24 ނޮވެމްބަރ 2021 - 15:40

ސަރުކާރުން ގަންނަ ގޮތަށް، މާލެ-ހުޅުމާލެ ހައިވޭގައި އަޅަން ރޭވި، އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ސޯލާ ޕެނަލް ހަރުކޮށްގެން ރާއްޖޭގައި ހިންގާ މަޝްރޫއު އަންނަ އަހަރު ކުރީކޮޅު ފަށާނެ ކަމަށް އެންވަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.
މިއީ ހައިވޭގައި ސޯލާ ޕެނަލްތައް ބަހައްޓައިގެން ފަސް މެގަވޮޓްގެ ކަރަންޓު އުފެއްދުމަށް ފަހު ޑީސަލް ތެލުން ކަރަންޓު އުފެއްދުމަށް ވުރެ އަގު ހެޔޮކޮށް ސްޓެލްކޯއަށް ކަރަންޓު ވިއްކުމަށް ވޯލްޑް ބޭންކުގެ އެހީގައި ފެށި މަސައްކަތެކެވެ.
ބިޑަށް ހުޅުވާލުމުން 21 ކުންފުންޏެއް ޝައުގުވެރިކަން ފާޅު ކުރި އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެންމެ ކުޑަ އަގެއް ހުށަހެޅި ތައިލެންޑްގެ އެންސިސް ކޯ ލިމިޓެޑަށެވެ.
މި ސަރުކާރުން 2019 ވަނަ އަހަރު އިއުލާންކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް އަދިވެސް ނުފަށަ އެވެ.
ޕްރޮޖެކްޓުގެ ކޮމިއުނިކޭޝަން ސްޕެޝަލިސްޓް އިފާދު ވަހީދު "މިހާރު" އަށް ވިދާޅުވީ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ލަސްވެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ކޮންޓްރެކްޓަރަށް ރާއްޖެ ނާދެވިންގެން ކަމަށާއި އެކަމަށް ބޭނުންވާ މުދާ ގެނައުމުގައި ވެސް ދަތިތަކެއް ދިމާވި ކަމަށެވެ.
އޭގެ އިތުރުން ހައިވޭގައި ސޯލާ ޕެނަލް ހަރުކުރާ ތަނުގައި އެހެން މަޝްރޫއުތަކެއްގެ މަސައްކަތް ހިނގާ ކަމަށާއި އެ މަސައްކަތްތައް ނިމެންދެން ސޯލާ ޕެނަލް ޖެހުން މަޑުޖައްސާލާފައިވާ ކަމަށް ވެސް އިފާދު ވިދާޅުވި އެވެ.
"މިހާރު ކުރިޔަށްދާ މަސައްކަތަކީ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ހަދަން ޖެހޭ ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތާއި ތިމާވެށީގެ އެސެސްމަންޓު ހެދުމުގެ މަސައްކަތް އަދި ޑީޓެއިލް ޑިޒައިން ހެދުމުގެ މަސައްކަތް،" އިފާދު ވިދާޅުވި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ފަށާނެ ކަމަށާއި ހުރިހާ ސޯލާ ޕެނަލެއް ހަރުކުރުމަށް ފަހު އަންނަ އަހަރު ފަހުކޮޅު ކަރަންޓު އުފައްދަން ފަށާނެ ކަމަށް ވެސް އިފާދު ވިދާޅުވި އެވެ.
އަވިން އުފައްދާ ކަރަންޓު ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ކަރަންޓު ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ.
މި ރޭޓުގައި، ފަސް މެގަވޮޓްގެ ސޯލާ އިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓު ޔުނިޓުން، ޑީސަލްގެ ހޭދައިން ގާތްގަނޑަކަށް 15-20 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ސަލާމަތްކުރެވޭނެ ކަމަށް އިފާދު ވިދާޅުވި އެވެ.