މާޒިޔާ ދޫކޮށް ނައްޓޭ އީގަލްސް އަށް
މާޒިޔާ ދޫކޮށް ނައްޓޭ އީގަލްސް އަށް

ރާއްޖޭގައި މިވަގުތު ހުރި އެންމެ ހަލުވި އެއް ވިންގާ މާޒިޔާގެ އަހުމަދު ނާޝިދު (ނައްޓޭ) ކްލަބް އީގަލްސް އަށް ސޮއިކޮށްފި އެވެ.

މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދި އީގަލްސްގެ އޮފިޝަލަކު ބުނީ ނައްޓޭ އެ ކްލަބަށް ކުޅެން އެއްބަސްވެ އެގްރިމެންޓުގައި ސޮއިކޮށްފައިވާ ކަމަށާއި އޭނާ ގުޅުމަކީ ކްލަބަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ. އަދި ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއާ އެކު އީގަލްސް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެ ކްލަބުން ދެކެ އެވެ.

ނައްޓޭ އަކީ އަންނަ ސީޒަނަށް ރަސްމީކޮށް ކްލަބް ބަދަލުކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ. އޭނާ މާޒިޔާ ދޫކޮށްލިއިރު އެ ކްލަބަށް މި ސީޒަނުގައި ކުޅުނު ގިނަ ކުޅުންތެރިން ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ.

ސ. ހިތަދޫ އަށް އުފަން ނައްޓޭ ވިދާލީ 2007 ވަނަ އަހަރު ޒޯން މުބާރާތުންނެވެ. އޭގެ ފަހުން އޭނާ ވަނީ ކްލަބް ވެލެންސިއާ އާއި ވީބީ އައްޑޫ އެފްސީ އަށް ކުޅެފަ އެވެ. މީގެ ދެ އަހަރު ކުރިން މާޒިޔާ އަށް ބަދަލުވެ ނައްޓޭ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ހަވީރުން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ތިން ވަނަ ކުޅުންތެރިޔާގެ މަގާމް ހޯދި ނައްޓޭ އަކީ ރާއްޖޭގެ ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ. އަރިމަތިން ކުޅޭ ދުވެލި ބާރު ނައްޓޭ އަކީ ގޯލާ ވެސް ރަށްޓެހި ކުޅުންތެރިޔެކެވެ.