10 ޑިސެމްބަރ 2016 - 09:18

މެޑްރިޑް (ޑިސެމްބަރު 10) - ރެއާލް މެޑްރިޑުގެ ތާރީހުގައި ބަލިނުވެ އެންމެ ގިނަ މެޗު ފުރިހަމަކުރުމުގެ ރެކޯޑް ހެދުމުގެ އަމާޒުގައި މިރޭ ސްޕެނިޝް ލީގުގައި ޑިޕޯޓިވޯ ލަކަރޫނިއާއާ ދެކޮޅަށް ނުކުންނައިރު މެޑްރިޑުގެ މުހިއްމު ބައެއް ކުޅުންތެރިން ނުކުޅޭނެ ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ލީގުގެ އެއް ވަނައިގައި ރެއާލް އޮތީ ހަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ރެއާލަށް 14 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާގެ އޮތީ 28 ޕޮއިންޓެވެ. ރެއާލް މިރޭގެ މެޗަށް ނުކުންނައިރު، މިއަދު ހަވީރު އޮސަސޫނާ އަތުން ބާސެލޯނާ މޮޅުވެއްޖެނަމަ ރެއާލްގެ ލީޑު ތިން ޕޮއިންޓަށް ކުޑަވާނެ އެވެ.
މިރޭގެ މެޗުން ޑިޕޯޓިވޯ އަތުން ރެއާލް ބަލިނުވެއްޖެނަމަ އެ ޓީމު ބަލިނުވެ 35 މެޗު ހަމަކޮށް އާ ރެކޯޑެއް ހަދާނެ އެވެ. އެކަމަކު މިހާރު ކުރިޔަށްދާ ފީފާ ކްލަބް ވޯލްޑް ކަޕަށް އަމާޒުކޮށް ޒިދާން ވަނީ މިރޭގެ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލޫކާ މޮޑްރިޗް އަދި ކަރިމް ބެންޒެމާ ބޭނުންނުކުރަން ނިންމައިފަ އެވެ.
"ގާތްގާތުގައި މުހިއްމު މެޗުތަކެއް ހުރުމުން ބައެއް ކުޅުންތެރިންނަށް ރެސްޓްދޭން އެބަޖެހޭ. ރެކޯޑެއް ހެދުމަށް ވުރެ ކުޅުންތެރިން ކުރިއަށް ހުރި މެޗުތަކަށް ފިޓްކޮށް ބެހެއްޓުން މުހިއްމު. ކްލަބް ވޯލްޑް ކަޕަކީ ވެސް މުހިއްމު މުބާރާތެއް،" ޒިދާން ބުންޏެވެ.
ފާއިތުވި ހަފްތާގައި ރެއާލްގެ ތަރި ރޮނާލްޑޯ ޓެކްސް އަށް މަކަރު ހަދާފައިވާ ކަމަށް ބުނެ މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ރެެއާލުން ބުނިއިރު، ޒިދާން ވެސް ވަނީ ރޮނާލްޑޯގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.
"ރޮނާލްޑޯއާ ގުޅުވައިގެން ދައްކާ ވާހަަކަތަކަށް އޭނާގެ އެޖެންޓާއި މި ކްލަބުން އަދި އެހެން ފަރާތްކުން ވެސް ޖަވާބު ދީފި. ރޮނާލްޑޯގެ ވިސްނުން ހުރީ މެޗުތަކުން މޮޅުވެ ޓީމަށް އެހީވެދޭން،" ޒިދާން ބުންޏެވެ.
ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި އޮސަސޫނާ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 5 ޖަހާއިރު އެވެ. އަދި ރެއާލާއި ޑިޕޯޓިވޯ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.