ސަމޯއާގައި އަނބިމީހާގެ އުފަން ދުވަސް ފިރިމީހާ ހަނދާން ނެތުމަކީ ގާނޫނީ ކުށެއް
ސަމޯއާގައި އަނބިމީހާގެ އުފަން ދުވަސް ފިރިމީހާ ހަނދާން ނެތުމަކީ ގާނޫނީ ކުށެއް

އޯޝެނިއާގެ ގައުމެއް ކަމަށްވާ ސަމޯއާގައި އަނބިންގެ އުފަން ދުވަސް ފިރިންނަށް ހަނދާން ނައްތާލުމަކީ ގާނޫނީ ކުށަކަށް ހަދައިފި އެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަނބިމީހާގެ އުފަން ދުވަސް ފިރިމީހާ ހަނދާނުގައި ބަހައްޓައި، އެ ދުވަސް ފާހަގަކޮށް ދިނުމަކީ ބައިވެރިޔާގެ ހާއްސަކަން އަންގައިދޭ ވަރަށް މުހިއްމު ކަމެކެވެ. އެހެންވެ އެކަން އޮޅިގެން ވެސް ހަނދާން ނެތިއްޖެ ނަމަ ޖަލަށް ވެސް ދާން ޖެހިދާނެ އެވެ.

މީޑިއާތަކުން ބުނީ އަނބިމީހާގެ އުފަން ދުވަސް ފިރިމީހާ ހަނދާން ނެތި، އެ ދުވަސް ފާހަގަކޮށް ނުދީގެން އަނބިން އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފި ނަމަ އޮންނަ އުސޫލުގެ ތެރެއިން ފިރިންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ނަމަވެސް އަނބިމީހާގެ އުފަން ދުވަސް ފިރިމީހާ ހަނދާން ނެތުނީ އަލަށް ކަމަށްވާ ނަމަ، ފުރަތަމަ ފަހަރު ނަސޭހަތް ދީފައި ދޫކޮށްލުމުގެ ބާރު ފުލުހުންނަށް ލިބި ދީފައިވެ އެވެ. އެކަމަކު ތަކުރާރުކޮށް އެކަން ހަނދާން ނައްތައިލާ ނަމަ ދާން ޖެހޭނީ ޖަލުގެ ތޭރިތަކުގެ ފަހަތަށެވެ.

ސަމޯއާގައި މިފަދަ ގާނޫނަކަށް އަމަލުކުރަމުން އަންނަ އިރު، ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް މިފަދަ އާދަޔާހިލާފު ގާނޫނުތައް ގެންގުޅެން އެވެ. އެގޮތުން އުތުރު ކޮރެއާގައި ނޫ ކުލައިގެ ޖީންސް ލައިގެން ބޭރަށް ނުކުތުމަކީ މަނާ ކަމެކެވެ. އީސްޓް އެފްރިކާގައި ޖޮގިން ކުރުމަކީ މަނާ ކަމެކެވެ. އަދި ޗުވިންގަމް ކެއުމަކީ "މުޑިދާރު" ކަމަކަށްވާތީ ސިންގަޕޫރްގައި އެއީ މަނާ ކަމެކެވެ.

އެމެރިކާގެ އޮކްލޮހަމާގައި ކުއްތާތަކަކަށް ހުތުރު ބަސް ރައްދު ކުރުމަކީ ވެސް ޖަލަށްދާން ޖެހޭވަރުގެ ކުށެކެވެ. މީގެ ތިން އަހަރެއްހާ ދުވަސްކުރިން އިންޑިއާގެ އަވަށެއްގައި ހަމަޖައްސާފައި އޮތް އުސޫލަކީ ދުވާލު ނައިޓީ ލައިގެން ބޭރަށް ނުކުންނަ އަންހެނުން ޖޫރިމަނާ ކުރުމެވެ.