24 ނޮވެމްބަރ 2021 - 14:23

ސްކޫލުތަކުން އެދުނު ގޮތަށް އޮކްޓޫބަރު/ ނޮވެމްބަރުގައި އޭލެވެލް އިމްތިހާނު ބާއްވަން ނިންމައި އެޑިއުކޭޝަން މިނިސްޓްރީން އެކަން މިއަދު ސްކޫލުތަކަށް އަންގައިފި އެވެ.
މެއި/ ޖޫންގައި އޭލެވެލް އިމްތިހާނު އާންމުކޮށް ބޭއްވި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުންނާއި އިމްތިހާނު ޕޭޕަރުތައް ލީކުވުން ފަދަ ކަންކަމާ ހެދި އިމްތިހާނު ފަސްކޮށް، އިމްތިހާނު ބޭއްވީ އޮކްޓޫބަރު/ ނޮވެމްބަރުގަ އެވެ.
މިނިސްޓްރީން މިއަދު ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އޮގަސްޓް މަހުގެ ތެރޭގައި ދިރާސީ އަހަރު ފަށައި މޭ/ ޖޫންގައި އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމަށް ދަތިތައް ކުރިމަތިވާ ކަމަށް ސްކޫލުތަކުން ފާހަގަކުރަމުން އަންނަ ކަމަށެވެ.
އެޑިއުކޭޝަންގެ ސާކިއުލާގައިވާ ގޮތުން، އޭލެވެލް ހަދާ ހުރިހާ ސްކޫލުތަކެއްގެ ޕްރިންސިޕަލުންނާ މަޝްވަރާކޮށް އިމްތިހާނު އޮކްޓޫބަރު/ނޮވެމްބަރަށް ބަދަލުކުރީ މޭ/ ޖޫންގައި އިމްތިހާނު ހަދާ ނަމަ، ގައިޑެޑް ލާނިންގެ ގޮތުގައި ދަރިވަރުންނަށް ބޭނުންވާ 180 ގަޑިއިރު ހަމަކުރަން ދަތިވާ ކަމަށް ސްކޫލްތަކުން ފާހަގަކޮށްފައި ވާތީ އެވެ.
"އެހެންކަމުން ސްކޫލުތަކުން ހުށަހަޅާފައިވާ ގޮތަށް އޭލެވެލް އިމްތިހާނު އޮކްޓޫބަރު/ ނޮވެމްބަރުގައި ކުރިއަށް ގެންދިއުމަށް ނިންމި ވާހަކަ ދަންނަވަމެވެ." ސާކިއުލާގައިވެ އެވެ.