އެބަތިއްބެވި އެވެ.
ޑރ. އަހްމަދު ލަތީފް އަވަހާރަވީ އިނގިރޭސި ވިލާތުގެ ހޮސްޕިޓަލެއްގައި މުސްކުޅި ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
އިންޑިއާ އިން އެމްބީބީއެސް ހާސިލުކުރައްވައި 1967 ގައި ރާއްޖެ ވަޑައިގެން ޑރ. އަހްމަދު ލަތީފް ފުރަތަމަ ހިދުމަތް ކުރެއްވީ ސަރުކާރު ހޮސްޕިޓަލުގަ އެވެ. އޭގެ ދެތިން އަހަރު ފަހުން އިތުރަށް ކިޔަވާ ވިދާޅުވުމަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް އުޅުއްވީ އެ ގައުމުގަ އެވެ. އިނގިރޭސި ވިލާތުގެ ސިއްހީ ދާއިރާގައި ގާތްގަނޑަކަށް 40 އަހަރު ހިދުމަތް ކުރައްވައި ރިޓަޔާ ކުރެއްވީ މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ.
ގދ. ވާދު އަށް އުފަން ޑރ. އަހްމަދު ލަތީފަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރު (ސީނާ) އާއި ޑރ. އަލީ ލަތީފްގެ އިތުރުން ޑރ. ފާތިމަތު އަލި ދީދީގެ ބޮޑުބޭބޭފުޅެވެ. އެ އާއިލާގައި މިހާރު ވެސް ހަތަރު ޑޮކްޓަރަކު އެބަ ތިއްބެވި އެވެ. ޑޮކްޓަރުންނާއި ދިވެހި ބޭސްވެރިކަން މޮޅަށް ކުރެއްވި ބޭފުޅުން ވެސް މި އާއިލާގައި ހިމެނެ އެވެ.