23 ނޮވެމްބަރ 2021 - 14:57

އަލަށް ހެދި ރަންވޭ އެކަނި ހުޅުވިޔަސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މައްސަލަ ހައްލު ނުވާނެ ކަމަށާއި މައްސަލަތައް ހައްލުކުރެވޭނީ އާ ޓާމިނަލްގެ ހިދުމަތް ވެސް ދޭން ފެށުމުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މައުސޫމް "މިހާރު" އަށް ވިދާޅުވީ ހަމައެކަނި ރަންވޭ ހުޅުވާލިއަސް އެހާ ކުޑަ އެއާޕޯޓެއްގައި، އަންނަ ހުރިހާ ޓޫރިސްޓުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ނުދެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހީކުރިވަރަށް ވުރެ ބާރު ސްޕީޑުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާ ރިކަވަ ވާން ފެށުމަކީ އެކަމަށް އެއާޕޯޓް ތައްޔާރުވުމަށް އެޅުނު އެއް ހުރަސް ކަމަށެވެ. އަދި މިހާރު ހުރި މައްސަލަތައް ހައްލުކުރަން އެއާޕޯޓާއި ސަރުކާރުގެ އެހެން އިދާރާތަކާ އެކު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެން ހީކުރި ވަރަށް ވުރެ ބާރު ސްޕީޑުގައި ޓޫރިޒަމްގެ ރިކަވަރީ މިހުރީ. އެހެންވެ ރެޑީވާން އުނދަގޫވާނެ. ކުރިން ވެސް އޮންނާނެ ބުނެފައި ޑިމާންޑް އަންނާނެ ކަމުގެ ވާހަކަ. އެކަން އިދާރާތަކާ ވެސް ހިއްސާކުރިން،" އޭނާ ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރު ބޮޑުވެ، ޖައްސަން އަންނަ ހުރިހާ ބޯޓެއްގައި ވެސް 45 މިނެޓަށް ހޯލްޑްގައި އޮވެވޭ ވަރަށް ތެޔޮ ބަހައްޓަން ބައެއް އެއާލައިންތަކަށް އެމްއޭސީއެލުން ވަނީ އަންގާފަ އެވެ. މިގޮތަށް ތެޔޮ އިތުރަށް އަންދަން ޖެހުމުން ރާއްޖެއަށް އަންނަން ނަގާ ޓިކެޓްގެ އަގު އިތުރަަށް ބޮޑުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް މައުސޫމް ވިދާޅުވި އެވެ. ޓިކެޓް އަގު ބޮޑުވާ ނަމަ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދަށް އަސަރުކުރާނެތީ އެކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.
"މުއްސަދިން ވިޔަސް ޓިކެޓްގެ އަގު މާބޮޑަށް ބޮޑުވާ ނަމަ އެކަމަށް ބަލާނެ،" އޭނާ ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވީ ހުރިހާ ފްލައިޓްތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ނުޖައްސާ، ބައެއް ފްލައިޓްތައް މާފަރަށް ޑައިވާޓް ކުރުމުގެ ވިސްނުން އެބަ ގެންގުޅޭ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ވަގުތުން ވަގުތަށް އެކަން ނުކުރެވެނީ އެ އެއާޕޯޓުގައި ތެޔޮ ރައްކާތެރިކުރުމުގެ ކެޕޭސިޓީ ނެތުމުންނެވެ. މޯލްޑިވިއަން އިން އެކަމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދުވަސްވަރު އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލްގެ އެތެރެ ފުރި ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ކިއު ހަދައިގެން ބޭރުގައި ވެސް އެތައް އިރެއް ވަންދެން ފަސިންޖަރުން ތިބެން ޖެހޭ ދުވަސްތައް ވެސް އާދެ އެވެ. ކެޕޭސިޓީ އަށް ނުތަކާވަރަށް ހިދުމަތްދެމުން އަންނަ އިރު، މި އުނދަގޫ ހާލަތު ބަދަލުކުރުމަށް އެމްއޭސީއެލް އިން ވެސް ދޭތެރެ ދޭތެރެއިން ފިޔަވަޅުތައް އަޅަ އެވެ. އެ ކުންފުނިން މީގެ ކުރިން ބުނީ މުޅި މައްސަލައަށް ހައްލެއް ލިބޭނީ އެއާޕޯޓު ތަރައްގީކުރުމުގެ ޕްރޮޖެކްޓް ނިމުމުން ކަމަށެވެ.