23 ނޮވެމްބަރ 2021 - 14:30

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރަސްމީ ދަތުރެއްގައި މިއަދު އިންޑިއާ އަށް ވަޑައިގެންފި އެވެ.
މިނިސްޓަރު މާރިޔާގެ ހަ ދުވަހުގެ ދަތުރުގައި އިންޑިއާގެ ކޮޗީގެ އިތުރުން ކަންނޫރަށް ވެސް ވަޑައިގަންނަވާނެ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނީ އިންޑިއާގެ ނޭވަލް އެކަޑެމީން ބާއްވާ ޕާސިން އައުޓް ޕެރޭޑް ޝަރަފްވެރިކޮށްދެއްވާ ބޭރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރަށް މާރިޔާ ވެވަޑައިގަންނަވާނެ ކަމަށެވެ.
މި ދަތުރުގައި އިންޑިއާގެ ޑިފެންސްގެ ޓްރެއިނިން ފެސިލިޓީތަކަށާއި އެ ގައުމުގައި ޓްރެއިނިން ހަދަމުން އަންނަ އެމްއެންޑީއެފްގެ އޮފިސަރުންނާ ވެސް މިނިސްޓަރު ބައްދަލުކުރައްވާނެ އެވެ.
މާރިޔާ އިންޑިއާ އަށް ވަޑައިގެންނެވިއިރު، ރާއްޖެ އާއި ސްރީ ލަންކާ އަދި އިންޑިއާގެ ދިފާއީ ބާރު ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އަންނަނީ "އެކްސަސައިޒް ދޯސްތީ"ގެ 15 ވަނަ ތަމްރީން ޕްރޮގުރާމް ބާއްވަމުންނެވެ.
މާރިޔާ ވަނީ މީގެ ކުރިން ވެސް ވަނީ އިންޑިއާއަށް ވަޑައިގެން ދިފާއީ ކަންކަމާ ގުޅޭ ބައްދަލުވުންތައް ބާއްވައިފަ އެވެ.