ޑްރަގް އޮޕަރޭޝަނެއްގެ މައުލޫމާތު ހާމަކުރި ފުލުހަކު ވަޒީފާ އިން ވަކިކުރީ ރަނގަޅަށް: ހުކުމް
ޑްރަގް އޮޕަރޭޝަނެއްގެ މައުލޫމާތު ހާމަކުރި ފުލުހަކު ވަޒީފާ އިން ވަކިކުރީ ރަނގަޅަށް: ހުކުމް

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު ހާމަކުރި ފުލުހަކު ވަޒީފާ އިން ވަކިކުރުމުން އަލުން ފުލުހުންގެ ވަޒީފާ ހޯދަން ކުރި ދައުވާ އޭނާއާ ދެކޮޮޅަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ގދ. ވާދޫ، ޖުޕިޓާ، ޝާމިހް އަހުމަދު، ފުލުހުންގެެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެފައިވާ ކަމަށް ބުނެ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާއި ބެހޭ ގަވާއިދުގެ ދަށުން ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމުމުން އޭނާ ވަޒީފާއިން ވަކިކުރީ 2018 ވަނަ އަހަރު އެވެ.

ކޮންސްޓަބްލްގެ ރޭންކުގައި ހުރި ޝާމިހް ފުލުހުންގެ ވަޒީފާ އިން ވަކިކުރީ، ތިނަދޫ ޕޮލިސް ސްޓޭޝަނުގައި އޭނާ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު، މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތު ކުރެވިގެން، ފުލުހުންގެ އިންޓެލިޖެންސުން ބަލަމުންދާ މީހުންނަށް އެކަމުގެ މައުލޫމާތު ދޭ ކަމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބެލި މައްސަލައެއް ސާބިތު ވުމުންނެވެ.

ނަމަވެސް ވަޒީފާ އިން ވަކިކޮށްފައި ވަނީ އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމަކާ ނުލައި ކަމަށާއި އެ ފިޔަވަޅު އެޅުމުގައި ވެސް މައުޟޫއީ އަދުލުވެރިކަން ވެސް ގާއިމުނުވާ ކަމަށް ބުނެ، މިއަދާ ހަމައަށް ވެސް އެއީ ވަޒީފާގައި ދެމިހުރި ފުލުހެއް ކަމަށް ކަނޑައަޅައިދީ، ވޭތުވެ ދިޔަ ދުވަސްތަކުގެ މުސާރަ އާއި އިނާޔަތްތައް ހޯދުމަށް ޝާމިހް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެވެ.

އެކަމަކު، އެ ދައުވާ އަށް އިންކާރުކޮށް، ފުލުހުންގެ ފަރާތުން ކޯޓުގައި އެދުނީ ޝާމިހަށް ފިޔަވަޅު އެޅި ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ސިވިލް ކޯޓުން މައްސަލަ ބެލި އިރު ފާހަގަ ކޮށްފައިވާ ގޮތުގައި އެ މައްސަލައިގައި ޝާމިލް ޑިސިޕްލިނަރީ ބޯޑަށް ބަޔާން ދިން އިރު ބުނެފައި ވަނީ މަސްތުވާތަކެތީގެ މައްސަލައިގައި ގދ. ވާދޫ ފުލުހުން ފާރަލަމުންދިޔަ ފަރާތަކީ އޭނާ ދަންނަ ރައްޓެއްސެއް ކަމަށެވެ. ނަމަވެސް ފުލުހުން ފާރަލަމުންދިޔަ މީހާ ކުރާ ކުށަކާ ގުޅިގެން އެ ކަމަށް ހިތްވަރުދީ ނުވަތަ އެހީތެރިވެދީފައި ނުވާނެ ކަމަށާއި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ މައުލޫމާތު ޝާމިހް އަށް ލިބުނީ އޮޕަރޭޝަންގައި ބައިވެރިވި އިންޓެލް މީހާގެ ފަރާތުން ކަމަށް ޝާމިހްގެ ބަޔާނުގައި ވެ އެވެ.

އޭނާ އަށް އޮޕަރޭޝަންގެ ފުރިހަމަ މައުލޫމާތު ހޯދައި ދިނުމަށް އެހީތެރިވެދީފައި ވާނެ ކަމަށާއި އެކަން ތިނަދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް، ޕޮލިސް ސްޓާފް ސާޖަންޓު މުހައްމަދު މުސްއަދަށް އެނގޭނެ ކަމަށް ޝާމިލްގެ ބަޔާނުގައި ބުންޏެވެ.

އެކަމަކު އޮގަސްޓް 21، 2017 ގައި މަސްތުވާތެކެތީގެ އޮޕަރޭޝަންގެ މައުލޫމާތު ދިނުމަށް އެ މީހާގެ ފޯނަށް ނުގުޅާ ކަމަށް ޝާމިހް ބުނި ނަމަވެސް އެކަން އެހެން ހިނގާފއިވާ ކަމަށާއި އެ އޮޕަރޭޝަން ކުރިއަށް ދާތީ ދޯނިދޮށަށް މަސްތުވާތަކެތި ބަލައި ނުދިއުމަށް ޝާމިހް އޭނާގެ ރަހުމަތްތެރިޔާ ގާތު ބުނެފައިވާކަން ފުލުހުންގެ ތަހުގީގަށް ވަނީ ސާބިތު ވެފަ އެވެ. އަދި އެ ފޯނު ކޯލުގެ ފަހުން ފުލުހުން ފާރަލަމުންދިޔަ މީހާ ދޯނި ދޮށަށް މަސްތުވާތަކެތި ބަލައި ގޮސްފައެއް ވެސް ނުވެ އެވެ.

ތަހުގީގު ބަޔާނާއި މައްސަލަ އަށް ހުށަހެޅި ހެއްކާއި ގަރީނާ އަށް ރިއާޔަތްކޮށް، ކޯޓުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މީހާ އާއި ޝާމިހުއާ ދެމެދު ފޯނުގެ ޒަރީއާ އިން ސިއްރު މައުލޫމާތުތަކެއް ބަދަލުކޮށް، ޑްރަގް އޮޕަރޭޝަނާ ބެހޭ ގިނަ ވާހަކަތަކެއް ދައްކާފައިވާ ކަމަށެވެ. އެހެންވެ، އެއީ ފުލުހުންގެ ކޯޑް އޮފް އެތިކްސްއާ ހިލާފު އަމަލެއް ކަމަށް ހުކުމުގައިވެ އެވެ.

އެހެންކަމުން ޝާމިލް، ފުލުހުންގެ އިދާރާގައި އަދާކުރަމުންދިޔަ ޕޮލިސް ކޮންސްޓަބަލްގެ ރޭންކުން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ ގާނޫނާއި ގަވާއިދުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފަށް ކަމަށް ބުނާ މައްސަލަ ސާބިތުވާން ނެތް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ވެ އެވެ.