24 ނޮވެމްބަރ 2021 - 14:12

އަންނަ އަހަރަށް 37 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައެޅި ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަަނީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓު ކޮމިޓީ މަރުހަލާގައި ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކުރި އެވެ. މިއީ ވަރަށް ކުޑަ އިތުރު ކުރުމެކެވެ. މިއާ އެކު ބަޖެޓު ޖުމްލަ އަދަަދު ވަނީ 37 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
ބަޖެޓް ފާސްވީ ހާޒިރުވެ ވަޑައިގެން ތިއްބެވި 73 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އަށް މެންބަރެކެވެ. ބަޖެޓަށް ވޯޓަށް އެހި ވަގުތު އިދިކޮޅު މެންބަރުން ބަޖެޓާ ދެކޮޅަށް އަޑު އުފުލަމުން ދިޔަ އެވެ.
ބަޖެޓަށް އިތުރުކުރި ފައިސާގެ ތެރޭގައި ޕީއެސްއައިޕީ މަޝްރޫއުތަކަށާއި ބައެއް މިނިމަމް މުއައްސަސާތަކަށް އިތުރު ކުރި ފައިސާ ވެސް ހިމެނެ އެވެ.
- ޖުމްލަ ބަޖެޓް: 37 ބިލިއަން ރުފިޔާ
- އާމްދަނީ: 24.2 ބިލިއަން ރުފިޔާ
- ޕީއެސްއަައިޕީ: 6.2 ބިލިއަން ރުފިޔާ
- ޑެފިސިޓް: 9.7 ބިލިއަން ރުފިޔާ
- ޖުމްލަ ހަރަދު: 34 ބިލިއަން ރުފިޔާ
ބަޖެޓުގެ އެންމެ ބޮޑު ހަރަދެއް ކުރަން ހަމަޖެހިފައިވަނީ މުވައްޒަފުންގެ ހަރަދުތަކަށެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ 26 ޕަސެންޓް ހޭދަކުރަނީ ސަރުކާރު މުވައްޒަފުންނެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގެ 17 ޕަސެންޓް ހޭދަކުރާ އިރު އޮފީސްތައް ހިންގަން ބަޖެޓުން 12 ޕަސެންޓް ހޭދަކުރެ އެވެ.
- ޖީޑީޕީ 88 ބިލިއަން ރުފިޔާއަށް އެރުވުން
- 1.6 މިލިއަން ޓޫރިސްޓުން ގެނައުން
- 657 މިލިއަން ޑޮލަރަށް ރިޒާވް އިތުރުކުރުން
ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ކުރީގެ ހާލަތަށް ރުޖޫއަވާނެ ކަމަށް ލަފާކޮށްފައި ވަނީ 2023 ވަނަ އަހަރު އެވެ. ނަމަވެސް އަންނަ އަހަރު ވެސް ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވަނ ލަފާކޮށްފަ އެވެ. އަންނަ އަހަރު ޖީޑީޕީ 84 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާ އިރު މި އަހަރުގެ ޖީޕީޑީ ހުންނާނެ ކަމަށް އަންދާޒާ ކުރަނީ 74 ބިލިއަން ރުފިޔާ އާއި 82 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގަ އެވެ.