24 ނޮވެމްބަރ 2021 - 13:54

މާލޭގެ ދެ މިސްކިތަކަށް ކުޑަކަމު ދިޔަ މައްސަލައިގައި ހައްޔަރުކުރި ހަސަން ޒިޔާދުގެ މައްޗަށް ދައުވާކޮށްފި އެވެ.
އޮކްޓޯބަރު ތިން ވަނަ ދުވަހުގެ އެކި ވަގުތުތަކުގައި މ. ޝޭޑީހޯމް، ހަސަން ޒިޔާދު ވަނީ ރައީސް އޮފީސް ދޮރުމައްޗާއި ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒުގެ އިތުރުން ޖުމްހޫރީ މައިދާނަށް ކުޑަކަމު ގޮސްފަ އެވެ. އިސްލާމީ މަރުކަޒު ތެރެއަށް އޭނާ ކުޑަކަމުދިޔައީ މީހުން ނަމާދު ކުރަން ތިބި ވަގުތު މިންބަރާ ހިސާބަށް ހިނގާފައި ގޮތް ގިބުލައަށްވާ ގޮތަށް ހުރެ އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި ހަސަން ޒިޔާދުގެ މައްޗަށް، އާންމު މަސްލަހަތަށް ގެއްލުން ހުރި ކަމެއް ކުރުމުގެ ކުށުގެ ދެ ދައުވާކޮށް މި މަހުގެ 16 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
އާންމު މަސްލަހަތަށް ގެއްލުން ހުރި ކަމެއް ކުރުމުގެ ކުށުގެ ދައުވާ އަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެހެންވެ، އަދަބުގެ އަސާސީ މިންގަނޑުން ބަލާ ނަމަ ކޮންމެ ދައުވާއަކަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އަންނާނެ އެވެ. އޭނާގެ ކުށަށް އިންކާރު ކުރާ ހާލަތުގައި މި ދެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
އެ އޮފީހުން ބުނީ ހުރުމަތްތެރިވެގެންވާ ތަނަކަށް އިހާނެތިކޮށް ހިތުމުން ކުށުގެ އެއް ދަރަޖަ އިތުރުވާތީ އިއުތިރާފު ވިޔަސް ލުއި ނުލިބޭނެ ކަމަށެވެ.
ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގައި ވަނީ އާންމު ތަނެއްގައި އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ ކުރުން މަނާ ކަންތައްތަކެކެވެ. ހަސަން ޒިޔާދުގެ މައްޗަށް ދައުވާ ކުރީ އެ ކަންތައްތަކުގެ ތެރެއިން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު އަމަލުތައް ކުރުމަކީ ކުށެއް ކަމަށް ބުނާ ނަމްބަރުގެ ދަށުންނެވެ.
މިސްކިތަށް ކުޑަކަމު ދިޔަ މައްސަލައިގައި ހަސަން ޒިޔާދު ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފައި ހުއްޓާ އޭނާ ވަނީ އިބްރާހިމީ މިސްކިތުގެ ތެރޭގައި ހަތިމަކަށް ކުޅު ޖަހައިފަ އެވެ. އޭނާ މިހާރު ހުރީ އެ މައްސަލައާ ގުޅިގެން ބަންދު ކޮށްފަ އެވެ.