24 ނޮވެމްބަރ 2021 - 10:03

ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންނާ ގުޅޭ މައުލޫމާތު އެއްކުރުމަށާއި އެތަނުގައި ކަނޑައަޅާފައިވާ ގަވާއިދުތަކަށް އެތަނުގައި އުޅޭ މީހުން އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް އެޗްޑީސީން ކުރިއަށް ގެންދިޔަ ސާވޭއަކަށް އެތަނުގައި އުޅޭ ބަޔަކު ހުރަސް އަޅައި މާރާމާރީ ހިންގަން އުޅެފި އެވެ.
އެޗްޑީސީން ބުނީ އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތަކާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ވެސް ނިންމި އެ ސާވޭ ކުރިއަށް ދަނިކޮށް އެ ސަރަހައްދުން ބަޔަކު ނިކުމެ ހުރަސް އެޅީ ހުކުރު ދުވަހު ކަމަށެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ ސާވޭގެ ބޭނުމަކީ ފްލެޓްތަކުގައި އުޅޭ މީހުންގެ ފައިދާ ކުރާނެ ގޮތަކަށް ރޭވިގެން ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމުން، އެ ކުންފުނީގެ މުވައްޒަފުންނަށް ގޯނާކޮށް ހުރަސް އެޅުމަކީ ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެކެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅައި އެކަން ތަކުރާރުވިޔަ ނުދޭން ކުރެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނީ މި ސާވޭ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ. އަދި ސާވޭ ހެދުމަށް ފްލެޓްތަކަށް ޒިޔާރާތްކުރާނީ ހެނދުނު 9:00 އާއި ރޭގަނޑު 8:00 އާ ދެމެދުގައި ކަމަށާއި ފްލެޓްތަކަށް ޒިޔާރާތްކުރާ މުވައްޒަފުން ވެސް ތިބޭނީ އެޗްޑީސީގެ މުވައްޒަފުންކަން އެނގޭ ގޮތަށް ކާޑު އަޅައިގެން ކަމަށް އެ ކުންފުނިން ބުނެ އެވެ.