އީރާނަށް އިޒްރޭލުން ހަމަލާއެއް ދިނުމުގެ ނުރައްކާ ބޮޑުވަނީ
އީރާނަށް އިޒްރޭލުން ހަމަލާއެއް ދިނުމުގެ ނުރައްކާ ބޮޑުވަނީ

ތެލް އަވީވް (ނޮވެމްބަރު 24) - މީގެ ދުވަސްކޮޅެއް ކުރިން ރެޑް ސީގައި އިޒްރޭލާއި އެމިރޭޓްސް އަދި ބަހުރޭން ގުޅިގެން ވަނީ ކަނޑު މަތީގެ އަސްކަރީ ތަމްރީނުތަކެއް ބާއްވައިފަ އެވެ. އެ ތަމްރީނުތަކުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ވެސް ބައިވެރިވި އެވެ.

އީރާނަށް އިޒްރޭލުން ހަމަލާއެއް ދިނުމުގެ ނުރައްކާ ބޮޑުވަނީ
އީރާނަށް އިޒްރޭލުން ހަމަލާއެއް ދިނުމުގެ ނުރައްކާ ބޮޑުވަނީ

އޭގެ ފަހުން އިޒްރޭލުގެ އުތުރުގެ ސިޓީއެއް ކަމަށްވާ އެއިލާތުގެ ހުސް ބިމެއްގައި ވަނީ ހަނގުރާމައިގެ ފަރިތަކުރުންތަކެއް ބާއްވައިފަ އެވެ.

މިފަދަ ކޮންމެ ތަމްރީނުތަކަކީ އީރާނަށް ދެވޭ އިންޒާރުގެ މެސެޖެކެވެ. ނަމަވެސް އީރާނުން ވެސް ވަނީ އެ ގައުމުގެ އަސްކަރީ ތަމްރީނުތަކެއް ބާއްވައިފަ އެވެ.

އެކަމަކު ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލަކީ އިޒްރޭލަށް އެކަނި އީރާނަށް ހަމަލާއެއް ދޭން ކެރިދާނެ ބާވަ އެވެ؟ އިޒްރޭލުން އެފަދަ ހަމަލާއެއް ދިނުމުގެ ރޭވުމުގެ ވިސްނުމާ އެކު އުފަންވާނީ ކޯލިޝަނެއް އުފެއްދުމުގެ ޚިޔާލެވެ.

އިޒްރޭލުން ދެ ފަހަރެއްގެ މަތިން ވަނީ އެ ގައުމު އެކަނި ދުޝްމަނުންގެ ނިއުކްލިއާ ރިއެކްޓަރުތަކަށް ހަމަލާދީފަ އެވެ. އިރާގަށް 1981 ގައި ހަމަލާ ދިން އިރު 2007 ގައި ހަމަލާ ދިނީ ސީރިއާ އަށެވެ.

އިޒްރޭލުގެ ނުރައްކާ އީރާނަށް ބޮޑުވެފައިވާ އިރު އެ ގައުމާ އެކު ދުނިޔޭގެ ބާރުގަދަ ފަސް ގައުމަކުން 2015 ވަނަ އަހަރު ސޮއިކުރި އެއްބަސްވުން އަލުން މުރާޖައާ ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެ އެއްބަސްވުމުން އެމެރިކާ ވަނީ 2018 ވަނަ އަހަރު ވަކިވެފަ އެވެ. އެކަމުގެ ފަހަތުގައި ހުންނެވީ އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެމެރިކާގެ އެ ނިންމުމަށް އިޒްރޭލުން ވަނީ ތާއިދުކޮށްފަ އެވެ. އެމެރިކާ ސަރުކާރުން ފަހުން ވަނީ އީރާނަށް ދަތިކޮށްފަ އެވެ.

ނިއުކްލިއާ އެއްބަސްވުމުގެ މަޝްވަރާތަކުގެ އާ ބުރެއް ފަށަން ތައްޔާރުވާ އިރު އީރާނުން ވަނީ ޔުރޭނިއަމް ފައްކާކުރަން ފަށާފައިވާ ކަމަށް ބުނެފަ އެވެ. އަދި އެއީ ނިއުކްލިއާ ހަތިޔާރު އުފައްދަން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ސުލްހަވެރި ބޭނުންތަކަށް ކުރާ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

އެކަމަކު އިޒްރޭލުގެ އޮފިޝަލުން ބުނަނީ އީރާނުން ޔުރޭނިއަމް ފައްކާކުރާ ނަމަ އެކަމުގެ ބިރު އެ ގައުމަށް އެބައޮތް ކަމަށެވެ.

އިޒްރޭލުގެ ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޔާކޯފް އަމިޑްރޯ ވަނީ އީރާނުގެ ނިއުކްލިއާ ހަތިޔާރުގެ ނުރައްކަލުގެ އިންޒާރު 1990 ގެ ކުރީކޮޅު ވެސް ދެއްވައިފަ އެވެ. އޭރު އޭނާ މަސައްކަތް ކުރެއްވީ މިލިޓަރީ އިންޓަލިޖެންސްގަ އެވެ.

"އީރާނުން ނިއުކްލިއާ ބޮމެއް އުފެއްދުމުގެ ބިރުވެރިކަން އޮންނަ ހާލަތެއްގައި އިޒްރޭލަށް ހަމަޖެހިލައިގެން ނޯވެވޭނެ،" އޭނާ ވިދާޅުވި އެވެ.

އަމިދުރޯ ވިދާޅުވީ އީރާނަށް ހަމަލާއެއް ދީފި ނަމަ އެކަމުގެ ނުރައްކާ ވަރަށް ބޮޑުވާނެކަން އިޒްރޭލުގެ ކޮންމެ މީހަކަށް ވެސް އެނގޭ ކަމަށެވެ.

އީރާނުން ވެސް ވަނީ އެ ގައުމަށް ހަމަލާއެއް ދީފި ނަމަ ހައިރާން ކުރުވަނިވި ރައްދެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. ލުބުނާނުގެ ހިޒްބުﷲ އާއި ޔަމަނުގެ ހޫތީންނަކީ އީރާނަށް ތާއީދުކުރާ ފަރާތްތަކެވެ.

އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް އަމާޒުކޮށް ސައިބާ ހަމަލާތައް މީގެ ކުރިން ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އީރާނުގެ ނިއުކްލިއާ ސައެންޓިސްޓް މުހްސިން ފަޚްދާޒާ އަވަހާރަކޮށްލުމުގެ ފަހަތުގައި ވަނީ އިޒްރޭލް ކަމަށް ތެހެރާނުން ތުހުމަތު ކުރެ އެވެ.