09 ޑިސެމްބަރ 2016 - 18:53

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގެ ކުރިމަތީގައި މިއަދު ހަވީރު ކުރިޔަށް ގެންދިޔަ އެއްވުމުގައި ހުންނަވަނިކޮށް އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް، ފުލުހުން ހައްޔަރުކޮށްފި އެވެ.
އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ ނިޔާޒް ހައްރުކުރުމުން ޕާޓީގެ ހިންގުމަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.
"ނިޔާޒް އަކީ އަޅުގަނޑުމެން ޕާޓީގެ މާލީ ކަންތައްތައް ބަލަހައްޓަވާ ޗެއާޕަސަންގެ ނައިބު މާލީ. އެ ބޭފުޅާ ބަންދުކުރުމުން ޕާޓީން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ވަމުން އަންނަ ތައްޔާރީތަކަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ނިޔާޒް އަކީ ލޯކަލް ކައުންސިލް އިންތިހާބަށް ލަފާދޭން އިލެކްޝަންސް ކޮމިޝަނުން އުފައްދާފައިވާ ކޮމިޓީގައި އެމްޑީޕީ ތަމްސީލްކުރާ މެމްބަރެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ނިޔާޒްގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް މިރޭ 7:00 ގައި ކްރިމިނަލް ކޯޓަށް ހާޒިރު ކުރާނެ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ފުލުހުން ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
މިއަދު ހަވީރު ބޭއްވި އެއްވުމުން އިތުރު މީހަކު ހައްޔަރުކުރި ކަމެއް އެނގިފައެއް ނުވެ އެވެ.