ސަރުކާރުން ހިދުމަތް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވެދާނެ އަމަލެއް ހިންގައިގެން ނުވާނެ: ރައީސް
ސަރުކާރުން ހިދުމަތް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވެދާނެ އަމަލެއް ހިންގައިގެން ނުވާނެ: ރައީސް

‎ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކަންކަން ކުރުމުގައި ކޮރަޕްޝަނަށް މަގުފަހި ވެދާނެ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

‎ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބެއްގައި ވިދާޅުވި ގޮތުގައި ‎ކޮރަޕްޝަން ނައްތާލުމަކީ ސަރުކާރުގެ ވަރަށް މަތިވެރި މަގުސަދެކެވެ. އެކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތައް ބަލައި ތަހުގީގުކުރުމަކީ އޭސީސީ އާއި ދައުލަތުގެ ކަމާ ބެހޭ ހުރިހާ މުއައްސަސާއަކުން ވެސް އެއްވެސް ޖެހިލުމެއް ނެތި ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް، ކަމާ ބެހޭ ގާނޫނުތަކަށް އިސްލާހު ގެނެސް، އަދަބު ތަންފީޒު ކުރުމުގައި ހުރި ގާނޫނީ ހުރަސްތައް ނައްތާލަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ކޮރަޕްޝަންގެ އަމަލުތަކުން އެއްކިބާ ވެވޭނީ ދައުލަތުގެ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ހާމަކަން ބޮޑު ގޮތެއްގައި ކަންތައްތައް ކޮށްގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

‎ރައީސްގެ ހިތާބު ނިންމަވާލައްވާފައި ވަނީ ދައުލަތުގެ މުއައްސަސާތަކަކީ ކޮރަޕްޝަންގެ އަމަލުތަކަށް ފުރުސަތު ނުދޭ، ނަޒާހަތްތެރި އިދާރާތަކަކަށް ހެއްދެވުމަށް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސް ކުރައްވަމުންނެވެ.

މީގެ އިތުރުން، އޭސީސީގެ ރައީސް ހަސަން ލުތުފީ އަށާއި އެ ކޮމިޝަންގެ މެންބަރުންނަށާއި މުވައްޒަފުންނަށް ރައީސް ވަނީ އިހުލާސްތެރިކަމާ އެކު ތަހުނިޔާ ދަންނަވައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ވެސް، ދުވަހުގެ ހެޔޮއެދުންތައް އެ މަނިކުފާނު އަރިސްކުރެއްވި އެވެ.