ޔުނައިޓެޑަށް ލީގުގެ މަތީ މަގާމެއް ހައްގު: މޮރީނިއޯ
ޔުނައިޓެޑަށް ލީގުގެ މަތީ މަގާމެއް ހައްގު: މޮރީނިއޯ

މެންޗެސްޓާ (ޑިސެމްބަރު 10) - މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑް މިހާތަނަށް ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު އެ ޓީމަށް ލީގުގެ މަތީ މަގާމެއް ހައްގުވާ ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ލީގުގައި ޔުނައިޓެޑް އޮތީ 14 މެޗުން ލިބުނު 21 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. އެ ޓީމު ފަސް މެޗުން މޮޅުވިއިރު، ހަ މެޗުން އެއްވަރު އަދި ތިން މެޗުން ވަނީ ބަލިވެފަ އެވެ.

މޮރީނިއޯ ބުނީ ލީގުގެ މަތީ މަގާމުތަކުގައި އޮތް ޓީމުތައް ޔުނައިޓެޑަށް ވުރެ މި ސީޒަނުގައި މޮޅު ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"ޔުނައިޓެޑް މި ވަގުތު އޮތް މަގާމު އިންސާފުވެރިއެއް ނޫން. އެއީ އަހަރެމެން އަތުން ގެއްލުނު ޕޮއިންޓް ތަކަކީ އަހަރެމެން ކުރި މަސައްކަތާ އަޅާކިޔާއިރު ގެއްލޭނެ އެއްޗަކަށް ނުވާތީ. ޔުނައިޓެޑުން މިހާތަނަށް ކުރި މަސައްކަތަށް ބަލާއިރު ލީގުގެ މަތީ އޮތް ޓީމުތަކާ އެއް ހަމައެއްގައި ޔުނައިޓެޑް އޮންނަން ޖެހޭ،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ޔުނައިޓެޑަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ލިބެމުން އަންނަ ކަމަށާއި އެ ކަންތައްތައް ރަނގަޅު ކޮށްލުމުން ލީގުގައި އެ ޓީމު ފަހަތަށް ޖައްސާލަން އުނދަގޫވާނެ ކަމަށެވެ.

"ޔުނައިޓެޑްގައި އޮތް ސްކޮޑަކީ ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެފަދަ ސްކޮޑެއް. އެކަމަކު އަހަރެން ބޭނުންވާ ސިސްޓަމަށް އަދި ނުހޭނޭތީ އުނދަގޫތަކެއް އެބަހުރި. އެކަން ރަނގަޅުކޮށްލައިގެން ޔުނައިޓެޑް ކުރިއަށް ގޮސްފިނަމަ ހީނުކުރާ ފަދަ ކާމިޔާބު ސީޒަނަކަށް ވެސް ހެދިދާނެ،" މޮރީނިއޯ ބުންޏެވެ.

ލީގުގައި މާދަމާރޭ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ނުކުންނާނީ ޓޮޓެންހަމާ ދެކޮޅަށެވެ. ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީ އާއި ޔުނައިޓެޑާ ދެމެދު މި ވަގުތު ވެސް 13 ޕޮއިންޓުގެ ފަރަގެއް އޮތުމުން މޮރީނިއޯ ބުނީ މިއީ ތިން ޕޮއިންޓް ހޯދުން މަޖުބޫރު މެޗެއް ކަމަށެވެ.

"ލީގުގެ އެއް ވަނައިގައި އޮތް ޓީމު (ޗެލްސީ)އާ އަރާ ހަމަކުރަން ބޭނުންނަމަ ދެން ވަރަށް ފަރުވާތެރިވާން އެބަޖެހޭ. އެއްވެސް ޕޮއިންޓެއް ގެއްލުމަކީ ދެން ބޮޑު ގޮންޖެހުމަކަށްވާނެ. ޓޮޓެންހަމް މެޗުން ތިން ޕޮއިންޓް ނޫން ގޮތަކަށް ފަރުޖައްސާލެވެން ނެތް،" މޮރީނިއޯ ބުންޏެވެ.

ޓޮޓެންހަމާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ މާދަމާރޭ 19:15 ގަ އެވެ.